އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރެވޭވަރު ވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓް އަންނަ މަހުގެ ތެރޭގައި އާންމު ކުރުމަށް ފަހު ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުޞަތުވެސް ކުރިޔަށް އޮތް ޖޫން މަހުގެ ތެރޭގައި ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް މިނިވަން، އިންސާފުވެރި އަދި ހާމަކަން ބޮޑުކޮށް ގެންދިޔުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި ބޭއްވުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަންކަން މުއްދަތުގެ ތެރޭގައި ކޮށްނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކަންކަން ވީހާވެސް ފަސޭހަކޮށް ކުރިޔަށް ގެންދެވޭނެ ނިޒާމެއް ހަމަޖައްސަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަސް ތެރޭގައެވެ. ނަމަވެސް ސީދާ އިންތިޚާބު ބާއްވާނެ ތާރީޚް އަދި އިއުލާން ނުކުރެއެވެ. އިންތިޚާބު ބޯމަތި ވަމުން އަންނައިރު ޕީޕީއެމުން ބުނެފައި ވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި މިފަހަރުވެސް ވާދަކުރައްވާނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ނަމަވެސް އެހެން ޕާޓީ އަކުން އަދި އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓަކު ނުނިންމައެވެ.