އެކްސިޑެންޓަށްފަހު ދެމަސް، އަދިވެސް ހޭނާރައި ހޮސްޕިޓަލުގައި

މި އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ތަކެއް ސިކުނޑިއަށް ލިބުނު ފ. ފީއަލީ، އުމުރުން 25 އަހަރުގެ ޒުވާނާ އަދިވެސް އޮތީ ހޭނާރައި އައިސީޔޫގައި ކަމަށްވުމުން، އާންމުންގެ ދީލަތި އެހީއަށް އާއިލާއިން އެދެފިއެވެ.

އެކްސިޑެޓްގައި ސިކުނޑިއަށް ބޮޑެތި އަނިޔާ ތަކެއް ވެފައި ވަނީ ފ. ފީއަލީ، ދުއްލިސާގޭ މުޚްތާރު ޙަސަންއަށެވެ. މުޚްތާރުގެ ބޭބެ އަޙްމަދު މުސްތޮފާ ބުނީ އޭނާގެ ކޮއްކޮއަށް ލިބުނު ގެއްލުންތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ދިނުމަށް ފަހު މިހާރު އޮތީ އެ ހޮސްޕިޓަލުގެ އެޗްޑީޔޫއަށް ބަދަލު ކޮށްފައި ކަމަށެވެ. ނަމަވެސް އަދިވެސް ކޮއްކޮ ހޭނާރާ ކަމަށް މުސްތޮފާ ވަނީ ބުނެފައެވެ.

އޭނާ ބުނީ މުޚްތާރުގެ ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅުމާއި ގުޅިގެން ސިކުނޑީގައިވާ އެންމެ ކުދި ނާރުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންވެ މުޚްތާރުގެ ސިކުނޑިއަށް މިހާރު ލިބިފައިވާ ބޮޑެތި ގެއްލުންތަކުން ރިކަވާވާން ހަތަރު މަސް ދުވަސްވަރު ނަގާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މުޚްތާރުއަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ހުޅުމާލޭގައި ހުންނަ އެމްއައި ކޮލެޖް ކައިރީގައި ހިނގި ސައިކަލާއި ޕިކަޕެއް ޖެހިވީ އެކްސިޑެންޓްގައެވެ. މި އެކްސިޑެންޓްގައި އޭނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއްނުވެ އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

މުޚްތާރުގެ ބޭބެ މުސްތޮފާ މިހާރު ވަނީ ދެމަހަސް ދުވަހު ހޭނާރައި އޮތް އޭނާގެ ކޮއްކޮއަށް އާންމުންގެ ފަރާތުން މާލީ އެހީތެރިކަމަށް އެދިފައެވެ. ފައިސާގެ އެހީތެރިކަން މުޚްތާރުއަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނެ އެކައުންޓަކީ މުޚްތާރުގެ ބޭބެ، މުސްތޮފާގެ އެކައުންޓް ކަމަށްވާ 7709402315101 އެވެ. މުޚްތާރުއަށް އެހީވާން ބޭނުންވާ ފަރާތްތަކުން ގުޅާނީ 9925792 އަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.