ޕްރިޔަންކާ ޗޯޕްރާ 'ކުއަންޓިކޯ' އަށް އަލްވަދާއު ކިޔައިފާނެ

ޕްރިޔަންކާ ޗޯޕްރާ ހިންދި ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ 'ޖައި ގަންޖާލް' އިންނެވެ. ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ފިލްމަކުން އޭނާ އެނބުރި އަންނަން އުޅޭ ވާހަކަ މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. މިއީ އޭނާ ބޮލީވުޑަށް އެނުބުރި އަންނާން އެންމެ ރަނގަޅު ވަގުތަށް ވެދާނެއެވެ.

އަލީއައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެއް ކަމަށްވާ 'ބާރާތް' ގެ ސްކްރިޕްޓާ މެދު ޕްރިޔަންކާ ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. "ބާރާތް" ގައި ބަތަލެއްގެ ރޯލު ކުޅޭނީ ސަލްމާން ޚާން އެވެ. ސަލްމާން އާ އެކު މި ފިލްމުން ފެނިގެންދާނެ ތަރިޔަކީ ޕްރިޔަންކާ ކަމަށް ވާނަމަ މިއީ ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ދެތަރީން އެއް ސްކްރީނަކުން ބެލުންތެރީންނަށް ފެންނާނެއެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިޔަންކާ އަށް "ބާރާތް" ގެ ސްކްރިޕްޓް ވަރަށް ކަމުދިޔައެވެ. އޭނާ އެ ފިލްމަށް އިތުރަށް ޝައުގު އުފެދުނީ ދިހަ އަހަރަށް ފަހު ސަލްމާން ޚާން އާ އެކު މަސައްކަތް ކުރާން ފުރުސަތު ލިބޭނެތީ ވެސްމެއެވެ. ޕްރިޔަންކާ އަދި މި ފިލްމު ކުޅެން ސޮއި ކޮށްފައި ނުވެއެވެ. ނަމަވެސް އެމެރިކާގެ ޓީވީ އިން ދައްކާ ސިލްސިލާ އެއްކަމަށްވާ "ކުއަންޓިކޯ" ގެ ހަތަރު ވަނަ ސީޒަން ގައި ބައިވެރިވާން އޭނާ ބޭނުން ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ތިންވަނަ ސީޒަންއަށް ލިބޭ ތަރުހީބަށް ބަލައި ހަތަރުވަނަ ސީޒަންގައި ބައިވެރިނުވެދާނެ އޭ ބުނަންވެސް ނޭނގޭނެ ކަމަށްވެއެވެ. ޕްރިޔަންކާ ދެކޭގޮތުގައި ކުއަންޓިކޯގެ އިތުރު ސީޒަންތައް ކުރިއަށް ގެންދާނަމަ ބެލުންތެރީންގެ ޝައުގުވެރިކަން ގެއްލިދާނެއެވެ. އެހެން ކަމުން ބޭރުގެ އެހެން ހުށަހެޅުމެއް ގަބޫލުކުރުމުގެ ކުރީން އޭނާ ބޭނުންވަނީ ހިންދީ ފިލްމެއް ކުޅެން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޕްރިޔަންކާ މިހާރު ހުރީ ކުއަންޓިކޯގެ ތިންވަނަ ސީޒަނުގެ ފަހު ޝެޑިއުލް އަށް އަޔަރލޭންޑްގައެވެ. މި ސީޒަންގެ ޕްރިމިއަރ އޮންނާނީ އޭޕްރީލް މަހުގެ 26ވަނަ ދުވަހުއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.