ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި އެންމެން ގެޔަށް ދޫކޮށްލަން ޖެހޭނެ- ދުންޔާ

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކުރެވުނު ހުރިހާ ފަރާތެއް ގޭ ބަންދަށް ދޫކޮށްލަން ޖެހޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރު ކޮށްފައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފް ގޭބަންދަށް ބަދަލު ކުރުމާއި ގުޅިގެން މަޙްލޫފަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ދުންޔާ ވިދާޅުވީ މަޙްލޫފެކޭ އެއްފަދައިން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައި މިހާރު ތިއްބެވި ހުރިހާ ބޭފުޅުންވެސް ގޭބަންދަށް ބަދަލު ކުރަންޖެހޭނެ ކަމަށެވެ.

ދުންޔާގެ ޓްވީޓުގައި ވަކިން ޚާއްސަކޮށް ބައްޕާފުޅު މައުމޫން އަބްދުލްގަތްޔޫމްގެ ނަން ވަނީ ލިޔުއްވާފައެވެ. ދުންޔާ ވިދާޅުވީ "ފާދަރ އޮފް ނޭޝަން" މައުމޫން އަބްދުލްގަތްޔޫމް މިހާރުން މިހާރަށް ގެޔަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ބޭފުޅުންގެ ތެރޭގައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކޮށްފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދާއި ޖުޑީޝަލް ސާވިސްގެ ޙަސަން ސައީދުގެ އިތުރުން ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒް އާއި އަރީފް އަދި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން ޝިޔާދު ގާސިމް އާއި އެނޫންވެސް ބަޔެއް ބޭފުޅުން ހިމެނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.