ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކު މާލެ އާއި ހުޅުލެއާ ދެމުދު އަޅަމުން އަންނަ ބްރިޖުގެ މަސައްކަތް ކުރީގެ ހައުސިންގ މިނިސްޓަރު އުމަރު ޒާހިރު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް މައުމޫންގެ ދައުރުގައި ހައުސިންގ މިނިސްޓަރު ކަމުގައި ހުންނަވައިގެން ގިނަ މަސައްކަތް ތަކެއް ކުރެއްވި އުމަރު ޒާހިރު މިއަދު ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ބްރިޖަށް ވަޑައިގެންނެވީ މިހާރުގެ ހައުސިންގ މިނިސްޓަރު ޑރ މުޙަންމަދު މުއިއްޒުގެ އަރިހުގައެވެ.
އުމަރު ޒާހިރަކީ މާލޭގެ މަގުތަކުގައި ގާ އެޅުމާއި، ރަށްރަށުގެ ތޮށިލުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ރައީސް މައުމޫންގެ ސަރުކާރުން ހިންގި ދުވަސްވަރު އެކަމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ފަރާތެވެ. އޭރުވެސް އުމަރު ޒާހިރު ފާހަގަ ކުރެވިގެން ދިޔައީ ސީދާ މަސައްކަތުގެ މައިދާނަށް ވަޑައިގެން މަސައްކަތް ހިނގާ، ނުހިނގާ ބައްލަވާ މިނިސްޓަރުގެ ގޮތުގައެވެ. ގިނައިން އޭރު ވަޑައިގަންނަވާނީވެސް ބައިސްކަލް ކޮޅުގައެވެ.
ބްރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު ސަރުކާރުން ބުނެފައި ވަނީ ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ބްރިޖް ހުޅުވި، ބްރިޖުގައި ދަތުރު ފަތުރު ކުރެވޭވަރު ވާނެކަމަށެވެ. މާލެ، ހުޅުމާލެ ގުޅުވާލަން ހަދާ މި ބްރިޖް ހުޅުވުމާއެކު އެކަމުގެ ފަސޭހަކަން ވަރަށް ބޮޑަށް ލިބިގެންދާނެއެވެ.