އިސްރާއީލުގައި ނިމިގެން ދިޔަ ބަރްލަމާނީ އިންތިޚާބުގައި ލީކޫޑް ޕާޓީގެ ޒަޢީމު ނަތަންޔާހޫ އާ އޭނާގެ ބައިވެރިން ހޯދި ކާމިޔާބީގެ ސަބަބުން ، ނަތަންޔާހޫ އިސްރާއީލުގެ ސިޔާސީ މަސްރަޙުގައި ރެކޯޑެއް ޤާއިމުކުރައްވައިފިއެވެ.
މިއީ ނަތަންޔާހޫ ވިދިވިދިން އިންތިޚާބު ކާމިޔާބު ކުރެއްވި 4 ވަނަ ފަހަރެވެ. މީގެ ކުރިން 1977ގައި އޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. އެހެންކަމުން ނަތަންޔާހޫއަކީ ފަސްވަނަ ފަހަރަށް އިސްރާއިލުގައި ޢާއްމު އިންތިޚާބެއް ކާމިޔާބު ކުރެއްވި ޒަޢީމެވެ. މިއީ އިސްރާއީލުގެ ބާނީ ޑޭވިޑް ބެންގޫރިޔަންގެ ރެކޯޑް މުގުރައިލެވުނު ފުރަތަމަ ފަހަރެވެ.
ޢިބްރީ ޖާސޫސީ އިދާރާގެ ވެބްސައިޓް " ދީބްކާ" ބުނާގޮތުގައި ވެރިކަން ކުރާ ލީކޫޑް ޕާޓީން މި ހޯދި ކާމިޔާބީއަކީ ، ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި ތަކްރާރުވެފައިނުވާ ކަމެކެވެ. ވާތުފިޔައިގެ ލޭބަރ ޕާޓީގެ 30 އަހަރުގެ ވެރިކަމަށްފަހު ލީކޫޑް ޕާޓީއަށް ފުރަތަމަ ފަހަރަށް ވެރިކަމަށް އާދެވުނީ 1977ގައެވެ.
ނަތަންޔާހޫގެ ކާމިޔާބީއަކީ ކަނާތުފިޔައަށް ލިބުނު ކާމިޔާބީއެކެވެ.އިސްރާއީލުގެ މަރްކަޒީ ސިޔާސީ ބިސީ ކަމުގައި ބެލެވޭ ކަނާތު ފިޔައަށް އިސްރާއީލުގެ ބަރްލަމާނުން ( ކަނީސަތުން) 65 ގޮނޑީގެ އަޣްލަބިއްޔަތެއް ލިބޭނެ ކަމަށް މިހާރު ދަނީ ނިމުތު ކުރެވެމުންނެވެ.މި ފަދަ އަޣްލަބިއްޔަތެއް ލިބިއްޖެނަމަ އިސްރާއީލުގެ ސިޔާސީ އިސްތިރާތީޖިއްޔަތަށް މުހިއްމު ބަދަލުތަކެއް އަންނަމުންދާ ތަން ފެންނާނެއެވެ.އެންމެ މުހިއްމު ބަދަލުތަކަކަށް ވާނީ ވާތުފިޔައިގެ ސިޔާސަތުތައް މުޅިން ވަތަށް ޖެހި ފަސްއެޅިގެން ދިޔުމެވެ.މީގެއިތުރަށް އިސްރާއީލުގެ ސުޕްރީމު ކޯޓަށް ވެސް ބަދަލުތަކެއް ގެންނާނެކަމަށް ބެލެވެއެވެ . ނަތަންޔާހޫގެ ޖަސްޓިސް މިނިސްޓަރު އީލީތު ޝާކީދަށް ، އައު ސަރުކާރުގައި ބައިވެރިވެ ވަޑައިގެންނެވިއްޖެނަމަ މި ކޯޓަށް ބަދަލުތަކެއް ގެންނަވާނެކަން ވަނީ ކަށަވަރުވެފައެވެ. އެކަމަކު އެ ކަމަނާގެ ޕާޓީއަށް ކަނީސަތަށް ވަނުމުގެ ފުރްޞަތު މިފަހަރު ގެއްލުމުގެ ސަބަބުން ނަތަންޔާހޫގެ މި މަސައްކަތްޕުޅަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ނަތަންޔާހޫއަށް ލިބިވަޑައިގެން ކާމިޔާބީއަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ މެދުއިރުމަތީގެ ސިޔާސަތުގެ ފޮނި މޭވާއެކެވެ. ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު އެމެރިކާގެ މެދުއިރުމަތީގެ ކުރީގެ އިސްތިރާތީޖިއްޔަތަށް ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ.
