މާލޭގެ ވިޔަފާރި ބަނދަރު އެމްޕީއެލްގެ ސަރަހައްދުގައި ހުންނަ މުދާ ކޮންޓޭނަރު ތަކުން މުދާ ހުސްކުރުމުގެ އަގު ސަރުކާރުން މިއަދު ކޮންޓްރޯލް ކޮށްފިއެވެ.
މާލޭގައި ލޮރީ، ޕިކަޕް ފަދަ ތަކެތި މުދާ ހިފައިގެން މާލެ ތެރޭގައި ދުއްވަން ވަކި ގަޑިތަކެއް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުތައް ހުސްކުރަން އުޅޭ މަޖޫރީން އެ މަސައްކަތުގެ އަގު ކުރިން ކުރަމުން އައި އަގަށްވުރެ ދެގުނަ ބޮޑު ކުރުމާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުނަމުން ދަނިކޮށް ސަރުކާރުން މިއަދު ކޮންޓޭނަރުތައް ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށް މަޖޫރީން ބޮޑު އަގުގައި އެކަން ކުރުމުގެ ފުރުޞަތު ވަނީ ބަންދު ކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މި ގޮތަށް އަގު ކޮންޓްރޯލް ކުރީ "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު" ދަށުން އެ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ކޮންޓްރޯލް ކުރި އަގު ތަކަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މަޖޫރީންގެ ހަޅުތާލަށް ފަހު ކޮންޓޭނަރު ހުސްކުރާ އަގު ދެގުނައަށް ބޮޑު ކުރުމާއެކު ތަކެތީގެ އަގު އުފުލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށް މިހާރު ވަނީ އަގުތައްވެސް އާންމު ކޮށްފައެވެ. އެގޮތުން ހެނދުނު 6 ން ރޭގަނޑު 12 ޖަހަންދެން ޖެނެރަލް ކާގޯ އާއި ބިއްލޫރި ޝީޓް ފިޔަވައި އެހެން ތަކެތި ހިމެނޭ 20 ފޫޓްގެ ކޮންޓޭނަރެއް ހުސްކުރާ ރޭޓަކަށް ކަނޑައަޅާފައި ވަނީ 2500 ރުފިޔާއެވެ. ހަމަ އޭގެ 40 ފޫޓް ކޮންޓޭނަރެއް ހުސްކުރާ ރޭޓަކީ 5000 ރުފިޔާއެވެ. 20 ފޫޓްގެ ބިއްލޫރި ކޮންޓޭނަރެއް ހުސްކުރާ އަގު 4000 ރުފިޔާއަށް ކޮންޓްރޯލް ކުރިއިރު އޭގެ 40 ފޫޓް ކޮންޓޭނަރެއްގެ އަގު ވަނީ 7000 ރުފިޔާއަށް ހަދާފައެވެ.
މެންދަމު 12 ން ފެށިގެން ހެނދުނު 6 ޖަހަންދެން ކުރާ މަސައްކަތް ތަކުގައި ޖެނެރަލް ކާގޯ އަދި ބިއްލޫރި ޝީޓް ފިޔަވައި އެހެން ތަކެތި ހިމެނޭ ކޮންޓޭނަރުތައް ކަނޑައިދޭ އަގު ކޮންމެ ކޮންޓޭނަރަކުން 500 ރުފިޔާ ބޮޑު ކުރެވެއެވެ. އެގޮތުން މިފަދަ 20 ފޫޓް ކޮންޓޭނަރެއް 3000 ރުފިޔާ އަދި 40 ފޫޓް ކޮންޓޭނަރެއް 5500 ރުފިޔާއަށް މިނިސްޓަރީން ވަނީ ހަދާފައެވެ. ބިއްލޫރި ޝީޓްވެސް ހަމަ އެ އުސޫލުން ކޮންމެ ސައިޒަކުންވެސް ކޮންޓޭނަރެއްގެ އަގު 500 ރުފިޔާ ވަނީ ބޮޑު ކޮށްފައެވެ.
މިނިސްޓްރީން ވަނީ އެމްޕީއެލަށް އެތެރެކުރާ ކޮންޓޭނަރު ތަކުގެ ތެރެއިން ކޮންޓޭނަރެއްގައި އެއްފަރާތެއްގެ މުދަލަށްވުރެ ގިނަ މުދާ ހުންނަ ކޮންޓޭނަރު ތަކަށްވެސް ވަކި އަގެއް ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ޖެނެރަލް ކާގޯ އަދި ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން ތަކެތި ހުންނަ މިފަދަ ކޮންޓޭނަރުތައް
ބިއްލޫރި ޝީޓް ފިޔަވައި ޖެނެރަލް ކާގޯ އަދި އެހެނިހެން ބާވަތްތަކުގެ މުދާ 1CBM އިން 5 CBM އާ ހަމައަށް CBM އަކަށް 230 ރުފިޔާ، 6 CBM އިން 10 CBM އާ ހަމައަށް CBM އަކަށް 175 ރުފިޔާއެވެ. މީގެއިތުރުން 11 CBM އަށް ވުރެ އިތުރުވާނަމަ ކޮންޓެއިނަރެއްގެ ރޭޓުން އަގު ނެގިދާނެ ކަމަށް ވަނީ ނިންމާފައެވެ.
ބިއްލޫރި ޝީޓު ހިމެނޭ މިފަދަ ކޮންޓޭނަރު ތަކުގެ އަގު ތަކަށް ބަލާއިރު އުޅެނީ 1 CBM އިން 5 CBM އާ ހަމައަށް CBM އަކަށް 250 ރުފިޔާ، 6 CBM އިން 10 CBM އާ ހަމައަށް CBM އަކަށް 200 ރުފިޔާއެވެ. މީގެއިންވެސް 11 CBM އަށް ވުރެ އިތުރުވާނަމަ ކޮންޓެއިނަރެއްގެ ރޭޓުން އަގު ނެގިދާނެ ކަމަށް ވަނީ ބުނެފައެވެ.
ދެން އަގު ކޮންޓްރޯލް ކޮށްފައި ވަނީ ކޮންޓޭނަރަކަށް ނުލައި އެތެރެ ކޮށްފައި ހުންނަ މުދަލެވެ. މީގެ ކޮންމެ ދާގީނާއަކަށް ނެގޭނީ 6 ރުފިޔާ ކަމަށްވެސް ވަނީ ނިންމާފައެވެ.