ވިޔަފާރި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ދޫކުރާ ލޯނަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާފައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުަވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ލޯނު ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 50 މިލިޔަން ރުފިޔާ ކަމަށެވެ. މިއީ ސީދާ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނަށް އެދުމުގެ ފުރުސަތު ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް އޮންނާނެއެވެ.

ވަކި ފަރުދަކު ކުރާ ވިޔަފާރިއެއް ނަމަ މި ސްކީމުގެ ދަށުން 500،000 ރުފިޔާ ދޫކުރެވޭނެއެވެ. ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ 1.5 މިލިޔަން ރުފިޔާ ދޫކުރެވޭނެއެވެ. އެއީ މި ސްކީމުން ލޯން ދޫކުރާނެ އެންމެ ބޮޑު އަދަދެވެ.
މި ލޯން ދޫކުރާނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި، ދަތުރުފަތުރު ކުރުމުގެ ދާއިރާއި، އިމާރާތްކުރުމުގެ ދާއިރާއި، ދަނޑުވެރިކަމުގެ މަސައްކަތަށާއި، މަސްވެރިކަމާއި، ކޯޕަރޭޓިވް ސޮސައިޓީއާއި، ސާވިސް އިންޑަސްޓްރީއަށާއި، ވޭސްޓް މެނޭޖްމަންޓް ދާއިރާ އަށާއި، އޯޕަން ކެޓަގަރީ ދާއިރާ އަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ މި ލޯން ނަގާ ފަރާތްތަކުން ލޯން އަނބުރާ ދައްކާނެ މުއްދަތު ކަނޑައެޅޭނީ ވިޔަފާރީގެ މާލީ ހިސާބުތަކަށް ބެލުމަށްފަހު ކަމަށެވެ. ޅޮން ދެއްކުމުގައި 9 އަހަރަށްވުރެ އިތުރު ނުވާނެއެވެ. ލޯން ދެއްކުމަށް ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ.

މި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.