އިސްރާއީލީން ނަތަންޔާހޫއަށް އިންތޚާބު ކާމިޔާބުކޮށްދިނުމުން ދޭހަވަނީ އިސްރާއީލުގެ ނާޚިބުން އިޚްތިޔާރުކޮށްފައި މިވަނީ ފަލަސްޠީނުގެ މަސްއަލައަށް " ސިޔާސީ ޙައްލެއް" ހޯދައިދެވޭތޯ ކުރަމުން އައި ހުރިހާ މަސައްކަތަކަށް ނޫނެކޭ ބުނުން ކަމެވެ.އަދި ޞިހްޔޫނީ ނަސްލީ އިމްތިޔާޒުގެ ފިކްރަށާއި ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު ހިންގުމަށާއި، ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތައް އިސްރާއިލުގެ މިލްކިއްޔާތުކަމުގައި ހެދުމަށާއި، އިސްރާއީލުން 1967ގައި ހިފާފައިވާ ޢަރަބީންގެ ބިންތައް އިސްރާއީލުގެ ބިންތަކެއް ކަމުގައި ހެދުމަށް ގޮވައިލާ ސިޔާސަތުތަކަށް އާއެކޭ ބުނުން ކަމެވެ.މީގެއިތުރަށް އެއީ 2018ގައި ނަތަންޔާހޫގެ ސަރުކާރުން ފާސްކޮށްފައިވާ " ޤައުމިއްޔަތުގެ ޤާނޫނު" އަށް ނެގުނު ފެންނަނުފެންނަ ވޯޓެކެވެ. މި ޤާނޫނު ބުނާގޮތުގައި " ޤައުމު" ގެ އެންމެހައި ކަންކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ޙައްޤު ލިބިގެން ވަނީ ހަމައެކަނި ޔަހޫދީންނަށެވެ. އެހެނީ އެ ދައުލަތަކީ " ޔަހޫދީންގެ ޤައުމީ ދައުލަތް " އެކެވެ.
އިސްރާއީލުގެ ނާޚިބުން ނަތަންޔާހޫއަށް ދިން ވޯޓަކީ އިސްރާއީލުން ފަލަސްޠީނުމީހުންނަށް ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކާއި ، ފަލަސްޠީނުމީހުންގެ މުދާތައް ފޭރުމުގެ މަސައްކަތްތަކާއި، އިސްރާއީލު ބޭނުންވާ ކަންތައްތައް ބޭނުންވާ ގޮތަށް ފަލަސްޠީނު މީހުންގެ މައްޗަށް ލާޒިމު ކުރުވަން އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކަށް ދިން ވޯޓެކެވެ. މި އިންތިޚާބުގައި ނަތަންޔާހޫއާ ވާދަކުރެއްވި ގެންޓްސް ވެސް ފަލަސްޠީނުގެ މަސްއަލައާއި އިރާނުގެ މަސްއަލައިގައި ގެންގުޅުއްވަނީ ހަމަ މި ސިޔާސަތެވެ.
