ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

މިރެއިން ފެށިގެން ކެފޭ ރެސްޓޯރެންޓްފަދަ ތަންތަން ބަންދުކުރާ ގަޑިތަކަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން ބަދަލު ގެންނަވައިފިއެވެ.

ސައިހޮޓަލާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި ކެންޓީނު ފަދަ ތަންތަން މިރެން އިންފެށިން މެންދަމު 1:00 އަށް ހުޅުވިފައި މިހާރު ބެހެއްޓޭނެއެވެ. އަދި ޕެޓްރޯލް ޝެޑުތައް މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި ހިންގަމުން ގެންދާ މަޝޫރޫއު ތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އައިސްފައިވާ ބަދަލާ ގުޅިގެން އެންމެ އެކަށީގެންވާ ވަގުތުގައި ވިޔަފާރިންވެރިންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

އާންމު ފިހާރަތައް އަދިވެސް ބަންދުކުރާނީ މިހާރުވެސް ބަންދުކުރާ ގަޑި ކަމަށްވާ ރޭގަނޑު 10:00 ގައެވެ. އެހެންނަމަވެސް 10 ގެ ފަހުންވެސް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

މިހާތަނަށް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ބަންދު ކުރަމުން އައީ މެންދަމު 12:00 ގައެވެ. ޕެޓްރޯލް ޝެޑްތައް ބަންދުކުރަމުން އައީ ރޭގަނޑު 10:00 ގައެވެ.

މިފަދަ ބަދަލެއް ގެނައި އެއް ސަބަބަބެއް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަދުން ފެށިގެން މުދާ އުފުލުމުގެ ގަޑިތަކަށް ގެނެސްފައިވާ ބަދަލުގެ ސަބަބުންނެވެ.

މުދާ އުފުލުމަށް ގެނެސްފައިވާ ބަދަލުގެ ދަށުން މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށްޓަކައި ގަނޑުކޮށް އުފުލާ މުދަލާއި، އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް ދުވާލު ގަޑީގައި އުފުލުން މިހާރުވަނީ މަނާކޮށްފައެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މާލޭގައި މުދާ އުފުލޭނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށެވެ. މިބަދަލު ގެނެސްފައިވިޔަސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ފުރުސަތު ވަނީ ދެއްވައިފައެވެ. ގޭގެއަށާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 އިން 11:00 އަށެވެ. އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.