ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބުގެ "އަމީ ވަން" ހަމަ ސަޅި

އައްޑޫ ސިޓީ، މަރަދޫ، ނަރުގިސްގޭ، އާމިނަތު އަމީޒާ ޚަލީލަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބެވެ. މިފަހަރު މިއުޅެނީ އޭނާ ކުރެއްވި ކަތީބު ކަމުގެ ވާހަކަ ދައްކާކަށް ނޫންނެވެ.

އެނގޭ ހެއްޔެވެ؟ އޭނާ ފިހާރައެއް ހުޅުވައިފިއެވެ. "އަމީ ވަން" ގެ ނަމުގައެވެ. އެތަން ހުންނަނީ މަރަދޫ، ބުލްބުލާ ގޭގައެވެ. އެއީ ގޯދިއްޔާގެ އޮފީސް ކުރިން ހިންގިތަނެވެ.

"އަމީ ވަން" އަކީ ރީތިވާ ސާމާނަށް ޚާއްސަ ފިހާރައެކެވެ. އެހެންނަމަވެސް ދިރިއުޅުމަށް ބޭނުންވާ އަސާސީ ސާމާނުވެސް އެތަނުން ލިބޭނެއެވެ. އޭގެ ތެރޭގައި ދޮންނަން ބޭނުންވާ ސާމާނާއި އަދިވެސް އެތައް އެއްޗެއް ހިމެނެއެވެ. ދެ ޖިންސަށް ބޭނުންވާ ބޮޑީ ސްޕްރޭ، ސެންޓު، ބޮޑީ ވޮޝް، ލޯޝަން، ޝޭމްޕު އެހެންގޮސް ލިޕްސްޓިކާއި ރީތިވާ ސާމާނު ނަންހުސްކޮށް އެތަނުން ލިބޭނެއެވެ.

އަމީ ވަން ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. ހުޅުވި ދުވަހުވެސް ގުޅިފައިވާ 4 ރަށުން މީހުން އައެއެވެ. އަމީގެ ފިހާރައިން ވިޔަފާރި ކޮށްލާ ހިތުންނެވެ. ފާއިތުވި ދެތިން ދުވަހުވެސް އަމީ ހައިރާން ކޮށްލިއެވެ. އޭނާ ކުރިން އުންމީދުވެސް ނުކުރާ ވަރަށް މީހުން އެތަނުން ވިޔަފާރި ކުރީމައެވެ.

އަގުވެސް ބޮޑެއް ނޫނެވެ. ޖީބަށް މާބުރަ ބޮޑު ނުކޮށް އަމީ ވަން އިން ވިޔަފާރި ކޮށްލުމަކީ ރަނގަޅު ތަޖުރިބާއަކަށްވެސް ވާނެއެވެ. އަމީގެ މަގުސަދަކީ ހަމައެކަނި ވިޔާރި ކުރުމެއް ނޫނެވެ. މީހުންގެ މޫނަށް ހާސްކަމެއް ވެރިވިޔަނުދީ އަމީ ވަން އިން އެއްޗެއް ވިއްކުމަކީ އަމީ ބޭނުންވާ ގޮތެވެ. މާނައަކީ އެ އެއްޗަކާ އެކަށީގެންނުވާ ވަރުގެ ބޮޑުއަގެއްގައި އެއްވެސް އެއްޗެއް ނުވިއްކާނެއެވެ.

އަމީ އެ ވިޔަފާރި ވަށައިފައިވަނީ މީހުންނަށް ލިބޭ އާމްދަނީއާއި ޚަރަދު ކުރަންޖެހޭ މިންވަރާއި މަހެއްގެ މައްޗަށް ރީތިވާ ސާމާނު ބޭނުންވާނެ ވަރާއި މިހުރިހާ ކަމަކަށް ވިސްނައި ފިކުރު ކުރެއްވުމަށްފަހު ކަސްޓަމަރުންގެ ޖީބަށް ބާރުބޮޑު ނުވާނެ ގޮތަށެވެ.