އިސްރާއީލީން މި އިންތިޚާބުގައި ނަތަންޔާހޫއަށް ތާއީދުކޮށްފައި މި ވަނީ އެމެރިކާއިން އޭނާގެ ސިޔާސަތަށް ދޭ އެއްބާރުލުމާއި ތާއީދުގެ ސަބަބުންނެވެ. ރައީސް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމާއެކު ކުރީގެ ސަރުކާރުތަކުން މެދުއިރުމަތީގެ މައްސަލައިގައި ގެންގުޅުނު ސިޔާސަތުތައް ކަމުނުދާ ކަމަށް ވިދާޅުވިއެވެ. ފަލަސްޠީނުގެ ބިމެއް ކަމަށް ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކެއް ކަށަވަރުކޮށްދޭ ޤުދުސް ސަހަރު، އެއީ އިސްރާއީލުގެ ވެރިރަށް ކަމަށް ރައީސް ޓްރަމްޕް ޤަބޫލު ކުރެއްވިއެވެ. ފަލަސްޠީނުގެ ރެފިޔުޖީންނަށް އެހީވެދޭ ބައިނަލްއަޤްވާމީ ޖަމާޢާތް " އަންރުވާ" އަށް އެމެރިކާއިން ދެމުން އައި އެހީ ކަނޑައިލެއްވިއެވެ. އަދި މި ޖަމާއަތް އުވާލުމަށް ވެސް ޓަރަމްޕް އދ އަށް ގޮވައިލެއްވިއެވެ.މިވަރަކުން ޓްރަމްޕް ފުއްދަވައެއް ނުލެއްވިއެވެ. މީގެ އިތުރަށް އޭނާ ވިދާޅުވާ ގޮތުގައި ފަލަސްޠީނުގެ ރެފިޔުޖީންނަކީ ތިބި ބަޔެއް ނޫނެވެ. މިއީ އިސްރާއީލުގެ އެންމެ އަސާސީ އެއް ސިޔާސަތެވެ. އިސްރާއީލު ދެކޭގޮތުގައި ފަލަސްޠީނުގެ ރެފިޔުޖީންގެ މައްސަލައަކީ އިސްރާއީލުގެ ޑިމޮގްރަފީއަށް އޮތް ބޮޑު ބިރެކެވެ.
ނަތަންޔާހޫގެ މި ކާމިޔާބީގެ ސަބަބުން އިސްރާއީލުގެ އަމްނާ ބެހޭ މަސްއަލަތަކުގައި އިސްރާއިލު ކުރިއަށްވުރެ ވެސް ބޮޑަށް ކަނާތަށް ލެބުން އިތުރުވެގެން ދާނެއެވެ.ނަތީޖައަކަށް ވާނީ އިސްރާއީލުގެ މުއައްސިސުންގެ ގެންގުޅުއްވި އިޝްތިރާކީ ސިޔާސަތުގެ ތަރިކަ ރޫޅިގެން ދިޔުމެވެ.
ނަތަންޔާހޫގެ ބައެއް އަރުތައް
ނަތަންޔާހޫ ވަނީ ބައެއް ޢަރަބި ޤައުމުތަކުގެ އިންފާރު ފޫއަޅުވައިލައްވާފައި އެ ޤައުމުތަކުގެ އެތެރެއަށް ވަދެވަޑައިގެންފައެވެ.މި ސިއްރު ދަތުރުފުޅުތަކުގެ ތެރެއިން އޭނާ ވަނީ އެ ޤައުމުތަކާއެކު އޮންނަ ގުޅުން ޠަބީޢީކުރައްވައިފައެވެ. 2002 ވަނަ އަހަރު ޢަރަބި އިސްވާރުން އެއްބަސްވެ ވަޑައިގަތްފައިވާ " ޢަރަބި އިސްނެގުން" ގެ ފާރުމަތިން ފުންމައިލައްވައިފައެވެ. މި އިސްނެގުން ބުނާގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޤާއިމު ކުރެވޭނީ 1967ގެ ސަރަޙައްދުގައި ފަލަސްޠިނު ދައުލަތް ޤާއިމުވެ އިސްރާއިލު ހިފާފައިވާ ބިންތަކުން ފައިބައި ޢުދްވާނު ނައްތައިލުމުންނެވެ. މި " އިސްނެގުން " ބުނާގޮތުގައި ފަލަސްޠީނުގެ ވެރިރަށަކަށް ވާނީ ޤުދްސެވެ.އަދި ފަލަސްޠިނުގެ ރެފިޔުޖީންނަށް އެމީހުންގެ ކުރިމަގު އެކަށައެޅުމުގެ ޙައްޤު ލިބިދޭން ވެސް ޖެހޭނެއެވެ.
