އިންތިޚާބަށް އޮތީ ކުޑަ ވަގުތުކޮޅެއް، ވާހަކަ ދައްކައިގެން އަދިވެސް ޙައްލު ހޯދިދާނެ- ދުންޔާ

މިއަހަރުގެ ރިޔާސީ އިންތިޚާބަށް މިއޮތީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި ނަމަވެސް ސަރުކާރާއި، އިދިކޮޅު ފަރާތްތަކުން އެކުގައި އިށީދެގެން ވާހަކަ ދައްކައިގެން އަދިވެސް އިންތިޚާބުގެ ކުރިން ސިޔާސީ ކަންކަމަށް ޙައްލެއް ހޯދިދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުން ތަކަށް ޙައްލު ހޯދޭނެ ހަމައެކަނި ގޮތަކީ ދެފަރާތުން އެކުގައި އިށީދެގެން ވާހަކަ ދެއްކުމެވެ. ދުންޔާ ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ދެފަރާތުގެވެސް އިތުބާރު ގެއްލުމެވެ.

ދުންޔާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ސަރުކާރުން ބުނަމުންދާ ކަމަށާއި، ދިމާވެގެން އުޅޭ ސިޔާސީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ދެފަރާތުންވެސް ގޮތްދޫކުރަން، އަދި އެބަޔެއްގެ އަމިއްލަ ކުށް ގަބޫލު ކުރަންޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ރަނގަޅު އެއްވެސް ކަމެއް ކޮށްފައި ނެތެވެ. ނަމަވެސް ހަގީގަތަކީ ރައީސް ޔާމީންގެ ސަރުކާރުންވެސް ރަނގަޅު ކަންކަން ކޮށްފައި ހުރިކަން ކަމަށާއި، ކުރައްވާފައިވާ ރަނގަޅު ކަންކަން އިދިކޮޅު ފަރާތްތަކުންވެސް ގަބޫލު ކުރަންޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ. އަނެއްކޮޅުން ސަރުކާރު ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް އުޅޭކަން ސަރުކާރުންވެސް ގަބޫލު ކުރަންޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އިންތިޚާބަށް ދާއިރު ދެފަރާތުން ވާހަކަ ދައްކަންޖެހޭނީ ލީޑަރުން ކަމަށާއި، އިންތިޚާބަށް ދާއިރު ޙައްލު ހޯދަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނަށްވާން ބޭނުންވާ ބޭފުޅުންނަށް އެފުރުޞަތު އޮންނަންޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނީ ގޮތުން ބޮޑެތި ކުށްތައް ކުރައްވައި ސާބިތު ވެފައިވާ ބޭފުޅުންނަށް އެ ފުރުޞަތު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ދެވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ ދޮށީ އުމުރެއް މިހާރު އޮތުމެވެ. އެހެންކަމުން އެކަމަށްވެސް ޙައްލެއް އަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.