ވަކިގައުމަކާ މާބޮޑަށް ގާތްވުމަކީ ގޯހެއް، ރާއްޖެ މިދަނީ ޗައިނާއާ މާބޮޑަށް ގާތްވަމުން- ދުންޔާ

ރާއްޖެ ފަދަ ގައުމެއް ވަކި ގައުމަކާ މާބޮޑަށް ގާތްވެ، ވަކި ގައުމަކަށް މާބޮޑަށް ޑިޕެންޑް ވުމަކީ އޭގެ ސަބަބުން "ނުރައްކަލެއް" އޮތް ކަމެއް ކަމަށާއި ރާއްޖެ މިހާރު ދަނީ ޗައިނާއާ މާބޮޑަށް ގާތް ވަމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖެ ފަދަ ގައުމެއް ޚާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭނީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާ ނުވާ ޚާރިޖީ ސިޔާސަތެކެވެ. ވަކި ގައުމަކަށް މާބޮޑަށް ޑިޕެންޑްވެ، ވަކި ގައުމަކާ މާބޮޑަށް ގުޅުން ބަދަހި ކޮށްފިނަމަ އެގައުމުގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ޗައިނާއާވެސް ގުޅުން ބާއްވަންޖެހޭނެ ނަމަވެސް އެއްވެސް ގައުމަކާ ބާއްވާ ގުޅުމަކީ އޭގެ ސަބަބުން ރާއްޖެއަށް އިންތިހާއަށް ނުފޫޒު ފޯރުވިދާނެ ގޮތަކަށް ބާއްވާ ގުޅުމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ދުންޔާ ވިދާޅުވީ ގައުމުތަކާ އޮންނަން ޖެހޭނީ ހަމަހަމަ ގުޅުން ތަކެއް ކަމަށާއި ދުންޔާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިންޑިޔާއާވެސް ރަނގަޅު ގުޅުމެއް އޮތް ކަމަށާއި ނަމަވެސް އިންޑިޔާއަށް ބަރޯސާ ވެގެން އޮންނަ ފަދަ ގުޅުމެއް ނުބާއްވާ ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ ރާއްޖެއިން ހުރިހާ ގައުމަކާވެސް ގުޅުން ބަދަހި ކުރާނެ ކަމަށާއި އިންޑިޔާއަކީ ރާއްޖޭގެ އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އިންޑިޔާވެސް އަދި ޗައިނާވެސް ދޫކޮށްލެވެން ނެތް ކަމަށެވެ. ދެގައުމަކީވެސް މުހިންމު ދެގައުމު ކަމަށާއި ރާއްޖެ ބޭނުން ވަނީ ތަރައްގީވާން ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.