ރައީސް ޔާމީނަލީ އަނގައިން "މެޓާ ހިލާނެ" ބޭފުޅެއް ނޫން

ރައީސް ޔާމީނަކީ އަނގައިން "މެޓާ ހިލާނެ" ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަމަލުން "މެޓެހީލާ" ބޭފުޅެއް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އެތައް ތާރީޚެއް މިހާރުވެސް އިދިކޮޅު ފަރާތްތަކުން ދީފި ކަމަށެވެ. އަދި ރަށްރަށުން މީހުން މާލެ ގެނެސް އެތައް މުޒާހަރާއެއް ކޮށްފި ކަމަށެވެ. އެހެންނަމަވެސް ﷲގެ އިރާދަފުޅާއެކު އިދިކޮޅު ފަރާތްތައް ބޭނުންވި ގޮތަށް އެއްވެސް ކަމެއް ކުރެވިފައިނެތް ކަމަށެވެ. "އެމީހުން މެޓާހިލާނީ އަނގައިން. ރައީސް ޔާމީން އެކަން އެގޮތަށް ނުކުރައްވާނެ. އެމަނިކުފާނަކީ ސީދާ އަމަލު ކުރައްވާ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ 4 އަހަރުތެރޭ އެކަން ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށާއި މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުންވެސް އެކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ފާއިތުވި ފަންސަތިރީސް އަހަރު ރާއްޖެއިން ނުފެންނަ ވަރުގެ ތަރައްގީ ރައީސް ޔާމީން އެ ގެންދަވަނީ ގެނެސް ދެއްވަމުން. އެމަނިކުފާނުގެ ވެރިކަމުގައި އެތައް ރަށެއްގެ ބަނދަރު ހައްދަވައި ދެއްވައިފި. އެތައް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެގެންދަވަނީ ކުރައްވަމުން. މާގިނަ ދުވަހެއްނުވެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ މައްސަލައަށް ހަލެއް ލިބެނޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައި. މިވެރިކަމުގައި އެ ގެންދަވަނީ އެއާޕޯޓުތައް އެޅުމާއި، ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރަމުން. ފެނާއި ނަރުދަމާއި، އެގެންދަވަނީ ނިންމަވަމުން. މިއީ ނޫންތޯ ރައީސަކު ހުންނެވުމުގެ ބޭނުމަކީ،" ޚަލީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރަތްތަކުގެ ތެރެއިން އެމްޑީޕީއަށް އޭނާ ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ހެއްދެވި ގޮތަށް ރައީސް ޔާމީނަކީ ކޯލިޝަން ޕާޓުނަރުންނަށް ޕީއެމްއަށް ވަނުމަށް މަޖުބޫރު ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. "އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ 21 ދުވަސް ތެރޭގައި އޭރުގެ ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފައި. ދުވަސް ކޮޅަކުން ރައީސް ނަޝީދު ވިދާޅުވީ ދެންތިބި ކޯލިޝަން ޕާޓުނަރުން އެމްޑީޕީއާ ގުޅެން އެހެންނޫނީ އިސްތިއުފާދޭން. އެހެންތޯ މިސަރުކާރު. އެމްޑީއޭ އާއި ޑީއާރުޕީ މިސަރުކާރާ އެކު ވަރަށް އެކުވެރިކޮށް މަސައްކަތް ކުރައްވަމުން އެގެންދަވަނީ އެއްވެސް ޕްރެޝަރެއްނެތި،" އޭނާ ވިދާޅުވިއެވެ. "އެހެންވީމައި މިދެންނެވީ ރައީސް ޔާމީނަކީ ބަސްމަދު އަމަލު ގިނަ ބޭފުޅެކޭ. ދެންތިބީ އަމަލު ނުކުރާ ބަސްގިނަ މީހުންނޭ. އެމީހުން ކަންވެސް ކުރާނީ އަނގައިން ބަސްވެސް ބުނާނީ އަނގައިން،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.