ގާސިމްގެ އަންހެން ދަރިކަނބަލުން ސަނާ އިދިކޮޅު ސިޔާސީ ހަރަކާތަށް ނުކުންނަވައިފި

ޖަލު ޙުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަންހެން ދަރިކަނބަލެއް ކަމުގައިވާ ސަނާ ގާސިމް ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތަށް ނުކުންނަވައިފިއެވެ.

އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އޮތް ސިޔާސީ އެއްވުމަކަށް ނުކުމެވަޑައިގެން ފުރަތަމަ ފަހަރަށް ސަނާ ވަނީ އާންމުންނާ ކުރިމަތި ލައްވައި ވާހަކަވެސް ދައްކަވާފައެވެ. ސަނާ ވިދާޅުވީ ބައްޕަ ގާސިމް އިބްރާހިމްގެ ކުށަކީ ރައީސް ޔާމީނަށް ތާއީދު ނުކުރެއްވުން ކަމަށާއި އަދި ޖަލުގައި މިވަގުތު ހުންނެވި ކޮއްކޮ ޝިޔާދު ގާސިމްގެ ކުށަކީ ގާސިމް އިބްރާހިމްގެ ދަރިއަކަށް ވުން ކަމަށެވެ.

ސަނާ ވިދާޅުވީ ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރައްވައިގެން ކަމަށާއި އަދި ގާސިމްގެ ވިޔަފާރި "ބަނގުރޫޓް" ކުރަނީވެސް އެހެންވެ ކަމަށެވެ.

ސަނާ ވިދާޅުވީ ކޮއްކޮ ޝިޔާދު ޖަލަށް ލާފައި ވަނީވެސް "ވަރަށް ރަޙުމް ކުޑަކޮށް" ކަމަށާއި އެއީ އިންސާފުން ހިނގައިދިޔަ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ޝިޔާދު ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީވެސް އާއިލާއަށް ވަރަށް ބޮޑެތި ހިތާމަތަކެއް ކުރިމަތި ވަމުން އަންނަ ދުވަހެއް ކަމަށް ސަނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ކުށުގައި ޖަލު ޙުކުމެއް ގާސިމް އިބްރާހިމްއަށް އިއްވާފައިވާއިރު ޝިޔާދު ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.