ވިޔަފާރިވެރިން އަމިއްލައަށް މުދާ ކުލިއަރ ކުރުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
ޕޯޓްސް ލިމިޓެޑުން އެގޮތަށް ހަމަޖެއްސެވީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މުދާ ކުލިއަރ ކޮށްދޭ ބައެއް ގްރޫޕްތައް ޚިދުމަތުގެ އަގުބޮޑުކޮށްފައިވާ ކަމުގެ މައުލޫމާތު މީޑިއާއިން ލިބިފައިވުމާއި، އޭގެ ސަބަބުން މުދަލުގެ އަގުބޮޑުކުރާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފައިވާތީ މުދާ އެތެރެކޮށް ވިއްކާ ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއް ހައްދަވައި ދެއްވުމުގެ ގޮތުންނެވެ.
މުދާ ކުލިއަރ ކުރަން ބަނދަރުގައި ހަރަކާތްތެރިވާ ގުރޫޕުތަކުން ޚިދުމަތުގެ އަގުބޮޑު ކުރަން ނިންމީ މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެންނަވައިފައިވާތީއެވެ.
އެބަދަލާއެކު މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ ހުރިހާ ކަމެއްވަނީ ހަމަޖައްސާފައި ކަމަށް ޕޯޓްސް ލިމިޓެޑުން ވިދާޅުވެފައިވެއެވެ.
މުދާ އުފުލުމުގެ ގަވާއިދަށް ސަރުކާރުން ބަދަލު ގެންނަވައި އަމަލު ކުރައްވަން ފަށްޓަވައިފައިވަނީ އެޕްރީން 1 ގައެވެ.