ނަތަންޔާހޫގެ ކަނަތުފިޔައިގެ ސިޔާސަތގެ ސަބަބުން އިސްރާއީލުގެ ޒަމާންވީ ކާބަފައިވަންތަ ޕާޓީތައް މިހާރު ވަނީ ފުޑުފުޑުވެ ހަލާކުވެގެން ގޮސްފައެވެ. އިސްރާއީލުގެ ވަޒަންވެރިން ކަމުގައިވާ ޢަރަބިން ވަނީ ބައިބައިވެ އެމީހުންގެ ގޭބިސީއެއް ނެތިފައެވެ. މި ފަހަރުގެ އިންތިޚާބުގައި ނަތަންޔާހޫއަށް ލިބުނު ކާމިޔާބީގެ ސަބަބުތަކުގެ ތެރޭގައި ޢަރަބިން މި އިންތިޚާބަށް ފުރަގަސް ދިނުން ވެއެވެ.
ނަތަންޔާހޫގެ ކުރިމަގު
ނަތަންޔާހޫގެ އެބުރިވަޑައިގަތުމާއި ޓްރަމްޕް ވެރިކަމުގައި ހުންނެވުމުގެ މާނައަކީ " ޞުލްޙައަށް ޓަކައި ބިން " ނުވަތަ އދ ގެ 242 ވަނަ ޤަރާރާއި 338ވަނަ ޤަރާރުގެ މަތީގައި ޞުލްޙަ ޤާއިމުކުރުމުގެ ޤާނޫނީ ހައިސިއްޔަތަށް ފަސްއަޅައި ވަޅުލުމެވެ. މިއީ އިސްރާއީލުން ގެންގުޅޭ އެ ދައުލަތގެ އަމްނާ އެ ދައުލަތުގެ ދެމިއޮތުމުގެ ފަލްސަފާގެ ތަރަހައެވެ.
ނަތަންޔާހޫގެ ޢާއްމު ސިޔާސަތަކަށް ވާނީ އިރާނުގެ ނުފޫޒު މެދުއިރުމަތީގައި ނައްތައިލުމަށް މަސައްކަތްކުރެއްވުމާއި، ދުނިޔޭގައި ފަލަސްޠީނީން ހަވާސާ ކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމާއި، ވިޔަފާރިއާއި އިންވެސްޓްމެންޓް ގެ އިތުރުކޮށް އިސްރާއީލު ކުރިއެރުވުމެވެ.ނަތަންޔާހޫގެ ވެރިކަމަށް ވަޑައިގެން ފަހުން އިސްރާއީލު ވަނީ އިޤްތިޞާދީ މައިދާނުގައި ކުރިއެރުންތަކެއް ހޯދައިފައެވެ.
އިސްރާއީލުގެ ކުރީގެ ވެރިން ޞުލްޙައަށް ޓަކައި މަސައްކަތްކުރައްވައި އެ މަގުގައި ތާރީޚި ފިޔަވަޅުތަކެއް އަޅުއްވައިފައި ވެއެވެ. އޭގެ ތެރޭގައި މިޞްރާއެކު ޞުލްޙަ ޤާއިމުކުރުމާއި ، ލުބްނާނުން ފޭބުމާއި ، ފަލަސްޠީނީންނާއެކު އެއްބަސްވުމެއް ޤާއިމުކުރުން ވެއެވެ. މިއާޚިލާފަށް ނަތަންޔާހޫ އިސްކަންދެއްވާފައި ވަނީ ފަލަސްޠީނު މީހުންގެ އެދުންތަކަށް ބީރު ކަންފަތެއް ދެއްވައިގެން އިސްރާއިލަށް ހަމަޖެހުމާއި އަމާންކަން ގެނެސް ދެއްވޭތޯ ބެއްލެވުމެވެ.ފަލަސްޠީނުގެ ދައުލަތް ހުޅަނގު އައްސޭރީގައި ޤާއިމު ކުރުމަށް ފަލަސްޠީނީން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުއްވުމެވެ.
