ފާއިތުވެގެންދިޔަ މާރިޗުމަހުގައި މީރާއަށް 1.5 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެތަނުން ވިދާޅުވެއްޖެއެވެ. މިރާއިން ވިދާޅުވީ އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.2 އިތުރު އަދަދެއް ކަމަށެވެ.
މާރިޗު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް މީރާއިން ވިދާޅުވީ، ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމުންނެވެ. އޭގެއިތުރަށް ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.
މާރިޗު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %50.7 ނުވަތަ 780.15 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 21.0% ނުވަތަ 323.44 މިލިއަން ރުފިޔާއެވެ. އަދި ބީ.ޕީ.ޓީ (122.66 މިލިއަން ރުފިޔާ ނުވަތަ %7.3)، ގްރީން ޓެކްސް (76.36 މިލިއަން ރުފިޔާ ނުވަތަ %5.0) އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (59.72 މިލިއަން ރުފިޔާ ނުވަތަ %3.9) އެވެ.
މާރިޗުމަހު ބަލަގަނެފައިވާ އާމްދަނީގެ ތެރޭގައި 71.2 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށް މީރާއިން ވިދާޅުވިއެވެ.