މަޖޫރީން މުދާ ބޭރުކޮށް ނުދޭނަމަ ވިޔަފާރިވެރިން މުއައްޒަފުން ގޮވައިގެންގޮސް މުދާ ބޭރުކުރޭ- މިނިސްޓްރީ

މާލޭ ބަނދަރުން މުދާ ބޭރުކޮށް ދިނުން އެ ސަރަޙައްދުގައި އުޅޭ މަޖޫރީން ކޮށްނުދީ މަސައްކަތް ހުއްޓުވާލާނަމަ ވިޔަފާރިވެރިން އެތަންތަނުގައި މަސައްކަތްކުރާ މުއައްޒަފުން ގޮވައިގެން ގޮސް މުދާ ބޭރުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ އަޙްމަދު ތައުފީގު ވިދާޅުވީ މާލެތެރެއަށް މުދާ ގެންދިޔުމުގައި އެކުލަވާލި އާ ގަވައިދުގެ ސަބަބުން ބަނދަރުން މުދާ ނެރެދޭން ދެކޮޅު ހަދައި އެކަން ހުއްޓުވާލަން މަޖޫރީން އުޅޭނަމަ މުދާ ބޭރުކުރުމުގެ ފުރުޞަތަކީ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުޞަތެއް ކަމަށެވެ.

"އެއީކީ ވަކިބަޔަކަށް އޮންނަ ކަމެއްނޫން، އެކަން ހުރިހާ ފަރާތަކަށްވެސް އޮންނަނީ ހުޅުވާލެވިފަ، މަޖޫރީން މުދާ ބޭރުކުރުން ހުއްޓުމަކަށް ގެންނަނަމަ ވިޔަފާރިވެރިން އެބޭފުޅުންގެ މުއައްޒަފުން ގޮވައިގެން ގޮސް މުދާ ބޭރު ކުރަންވީ، އެފުރުޞަތު އެބައޮތް، މިހާރުވެސް މަޖޫރީން އެކަން ކޮށްނުދޭތީ ބަޔެއް ވިޔަފާރިވެރިން މުއައްޒަފުން ގޮވައިގެން ގޮސް މުދާ ބޭރުކުރޭ އެބަ ކޮންމެވެސް ވަރަކަށް" ތައުފީގު ވިދާޅުވިއެވެ.

ވިޔަފާރި މުދާ މާލެތެރެއަށް ފިހާރަތަކާއި ގުދަން ތަކަށް ގެންދެވޭ ހަމައެކަނި ގަޑިއަކީ އިރުއޮއްސި 6 ން ހެދުނު 6 އަށް ކަމަށް ސަރުކާރުން ހެދުމުން މާލޭ ބަނދަރުން މުދާ ބޭރުކުރަން ތިބޭ މަޖޫރީން ވަނީ އެ ގަވައިދަށް ބަދަލު ގެންނަން ގޮވާލައި މަސައްކަތް ހުއްޓާލާފައެވެ. އޭގެ ސަބަބުން ބާޒާރު މަތީ ބަޔެއް ފިހާރަ ތަކަށް މުދާ ގެންދިޔުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.