ބޮސްފޯރަސް ކަނޑު އޮޅީގައި ދަތުރުކުރަމުން ދިޔަ އާގުބޯޓަކުން ޖެހި އިމާރާތެއް ހަލާކުވެއްޖެ

އާގު ބޯޓުން ޖެހި ހަލާކުވީ އިމާރާތް

ތުރުކީގެ އިސްތަންބޫލުގެ މެދުން އޮންނަ، އޭޝިޔާއާއި ޔޫރަޕް ވަކިކުރާ ކަނޑުއޮޅިން ދަތުރުކޮށްފައި ދިޔަ އާގުބޯޓެއް އިމާރާތެއްގައި ޖެހި އެ އިމާރާތް ހަލާކުވެއްޖެއެވެ. ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބޯޓު ކޮންޓްރޯލް ނުކުރެވުނީކަމަށް ޓީއާރުޓީ ވާލްޑް ޓީވީން ޚަބަރުދެއެވެ.
އިމާރާތުގައި ޖެހުނީ މޯލްޓާގައި ރަޖިސްޓަރީކޮށްފައިވާ ވިޓާސްޕިރިޓް ކިޔާ ބޯޓެވެ. ބޯޓުން ޖެހުމުގެ ސަބަބުން އިމާރާތުގެ މަތީ ބައިތައް ހަލާކުވެފައި ވާއިރު، ތިރީ ބައި ބިންދައިގެން މޫދަސް ފައިބާފައިވާތަން މަންޒަރުތަކުން ފެނެއެވެ.
ބޮސްފޯރަސް ކަނޑުއޮޅީގައި އިމާރާތްކޮށްފައިވާ، ތުރުކީބަހުން ޔާލީއޭ ކިޔަ މިފަދަ އިމާރާތްތަކަކީ އަގުބޮޑު، ތާރީޚީ އިމާރާތްތަކެކެވެ. މީލާދީން 17 ވަނަ ގަރުނާއި އަށާރަ ވަނަ ގަރުނުގެ ތެރޭގައި އިމާރާކޮށްފައިވާ ޔާލީތައް މިތަނުގައި ހުރި އިރު، އެންމެ އަގުބޮޑު ޔާލީގެ އަގު 100 މިލިއަން ޑޮލަރަށް އަރައެވެ. ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި އެއީ ދުނިޔޭގެ 5 ވަނައަށް އެންމެ އަގު ބޮޑު ގެއެވެ.
މި އާގުބޯޓުން ޖެހުނު ހަކީމްބާސީ ސާލިހް އަފަންދީ އިމާރާތަކީ 18 ވަނަ ގަރުނު އިމާރާތެކެވެ. މިހާރު މީހުން ދިރިނުއުޅޭ އެ އިމާރާތް ބޭނުންކުރަނީ ކައިވެނި ހަފުލާތަކަށާއި، މުއުޒިކު ޝޯތަކަށެވެ.
ޑެނިޒް ހާބާ މެރިޓައިމް ނިއުސް އެޖެންސީން ޚަބަރުދޭ ގޮތުގައި 740 ފޫޓު ދިގު އާގުބޯޓު ދަތުރުކުރަމުން ދިޔައީ މިސްރުން ޔުކްރޭނަށެވެ. އަދި އެބޯޓު އިމާރާތުގައި ޖެހުނީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކުންނެވެ.
އެވަގުތު ނަގާފާއިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްތަންބޫލުގެ އޭޝިޔާ ފަޅީގައިވާ އެ އިމާރާތުގައި ގޮސް ޖެހުނީ ބޯޓުގެ ދިރުނބާކޮޅުންނެވެ. އަދި ޖުހުމާއެކު ބޯ ހިރަފުސްގަނޑެއް އަރައިގެން ގޮސް އިމާރާތުގެ ބައިތައް ބުރަބުރައިގެން މައްޗަށް އަރައިގެން ދާތަން ފެނެއެވެ. އާގުބޯޓު އެތަނުން ދުރުކުރަން ޖެހުނީ ޓަގުބޯޓުގެ އެހީގައެވެ. އަދި މިވަގުތަށް ބޮސްފޯރަސް ކަނޑު އޮޅި ވަނީ ބަންދުކުރެވިފައެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ.
ބޮސްފޯރަސް އަކީ ދުނިޔޭގެ އެންމެ ކާރުބާރު ބޮޑު އެއް ކަނޑުއޮޅިއެވެ.މަރްމަރާ ކަނޑާއި ކަޅު ކަނޑު ގުޅުވައިދޭ 31 ކިލޯމީޓަރު ދިގު މި ކަނޑުއޮޅި ހުރަސްކޮށް 2017 ވަނަ އަހަރުވެސް 42000 ބޯޓު ދަތުރުކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.