އިދިކޮޅު މީހުން ކޯޅެން ތިއްބައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން- ނިހާން

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކޯޅެން ތިއްބައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބު އައިސް ބޯމަތި ވީއިރުވެސް އިދިކޮޅު މީހުން ތިބީ އެއްކެންޑިޑޭޓްގެ ޓިކެޓުގެ ކަންތަކުގައި ކޯޅެން ކަމަށާއި އެ ކޯޅުން ތަކުގައި ތިއްބައި 2018 ގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހު ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އެއާއެކު ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ މިހާރުގެވެސް ރައީސް އަބްދުﷲ ޔާމީންކަން ކަށަވަރު ވެފައިވާއިރު އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުން ދަނީ އިންތިޚާބަށް ގިނަ ކެންޑިޑޭޓުންތަކެއް ނެރުމުގެ ބަދަލުގައި ހުރިހާ ފަރާތެއް ގުޅިގެން އެއް ކެންޑިޑޭޓް ނެރުމަށެވެ. އެއްކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް އަލުން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް އެއްކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ފަހުން ފެށިކަން ކަށަވަރު ނުވެއެވެ. އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ކުރިންވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވެއެވެ. ނަމަވެސް އެ ވާހަކަތައް ހުއްޓުމަކަށް އައީ ނަތީޖާއަކާ ހަމައަށް ނުދެވިއެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެއްކެންޑިޑޭޓް ނެރުމުގެ މަޝްވަރާއަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފަރާތުންވެސް ބޭފުޅަކު ހިމެނޭ ގޮތަކަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މިއިން ކޮންމެ ފަރާތަކުން ދެބޭފުޅަކު ކޮމިޓީގައި ހިމެނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.