އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ގާނޫނީ ވަކީލު މައިކަލް ކޯހެންގެ އޮފީހަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެޖެންޓުން ވަދެއެްޖެއެވެ.
2016 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާއިން ކުރި މަސައްކަތް ތަހުގީގުކުރައްވާ ޚާއްސަ ކައުންސެލް ރޮބަޓް މުލާގެ އެންގެވުމަށް އެމެރިކާގެ ތަހުގީގީ އިދާރާގެ އެޖެންޓުން ކޯހެންގެ އޮފީސް ފާސްކުރުަމަށްފަހު އޭނާގެ މުވައްކިލުންނާ ގުޅޭ ގިނަ ލިއުންތަކެއް ގެންގޮސްފައިވާ ކަމަށްވެއެވެ. އޭގެ ތެރޭގައި ރައީސު ޓްރަމްޕާ ގުޅުންތަކެއް އޮތް ކަމަށް ބުނެވޭ އެޑަލްޓް ފިލްމީ ތަރިއަކަށް ފައިސާތަކެއް ދިނުމާ ބެހޭ ލިއުންތައްވެސް ހިމެނެއެވެ.
ކަމާ ގުޅުން ހުރި ބައެއް ފަރާތްތަކުން ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދިން ގޮތުގައި ފާސްކުރުމުގެ އަމުރު އޮތީ ވަރަށް ފުޅާ ދާއިރާެެއްގައި އެކަން ކުރެވޭ ގޮތަށެެވެ. އޭގެ ތެރޭގައި ބޭންކް ރިކޯޑުތައް ވެސް ހިމެނޭ ގޮތަށެވެ.
ކޯހެންގެ އޮފީހުގެ ވަކީލަކު ކަމުގައިވާ ސްޓީވެން ރަޔާން ބުނި ގޮތުގައި ނިއުުޔޯކުގެ ސަދަން ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން މިކަމާ ގުޅޭ ގޮތުން ފާސްކުރުމުގެ ގިނަ އަމުރުތަކެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި ކޯހެންގެ އޮފީސް ފާސްކުރުން ވެސް ހިމެނެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ކޯހެންގެ އޮފީސް ފާސްކުރުމަށް އެފްބީއައިގެ 12 ވަރަަކަށް އެޖެންޓުން ހަރަކާތްތެރިވިއެވެ.
މި ފާސްކުރުމާ ގުޅިގެން ރައީސު ޓްރަމްޕް ވަނީ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެްއްގައި އެކަން ސިފަކުރައްވާފައި ވަނީ "ލަދުވެތި" ކަމެއް ގޮތުގައެވެ. އަދި "އަހަރުމެންގެ ތާރީޚަށް ދެވުނު ހަމަލާއެެއް" ގެ ގޮތުގައެވެ. ހޯމަ ދުވަހު ކޯފާވެ ހުންނަވައިގެން އޭނާ ދެއްކެވި ވާހަކަފުޅުގައި "މިކަން މިދަނީ އިންސާފެއްެނެތުމުގެ އާ ދަރަޖައަކަށް" ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
މިފަހަރު ރޮބަޓް މުލާ މި އެޅުއްވި ފިޔަވަޅާ ރައީސު ޓްރަމްޕް އޭނާ މަގާމުން ދުރުކުރެއްވުމަށް މަސަައްކަތްޕުޅު ކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.