ސައޫދީ އަރަބިއްޔާގައި ހުޅުވާ ފުރަތަމަ ސިނަމާ މި ހިނގާ އެޕްރީލް މަހުގެ ފަހުކޮޅު ހުޅުވަން ނިންމައިފިކަމަށް ސައޫދީ މަސްއޫލުވެރިންނާ ހަވާލާދީ އެތަނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި މިނިސްޓްރީ އޮފެް ކަލްޗަރ އެންޑް އިންފޯމޭޝަނުން ވަނީ ސިނަމާ ހިންގުުމުގެ ފުރަތަމަ ހުއްދަ އޭއެމްސީ އެންޓަޓެއިންމަންޓް ހޯލްޑިންގްސް އަށް އިއްޔެ ދޫކޮށްފައެވެ. އޭއެމްސީ އަކީ، ދުނިޔޭގައި އެންމެ ގިނަ ސިނަމާ ހިިންގާ ކުންފުންޏެވެ. އޭމެއްސީ ތިއޭޓާސް އަދި އޭމްސީ ސިނަމާސްގެ ނަމުގައި އެކުުންފުނިން އެމެެރިކާއާއި، ޔޫރަޕާއި، ޗައިނާގައި 990 އަށްވުރެ ގިނަ ސިނަމާ ހިންގައެވެ.
އެކުންފުނިން ސައޫދީ އަރަބިއްޔާގައި ހުޅުވާ ފުރަތަމަ ސިނަމާ ސައޫދީ ވެރިރަށް ރިޔާޟުގެ ކިންގް ޢަބްދުﷲ ފައިނޭޝަލް ޑިސްޓްރިކްޓްގައި މި އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހުޅުވާނެކަމަށް ސައޫދީ އިންފޯމޭޝަން މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައި ވެއެވެ.
ސައޫދީ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން އިއްޔެ ޚަބަރު ދިން ގޮތުގައި، ސައޫދީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑު ކަމުގައިވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) އާއި އެމެރިކާގެ އޭއެމްސީ ހޯލްޑިންގްސްއާ ދެމެދު ސައޫދީ އަރަބިއްޔާގައި ސިނަމާ ހިންގުމާ ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް އޭއެމްސީން ސައޫދީގައި 350 ސިނަމާ ހުޅުވާނެއެވެ. މިސިނަމާތަކުގައި 2200 ސްކްރީން ހުންނާނެއެވެ. ކުރިއަށް އޮތެް ފަސް އަހަރުގެ ތެރޭގައި ސައޫދީ 15 ރަށެއްގަައި 40 އާ 50 އާ ދެމެދުގެ އަދަދަކަށް ސިނަމާ ހުޅުވަން އޭއެމްސީން ވަނީ ނިންމާފައެވެ.
އިއްޔެ ސިނަމާ ހިންގުމުގެ ފުރަތަމަ ހުއްދަ ދޫކުރެއްވުމަށް ފަހު ސައޫދީ ކަލްޗަރ އެންޑް އިންފޯމޭޝަން މިނިސްޓަރ ޑޮކްޓަރ ޢަވާދް ބިން ޞާލިޙު އަލްޢަވާދު ވިދާޅުވީ ފުރަތަމަ ހުއްދައާއެކު ސިނަމާ އިންޑަސްޓްރީއަށް ހުޅުވިގެން މިދިޔައީ އިސްވެސްޓު ކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އިއުލާންކުރައްވާފައިވާ 'ވިޝަން 2030' ގެ އެއް މަގްސަދަކީ ރައްޔިތުންނަށް މުނިފޫހިފިލުވުގެ ފުރުސަތުތައް ފަހިކޮށްދީގެން އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިން ކަމުގައެވެ. އަދި ސިނަމާތައް ހުޅުވުމުން އިގްތިސާދަށް ކުރިއެރުން ލިބި ވަޒީފާތައް އިތުރުވެގެން ދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަހަރުމެން މިތިބީ ސައޫދީ އަރަބިއްޔާގެ ކަންކޮޅުތަކުގައި ދުނިޔޭގެ ފެންވަރުގެ ފިލްމުތައް ބެލުމުގެ އުފާ އެންމެން ލިބިގަންނަތަން ދުށުމުގެ އިންތިޒާރުގައި." ސިނަމާ ހިންގުމުގެ އެއްބަސްވުމުގައި ސައޫދީ ފަބްލިިކް އިންވެސްޓްމަންޓް ފަންޑާއެކު ސޮއިކުރުމަށްފަހު އޭއެމްސީ އެންޓަޓެއިންމަންޓުގެ ސީއީއޯ އެޑަމް އެރޯން ބުނެފައިި ވެއެވެ.
އެ ކުންފުނިން އަންދާޒާކުރާ ގޮތުގައި ސައުދީ ސިނަމާ މާކެޓަކީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ މާކެޓެކެވެ.
ސައޫދީ ފަތުވާ ކޮމިޓީން ވަނީ ސިނަމާ ހިންގުމަކީ ހަރާމްކަމެއް ކަމުގައި ކުރިން ފަތުވާ ނެރެފައެވެ. ނަމަވެސް ސިނަމާ ހިންގަން ހުއްދަދިނުމަށް ނިންމުމަށް ފަހު އެ ކޮމިޓީ އޮތީ ހިމޭނުންނެވެ.
ސައޫދީ އަރަބިއްޔާގައި ސިނަމާ ހިންގުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ސައޫދީ އެންޓަޓެއިންމަންޓް އޮތޯރިޓިން ފާއިތުވި އަހަރު ބުނުމާ ގުޅިގެން، ސައޫދީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސައޫދީ މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލުއްޝައިޚް ވިދާޅުވީ ސިނަމާ ހިންގުމާއި ލަވަކިޔުމުގެ ހަފްލާތައް ބޭއްވުމަކީ ހަރާމް ކަމެއް ކަމުގައެވެ. އެއީ :"އެކަމުން އަޚްލާގާއި ރިވެތި އަދަބުތައް ފަސާދަވެގެންދާނެތީ" އެވެ. މިހާރު އޭނާވެސް މިކަމާމެދު އެއްޗެއް ވިދާޅެއް ނުވެއެވެ.