ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީން ތަކަށް ޖާގަދޭން ބޭނުން ނުވާ ކޮންމެ ދިވެހި ރައްޔިތަކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ބޭކާރުކޮށްލުމުގެ ހިތްވަރާއި ފަންވަރު ރައީސް އަބްދުﷲ ޔާމީންގެ ހުންނާނެ ކަމަށާއި، ރައީސްގެ ހިތްވަރާއި އަޒުމް ވަރުގަދަ ކަމުން ދިވެހި ރައްޔިތުން އެކަމަށްޓަކައި ރައީސަށް ސެލިއުޓް ކުރަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް އެކިއިރު އެކި މީހުން ތަފާތު ރޭވުންތައް ރޭވި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ރޭވުމެއް ރައީސް ޔާމީން ވަނީ ނާކާމިޔާބު ކޮށްލައްވާފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކުރިޔަށް އޮތް ތަނުގައި ކުރާ ކޮންމެ ކަމެއްވެސް ބޭކާރު ކޮށްލެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ކަންކަމުގައި އާއިލީ ބޭފުޅެއް ބެއްލެވުމެއް ނެތި ފިޔަވަޅު އަޅަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެއްބަފާ ބޮޑުބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމާމެދުވެސް ފިޔަވަޅު އަޅުއްވަން ކެރިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ކަމަކީ އެއްބަނޑު އެއްބަފައެއް، ބޮޑުބޭބެއެއް ކުޑަބޭބެއެއް އަދި އެހެން މީހެއް ނުބައްލަވައި ދިވެހި ރައްޔިތުންނަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސާބިތުކަމާ އެކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާފައިވާ ކަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއްގައި މާޔޫސްވާ ބޭފުޅެއް ނޫން ކަމަށާއި ގައުމުގެ ހައްގުގައި ކުރައްވަން ޖެހިލުންވެވަޑައިގަންނަވާނެ ކަމެއް ނޯންނާނެ ރައީސްގެ ނޯންނާނެ ކަމަށެވެ.