އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަނެއްކާވެސް އިސްރާއީލު ފުލުހުން އޭނާއާ ސުވާލުކޮށްފިއެވެ. އޭނާގެ ކޮރަޕްޝަންގެ އެހެން ދެ މައްސަލައެއް ބަަލައި ދައުވާ ކުރުމަށް ފުލުހުން ވަނީ އެޓާނީ ޖެެނެރަލްއަށް ފޮނުވާފައެވެ. ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އޭނާއެވެ.
އިސްރާއީލު ރޭޑިޔޯ ޚަބަރު ދިން ގޮތުގައި، މިފަހަރު ފުލުހުން ނަތަންޔާހޫއާ ސުވާލުކޮފައިވަނީ އިސްރާއީލުގެ އެންމެ ބޮޑު މުވާސަލާތީ ކުންފުންޏާ އޭނާއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކަކާ ބެހޭގޮތުންނެވެ. މިއީ މި މައްސަަލައިގައި އޭނާއާ ސުވާލުކުރެވޭ ދެވަނަ ފަހަރެވެ.
އޭނާއާމެދު ތުހުމަތުކުރެވެނީ މުވާސަލާތީ ކުންފުނި ބެޒެކް ޓެލެކޯމް އިސްރާއީލުގެ ވެރިމީހާ ހިންގާ ޚަބަރު ވެބްސައިޓެއްގައި އޭނާއަށް ފަހިވާގޮތަށް ޚަބަރު ގެނެސްދިނުމުގެ ބަދަލުގައި، އެ ކުންފުންޏަަށް ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ފަހިކޮށްދިންކަމުގައެވެ.
އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިވާނެ ކަމަށް ނަތަންޔާހޫ އިންކާރުކުރެއެވެ. އޭނާ ބުނީ އެއީ ކޮންމެވެސް ގޮތަކުން އޭނާ ބައްދަން ބަޔަކު ކުރާ ކަމެއް ކަމުގައެވެ.
އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ބެެޒެކް ޓެލެކޯމްގެ ވެރިމީހާގެ އަންހެނުންނާ އޮތް ގާތް ގުޅުންތަކެއްގެ މައްސަލައެެއްގައި ނަތަންޔާހޫގެ އަންހެނުންނާއި ފިރިހެން ދަރިއަކާ ސުވާލުކުރަންވެސް އިސްރާއީލު ފުލުހުން ވަނީ ނިންމާފައެވެ.
ފުލުހުންގެ ކާރެއް ބޮޑުވަޒީރުގެ ރަސްމީ ގެއަށް ވަނުމަށްފަހު، ފަހުން ނުކުމެގެންދާތަން ވީޑިއޯއިން ފެނިފައި ވެެއެވެ. ފުލުހުންވެސް އަދި ނަތަންޔާހޫގެ އާއިލާގެ ގާނޫނީ ވަކީލުވެސް ވަނީ އެކަމުގެ ތަފްސީލު ދިނުމަށް އިންކާރުކޮށްފައެވެ.
ބެޒެކް ވަނީ ގޯސް މުއާމަލާތެއް ހިނގާފައިވާނެކަން އިންކާރުކޮށްފައެވެ. ފުލުުހުން މިމައްސަލައިގައި ދައުވާކުރަން އަދި ނިންމާފައި ނުވެއެވެ.
ނަތަންޔާހޫގެ އަރިސް ދެ މީހަކު ވަނީ ދައުލަތުގެ ހެކިންގެ ގޮތުގައި އޭނާއާ ދެކޮޅަށް ހެކިބަސް ދިނުމަށް އެއްބަސްވެފައެވެ. އެކަކީ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޝްލޯމޯ ފިލްބާއެވެ. އަނެކަކީ ނަަތަންޔާހޫގެ ތަރުޖަމާނެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނީރް ހެފެޒް އެވެ.
ނަތަންޔާހޫއާ ދެކޮޅަށް ދައުވާ ކުރުމަށް ފޮނުވާފައިވާ އެއް މައްސަލައަކީ މުއްސަނދި ވިޔަފާވެރިއެއްގެ އަތުން 3 ލައްކަ ޑޮލަރުގެ އަގުހުރި ހަދިޔާ ހޯދި މައްސަލައެވެ. އަނެއް މައްސަލައަކީ އިސްރާއީލުގެ ބޮޑު ނޫހެއްގައި އޭނާއަށް ފަހިވާ ގޮތަށް ޚަބަރުތައް ގެނެސްދިނުމުން، އެ ނޫހުގެ ވާދަވެރި ނޫހެއްގެ ވިކުން ދަށްވާފަދަ ކަންތައްތަކެއް ކޮށްދޭން އެއްބަސްވެފައި ވުމެވެ.