އީރާނުގެ ވެރިރަށް ތެހެރާނުން އައިސް އިރާގު ހުރަސްކުރުމަށް ފަހު ސީރިޔާގެ ވެރިރަށް ދިމިޝްގަށް ދަތުރުކުރެވޭ މޯޓަވޭއެއް (ހައިވޭއެއް) ހެދުމާ ބެހޭ އެއްބަސް ވުމެއްގައި އިރާގާއި ސީރިޔާއާއެކު އީރާނުން ސޮއިކޮށްފިއެވެ. ޚިޔާލުކުރެވިފައި ވަނީ ފަހުން ލެބެނާނާއެކު ވެވޭ އެއްބަސްވުމެއެއްގެ ދަށުން ލެބެނާނާ ހަމައަށް މި މޯޓަވޭ އެޅުމެވެ. މިއެއްބަސްވުމުގައިވާ ގޮތުން މުޅި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނީ އީރާނުގެ ކުންފުނިތަކުންނެވެ.
މިއީ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމެކެވެ. އެފަރާތްތަކުން ދެކެނީ މިއީ އީރާނުން ސީރިޔާގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެގެން އެގައުމުން ނަގާ ފައިދާ ކަމުގައެވެ. އަދި 2012 ވަނަ އަހަރު ރައީސު ބައްޝާރުލް އަސަދުގެ ސަރުކާރު ހިމާޔަތްކުރަން ސީރިޔާއަށް ވަނުމުގެ ބަދަލުގެ ގޮތުގައި އީރާނު ހޯދާ މަންފާ ކަމުގައެވެ. އަދި މިއީ އަހަރުތަކެއް ކުރިއްސުރެ ތެހެރާނުން ރާވަމުން އަންނަ މަޝްރޫއެއްގެ ފެށުން ކަމުގައެވެ.
ސީރިޔާގެ އިސްވެރިންނާ ގާތް މަސްދަރުތަކުން ޚަބަރުލިބޭ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނުން ފެށޭ އެ މޯޓަވޭ އިރާގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސްކުނާއެވެ. އެއަށްފާހު ސީރިއާ ސަރަހައްދު ތެރެއިން ލާފައި ދިމިޝްގާ ހަމައަށް އަންނާނެއެވެ. އެއީ 1700 ކިލޯމީޓަރު ދިގު ރާސްތާއެކެވެ.
މަޝްރޫއުގެ ތަފްސީލުތައް ބުނާގޮތުން ތެހެރާނުން ދިމިޝްގަށް އެ މޯޓަވޭ އިން ދަތުރުކޮށްފައި 16 ވަރަކަށް ގަޑިއިރުން ދެވޭނެއެވެ. ކާރު ދުއްވުމުގެ އެވްރެޖް ސްޕީޑެއް ކަމުގައި ބަލާފައިވަނީ ގަޑިއަކު 140 ކިލޯމީޓަރެވެ. އެ މޯޓަރވޭގައި 50 މީޓަރު ފުޅާ ހަތަރު މަގު ހިމެނޭނެއެވެ. އެއީ ކޮންމެ ކޮޅަކަށް 50 މީޓަރުގެ ދެމަގެވެ. ކޮންޓެއިނާތަކަށާއި، ބޮޑެތި ލޮރީތަކަށް އެއް މަގާއި، ކާރުތަކާއި ކުދި އުޅަނދުތަކަށް އެއް މަގެވެ.
ޕެޓްރޯލް ޕަންޕްތަކާ، އަރާމުކުރާނެ ތަންތަނާ، ޕާކުތަކާ، ރެސްޓޯރަންޓުތަކާ، މަތީފެންވަރުގެ ހޮޓެލް ދެފަރާތުގައި ތައްޔާރުކުރުމާއެކު ހެދޭ މި މޯޓަވޭ ބަލަހައްޓާނީ އިރާނާއި އިރާގާއި ސީރިޔާގެ ސިފައިންނެވެ. މީގެ އިތުރަށް 3 ގައުމުގެ ފުލުހުންވެސް މަގު އަމާންކުރުމަށް ހަރަކާތްތެރިވާނެއެވެ. މިކަމަށްޓަކައި މަގުގެ ދެފަރާތުގައި 150 އާ 300 އާ ދެމެދުގެ އަދަދަކަށް މަރުކަޒު ހެދޭނެއެވެ.
މަސައްކަތް ފަށާ ދުވަހުން ފެށިގެން ދެ އަހަރުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ މި މޯޓަރވޭއަށް ކުރާ ޚަރަދު 5 އަހަރުގެ ތެރޭގައި ލިބޭނެކަމަށް 3 ގައުމުން ލަފާކުރެއެވެ. އެއަގު ލިބެންދެން ދަތުރުކުރާ މީހުންއަތުން ފީއެއް ނެގޭނެއެވެ. އަގުލިބުމަށްފަހު މޯޓަވޭ ގައި ހިލޭ ދަތުރުކުރެވޭނެއެވެ.
ތިން ގައުމުގެ އާބާދީގައި ޖުމްލަ 147 މިލިއަން ތިބިއިރު، ތިން ގައުމުން ލަފާކުރަނީ މިމޯޓަވޭއަކީ ޓޫރިޒަމަށް ހުޅުވާލެވޭ ބޮޑު ދޮރަކަށް ވެގެންދާނެ ކަމުގައެވެ.