އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ވައްޓައި ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިން މަސައްކަތް ކުރެއްވީ ގާނޫނީ އިމުން ބޭރުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ކަމަށެވެ. އެގޮތަށްކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން މިހާރު ދައްކަނީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ކުރިން އެކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޓު ފޮށިން ބަލިކުރަންޏާ ކުރަންވީ. އެކަމަކު އެކަމެއްވެސް ނުކުރެވޭނެ. ރައީސް ޔާމީން މިގައުމަށް ގެނެސް ދެއްވަމުން ގެންދަވަނީ އެއަށްވުރެ މާ ހެޔޮބަދަލުތަކެއް. ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވަނީ އެއަށްވުރެ މާބޮޑަށްވެސް ރަނގަޅު ކަންތައްތަކެއް. މިސަބުތަކަށްޓަކައި ރައްޔިތުންގެ ވޯޓު ރައީސަށް ލިބި ވަޑައިގަންނަވާނެ އިރާދަ ކުރެއްވިއްޔާ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ ދައްކާތާ ލައްކަ ދުވަސް ވެސް ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ތެރޭގައީ ފެކްޝަންތައް އުފެދި ޚިޔާލު ތަފާތުންތައް އިތުރުވެ އެކަންވެސް ރަނގަޅަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފަދަ ބަޔަކު ނުކުމެ ރައީސް ޔާމީން ވެރިކަމުން ވައްޓާލާ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއް ނޫންތޯ؟ ފުރަތަމަ އެމީހުންގެ އެތެރޭގެ ކަންކަން ހަމައަކަށް އަޅުވައިގެން ނޫންތޯ އެހެން ބަޔަކާ ދިމާއަށް އާދެވޭނީ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ މައިޕާޓީ ކަމަށްވާ އެމްޑީޕީ އެތެރޭގައި ވެސް ވަނީ ރައީސް ނަޝީދު ފެކްޝަނަކާއި އަބްދުﷲ ޝާހިދުގެ ފެކްޝަން އުފެދި ބައިބައިވެފައި ކަމަށެވެ. "އެހެންވީމާ އެހެން މީހުންނާ ދިމާކުރުމުގެ ކުރިން އެބަޖެހޭ އަމިއްލަ ކަންކަން ހަމައަކަށް އަޅުވަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ސްޕްރީމް ކޯޓުން ފެބުރުއަރީ އެކެއްގައި ނެރުނު ހުކުމާ ގުޅިގެން ރައީސް ނަޝީދުވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. "އެހެން ވިދާޅުވެ އެމްޑީޕީގެ ޖަގަހަ ތަކުގައި ތަތްކޮށްފައިވާ އެހެން ލީޑަރުންގެ ފޮޓޯތައް ވެސް އެމީހުން ނައްޓާލި. އެއިން ވެސް އެނގެނީ އެމީހުންގެ ތެރޭގައި ހަމަޖެހުމެއް ނެތްކަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.