ރިޔާސީ އިންތިޚާބާ ކައިރިކޮށް އައިޑީކާޑު އާކުރަން ހުށަހަޅާނަމަ ދަތިތަކެއް ކުރިމަތިވާނެ- ޑީއެންއާރު

މިއަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބާ ކައިރިކޮށް ގިނަބަޔަކު އައިޑީކާޑު އާކުރަން ހުށަހަޅާނަމަ ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން ދުރާލާ އައިޑީކާޑު އާކުރަން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އިލްތިމާސް ކޮށްފިއެވެ.

ޑީއެންއާރު އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އައިޑީކާޑުގެ މުއްދަތު ހަމަވެގެން، ނުވަތަ ގެއްލިގެން، ނުވަތަ ހަލާކުވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ އައިޑީކާޑު ހައްދަންޖެހޭ ހުރިހާ ފަރާތަކުންވެސް ދުރާލައި އައިޑީކާޑު ހަދައިގެން ތިބުން ބުއްދިވެރި ކަމަށެވެ. ސަބަބަކީ މިއަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމަށްވުމުގެ އިތުރުން މިފަހަރު ޙައްޖާއި އުމްރާއަށްދާ މީހުންގެ ތެރެއިންވެސް އައިޑީކާޑު އާކުރަންޖެހޭ މީހުން އުޅޭތީ އެ ޑިޕާޓްމެންޓަށް އެއްފަހަރާ ގިނަބަޔަކު އައިޑީކާޑު ހައްދަން ހުށަހަޅާނަމަ އެތަނަށް ބާރު ބޮޑުވާނެތީއެވެ.

ޑީއެންއާރުން ބުނީ ކާޑުގެ މުއްދަތު ހަމަވާން 6 މަހަށްވުރެ ކުރު މުއްދަތެއް އޮތް ފަރާތެއްނަމަ ކާޑު އާކުރުމަށް ހުށަހަޅައިފިނަމަ ކާޑު އާވެސް ކޮށްދޭނެ ކަމަށެވެ. ދުރާލައި އައިޑީކާޑު އާކުރަން ޑީއެންއާރުން އިލްތިމާސް ކުރިއިރު އިލެކްޝަން ކޮމިޝަނުން ދާދިފަހުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންވެސް ލިސްޓް އަންނަ މެއި މަހުގެ ތެރޭގައި ނެރޭނެ ކަމަށެވެ. ވޯޓުލާ މީހުންގެ ލިސްޓަކީ އިލެކްޝަން ކޮމިޝަނާއި ޑީއެންއާރު ގުޅިގެން ތައްޔާރުކުރާ ލިސްޓެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.