ޔަހޫދީންގެ އެތައް ސަތޭކަ ބަޔަކު އަލްމަސްޖިދުލް އަަޤްޞާއަށް ވަަދެގެންފި

އިސްރާއީލު ސިފައިން ހިމާޔަތްދީގެން ޔަހޫދީން އަލްއަޤްޞާގެ ހަރަމްފުޅުގެ ތެރެއަށް ވަންނަނީ

އިސްރާއީލު ސިފައިންގެ ސްޕެޝަލް ފޯސަސްގެ ހިމާޔަތް ލިބިގެން އެތައް ސަތޭކަ ޔަހޫދީން ޙުރުމަތްތެރިވެގެންވާ އަލްމަސްޖިދުލް އަޤްޞާގެ ހަރަމްފުޅުގެ ތެރެއަށް ވަދެެގެންފިއެވެ. އިސްރާއީލު ހިފާފައިވާ އިރުމަތީ ޤުދްސުގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންެމެ މުޤައްދަސް ހަރަމްފުޅަށް ޔަހޫދީން ވަދެގަތީ އެބައިމީހުންގެ އީދެއް ކަމުގައިވާ ޕާސްއޯވާ (ޢީދުލްފުޞްޙް) ފާހަގަކުރަން ކަމަށް ބުނެއެެވެ. ޕާސްއޯވާ ނުވަތަ ޢީދުލްފުޞްޙަކީ "އަޅުވެތިކަމުގެ ބިމުން މިނިވަންކަމުގެ ބިމަށް" ޔަހޫދީން ބަދަލުވުމުގެ ހަނދާނުގައި ޔަހޫދީން ފާހަގަކުރާ އީދެކެވެ. އެއް ހަފުތާއަށް ދެމިގެންދާ މިއީދު މިއަހަރު ފާހަަގަކުރަނީ 30 މާރިޗުން 07 އެޕްރީލަށެވެ.
ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީން ބުނާ ގޮތުގައި އިއްޔެ އެކަނިވެސް، އިސްރާއީލު ސިފައިންގެ ހިމާޔަތުގައި، 500 އަށް ވުރެ ގިނަ ޔަހޫދީން އަލްއަޤްޞާގެ ހަރަމްފުޅުގެ ތެރެއަށް ވަނެވެ. ވަފާއިން ލަފާކުރާ ގޮތުގައި މިއަދު (ހުކުރު ދުވަހު) އިތުރު މީހުން ވަނުން އެކަށީގެން ވެއެވެ.
ހަރަމްފުޅުގެ ތެރެއަށް ވަދެގަތް ޔަހޫދީން ވަނީ އެމީހުންގެ މުޤައްދަސު ފޮތް ތަލްމޫދު ކިޔަވައި އެެތަނުގައި ހުރިކަމަށް އެމީހުން ދައުވާކުރާ 'ހައިކަލު ސުލައިމާނު' ގެ ތަފްސީލުތަކުގެ ވާހަަކަ އެތަނުގައި ދައްކާފައެވެ. އަދި އެމީހުންގެ އީދުގައި ކުރާ އަޅުކަން އެތަނުގައި ކުރިއެވެ. އަނެއްކޮޅުން މިސްކިތަށް ނަމާދަށް ވަން ފަލަސްޠީނުގެ ޒުވާނުންގެ އައިޑީ ކާޑުތައް އިސްރާއީލު ސިފައިން ދިޔައީ އަތުލަމުންނެވެ.
ޤުުދްސުގެ އިސްލާމީ ވަގުފުތައް ބަލަހައްޓާ އިދާާާރާގެ ތަރުޖަމާނު ފިރާސުއްދީބް ބުނި ގޮތުގައި ފާއިތުވި އާދިއްތަ ދުވަހުއްސުރެ އަލްއަޤްޞާގެ ހަރަމްފުޅުގެ ތެރެއަށް ވަދެގަތް ޔަހޫދީންގެ އަދަދު 1700 އަށްވުރެ ގިނައެވެ.
އަލްމަސްޖިދުލް އަޤްޞާެއާއި މަސްޖިދު ޤުއްބަތިއްޞަޚްރާ ހުންނަނީ ޤުދްސުގެ ހަރަމްފުޅު ތެރޭގައެވެ.
ހަރުކަށި ޔަހޫދީން ވަނީ އެމީހުންގެ އީދު ފާހަގަކުރުމަށްޓަކައި މިއަދު އަލްމަސްޖިދުލް އަޤްޞާ ހުސްކޮށްފައި މުސްލިމުން ނުކުތުމަށް ގޮވާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.