ޕާކިސްތާނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރަން: ރައީސް

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށްއޮތްތާނގައިވެސް ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ،

ބައިނަލްއަޤުވާމީ މަޝްރަހުން ރާއްޖެއާއި ޕާކިސްތާނަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާ، ރައީސް ޔާމީންގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ރަހުމަތްތެރިކަން އެކިދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ޗީފް އޮފް އަރމީ ސްޓާފުގެ މި ދަތުރުފުޅަކީ ފައިދާހުރި ކާމިޔާބު ދަތުރުފުޅަކަށް ވެގެން ދިއުމަށް އުންމީދު ކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޕާކިސްތާންގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށް، ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ރާއީސާއި ބޮޑުވަޒީރުގެ ފާރާތްޕުޅުން ދިވެހި ސަރުކާރަށާ ރައްޔިތުންނަށް ފޮނުއްވި ހެޔޮއެދުންތައް ރައްދުކޮށްދެއްވިއެވެ.

ޕާކިސްތާނާ ދިވެހިރާއްޖެއަކީ މުސްލިމް އަޚުވަންތަ ދެގައުމު ކަމުގައި ވިދާޅުވެ ކުރިއަށް އޮތް ތާނގައި މިގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފްގެ އަރިހުގައި ދިވެހިރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް ޕީ.އެސް (ސީ) އާއި ޗީފް އޮފް އަރމީ ސްޓާފް ބްރިގޭޑިއަރ އިފްޚާރު ޙަސަން ޗަހުހާދަރީ އާއި ޕާކިސްތާންގެ ޑިފެންސް އެޑްވައިޒަރ، ކާނަލް ސައްޖާދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.