މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ މަޝްހޫރު އިމާމު އަދި ޚަޠީބު އައްޝައިޚް ޑޮކްޓަރ ސުޢޫދުއް ޝުރައިމްގެ ޓްވިޓާ އެކައުންޓު 'ގެއްލިއްޖެ'އެވެ. ޝުރައިމްގެ ޓުވިޓާ އެކައުންޓު ވަނީ ވީގޮތެއް ނޭނގި ފާއިތުވި ހުކުރު ދުވަހު ގެއްލިފައެވެ.
ރަަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމުނަމާދު އިމާމުވެ ކުރެއްވުމުގައި ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވުމުގެ އިތުރަށް، މޮޅަށް ޚުޠުބާ ދެއްވައިގެން ޢާއްމުންގެ މެދުގައި މަޤްބޫލުކަން ހޯއްދަވާފައިވާ ޝައިޚް ޝުރައިމަކީ ޓްވިޓާގައިވެސް މަގްބޫލު ބޭފުޅެކެވެ. 3 މިލިއަނަށްވުރެ ގިނަ މީހުން، ޓްވިޓާއިން ރަސްމީކޮށް ވެރިފައިކޮށްފައިވާ އޭނާގެ އެކައުންޓު ފޮލޯކުރެއެވެ.
ޝުރައިމުގެ ޓްވީޓުތަކަށް ޝައުޤުވެރިވާ ގިނަ ބަޔަކަށް ހުކުރު ދުވަހުގެ ހެނދު ކުއްލި ހައިރާންކަމެއް ލިބުުނީ އެމީހުން ޝުރައިމްގެ ޓްވީޓުތައް ބަލަން އުޅުމުން "މިސަފުހާ މިހާރު ނެތް" ކަމަށް އަަރާފައިވާތީއެވެ. އެދުވަހުއްސުރެ ގިނަ ބަޔަކު ދަނީ އެކަމާމެދު ނުރުހުން ފާޅުކޮށް ޝުއޫރުތައް ބަންޑުން ކުރަމުންނެެެވެ. ގިނަ ބަޔަކު ގަބޫލުުކުރާ ގޮތުގައި ސައޫދީ ސަރުކާރުން އޭނާގެ ޓްވިޓާ އެކައުންޓު ބްލޮކްކުރުވީ އެވެ. އެއީ ސަޢޫދީ ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކަށް ފާޑުކިޔާ މީހުންގެ ޓްވިޓާ އެކައުންޓުތައް ބްލޮކްކުރަމުން ދާތީއެވެ. ސައޫދީ އަރަބިއްޔާގައި ސިނަމާތައް ހުޅުވުމާ މިއުޒިކު ޝޯތައް ބޭއްވުމާ ދެކޮޅަށް ޝައިޚް ޝުރައިމް ޚިޔާފާޅުކުރައްވާފައިވާ ކަމަށާއި، އިސްރާއީލާއި ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ދޭހަވާ ފަދަ ވާހަކަފުޅުތަކެއް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވުމުން، އަހަރުމެން އެދެނީ ޔަހޫދީންގެ އަތްދަށުން އަލްމަސްޖިދުލް އަޤްޞަ މިނިވަންވުން ކަމަށް ވިދާޅުވެ ނުސީދާކޮށް ޝުރައިމް އޭނާއަށް ރައެްދުދެއްވާފައިވާ ކަމަށެވެ.
ޝުރައިމްގެ ޓުވިޓާ އެކައުންޓު ގެއްލުމުގެ މައްސަލަ ހޫނު ވުމުން، އެކަމަށް ދެހަރަމްފުޅުގެ އިދާރާއިން ދެއްވީ ނުސީދާ ޖަވާބެކެވެ. އެތަނުގެ ރަސްމީ ތަރުޖަމާނު އަޙްމަދު އަލްމަންޞޫރީ މިއަދު ވިދާޅުވީ "ޙަރަމްފުޅުގެ އެެއްވެސް އިމާމެއްގެ ޓްވިޓާ އެކައުންޓެއް ނޯންނާނެ" ކަމުގައެވެ.
އައްޝައިޚް ޑޮކްޓަރ ސުޢޫދު ބިން އިބްރާހީމް ބިން މުޙައްމަދު ބިން އިބްރާހީމް އާލް ޝުރައިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރު ސައޫދީ ވެރިރަށް ރިޔާޒުގައެވެ. މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމުގެ އިތުރަށް އޭނާއަކީ މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ ކޮލެޖް އޮފް ޖުޑިޝަލް ސްޓަޑީޒް އެން ރެގިއުލޭޝަންސް ޑީން ވެސް މެއެެވެ.