"މިތަނަށް ވަދެފައި ނުކުމެވޭނީ އަތަށް ނިކަން ހެޔޮވަރުގެ ކޮތަޅެއް ހިފައިގެން. އަގުވެސް ބޮޑެއްނުވާނެ. މި ފިހާރައަށް އަންނަ ކޮންމެ ކަސްޓަމަރަކުވެސް ހިތްހަމަ ޖެހިގެން ވިޔަފާރި ކުރުމުގެ މާހައުލެއް ގާއިމް ކުރުމަކީ އަޅުގަނޑު ވަރަށް އިސްކަން ދޭނެ ކަމެއް. އިރާދަ ކުރެއްވިއްޔާ ކަސްޓަމަރުން އުފާވާ، ހިތްހަމަޖެހޭ ތަނަކަށް އަމީ ވަން ހަދާނަން. އެކަން ކުރުމަށްޓަކައި ކަސްޓަމަރުންގެ ލަފާ އިންތިހާއަށް ބޭނުންވާނެ،" ސަމާސާ ރާގަކަށް އަމީޒާ ވިދާޅުވިއެވެ.

އަމީއަކީ އެންމެނާ ގުޅޭ އެންމެން ދަންނަން ހިތްހެޔޮ ބޭފުޅެކެވެ. އެހެންކަމުން އެ ފިހާރަށް ކަސްޓަމަރުން ހޯދުމަކީ އަމީއަށް ހަމަ މެޓައެކެވެ. ރީތިވާ ސާމާނު ވިއްކާ ތަންތަން އެ ނޫނަސް އައްޑޫގައި އެބަހުއްޓެވެ. އެތަންތަނާ އަޅައި ބަލާއިރު އަމީ ވަން ގެ ތަފާތާއި ޚާއްސިއްޔަތުކަން އެނގޭނީ އެތަނުން ވިޔަފާރި ކޮށްލުމުންނެވެ.

އެތަނުގެ އެންމެ ޚާއްސަ އެއްކަމަކީ އަންހެނުންނާއި ފިރިހެނުންގެ ރީތިވާ ސާމާނު އެއްތަނަކުން ލިބެން ހުރުމެވެ. ހުސްވުމެއް ނެތިއެވެ. "އިރާދަ ކުރެއްވިއްޔާ އެންމެ އިސްކަން ދޭނެ އެއްކަމަކީ މުދާ ހުސްނުވެ ލިބޭނެ ގޮތްހެދުން. ހުސްނުވެ އަބަދުވެސް ހުރިހާ އެއްޗެއް ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް،" އަމީޒާ ވިދާޅުވިއެވެ.

އަމީ ވިދާޅުވި ގޮތުގައި މިހަފްތާތެރޭގައި އެތަނުން ވަރަށް ރަނގަޅު ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ވަކި އަދަދަކަށްވުރެ ގިނަ ރުފިޔާގެ ސާމާނު ގަތުމުން ބޮޑު ޑިސްކައުންޓަކާއެކު "ގިފްޓް ޕެކެއް" ލިބޭނެއެވެ.
މިއީ އަމީ ވަން އެވެ. މާނައަކީ އަމީގެ ފުރަތަމަ ފިހާރައެވެ. އޭނާގެ އުންމީދަކީ ފިހާރައިގެ ނަމުގެ ފަހަތަށް އެއަންނަ އަދަދު އެކަކުން ދެއަކަށް، ދެއަކުން ތިނަކަށް ތިނަކުން ހަތަރަކަށް އަދި އެއަށްވުރެވެސް އިތުރު ކުރުމެވެ. އަމީއަށް ވާނެއެވެ. އޭނާ ކުރާނެއެވެ.

އިރާދަކުރެއްވިއްޔާ ދެން ކޮންމެވެސް ދުވަހަކުން ފެންނާނީ "އަމީ ޓޫ" ހުޅުވާތަނެވެ. އަމީއަށް މަރުހަބާއާއި ޝުކުރު ހުއްޓެވެ. އަމީގެ ކަސްޓަމަރުންނަށް ފާގަތި ހުއްޓެވެ. އަމީގެ ފިހާރައަށް ކުރިއެރުން ހުއްޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.