ނަތަންޔާހޫގެ ވެރިކަމުގައި ވޭތުވެދިޔަ ދަހަރުގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކުރުވި ޔަހޫދީންގެ ޢަދަދު ވަނީ 43 ހާހަށް އިތުރު ވެފައެވެ. މީގެ އިތުރަށް ޤުދްސުގެ ވަށައިގެން ހަދާފައިވާ އާބާދީ ފްލެޓްތަކުގައި އެތައް ހާސް ޔަހޫދީންނަކާއި އެ މުޤައްދަސް ސަހަރުގެ ވަށައިގެން އޮތް ރަށްފުށުގެ އަވަށްތަކުގައި އެތައް ހާސް ޔަހޫދީންނެއް ވަނީ ވަޒަންވެރި ކުރުވައިފައެވެ. ނަތަޔަންހޫގެ ވެރިކަމުގައި ކުރިއަށް އޮތް އަހަރުތަކުގައި މި ސިޔާސަތު ކުރިއަށް ދާނެއެވެ. ނަތަންޔާހޫ ވިދާޅުވާ ގޮތުގައި ހިފާފައިވާ ޤުދްސުގެ ބިމުން އެންމެ އިންޗިއެއް ވެސް ދޫކޮށެއް ނުލެވޭނެއެވެ. އަދި ވަޒަންވެރި ކުރުވާފައިވާ އެއްވެސް ޔަހޫދީއަކު ޞުލްޙައިގެ އެއްވެސް އެއްބަސްވުމެއްގެ ދަށުން އޭނާގެ ގެއިން ބޭރަކަށް ނުލެވޭނެއެވެ.
އިންތިޚާބުގެ ޙަމަލާގެ ތެރޭގައި ނަތަންޔާހޫ ވިދާޅުވެފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ ބައެއް ބިންތައް އިސްރާއިލަށް ނެގޭނެއެވެ. މިއީ އިސްރާއީލުގެ އިސްވާރުން އެކަމާ ފޭވެވަޑައިގެންނެވޭތޯ ވަރަށް ބޮޑަށް ބައްލަވާފައިވާ ވަރަށް ޙައްސާސީ މައްސަލައެކެވެ.
ނަތަންޔާހޫގެ ސިޔާސަތުގައިވާ ގޮތުގެ މަތިން އޭނާ ވަނީ އިންތިޚާބުގެ ތަންކޮޅެއް ކުރިން ސޫރިޔާގެ ބިމުން 1967 ގައި އިސްރާއީލު ހިފާފައިވާ ގޯލަން ގެ އުސްބިންތައް އިސްރާއީލުގެ ބިންތަކެއް ކަމުގައި ހައްދަވައިފައެވެ. މި ކަމުގައި ރައީސް ޓްރަމްޕްގެ ތާއީދު ވަނީ ހޯއްދަވައިފައެވެ. ހުޅަނގުގެ ގިނަ ޤައުމުތަކުން މި ކަމާ ދެކޮޅު ހަދައެވެ. ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ މިއަދުގެ ޒަޢާމަތަށް މިކަމާމެދު މިއަދު އެއްޗެއް ވިދާޅުވެވޭކަށް ނެތެވެ.
އިސްރާއީލުގައި އެންމެފަހުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓެއް ބުނަގޮތުގައި ދެ ދައުލަތުގެ ޙައްލަށް މިއަދު ތާއީދު ކުރަނީ އިސްރާއިލުގެ އެންމެ ތިން ބައި ކުޅަ އެއްބަޔެވެ. އެކަމަކު 2007 ވަނަ އަހަރު މި ކަމަށް އިސްރާއީލުގެ 70% މީހުން ތާއީދުކޮށްފައި ވެއެވެ.
ގަލްފުގެ ޤައުމުތަކާ އީރާނާ ދެމެދުގައިވާ ހަތުރުވެރިކަމަކީ ނަތަންޔާހޫ ފައިދާ ނަންގަވާ ކަމެކެވެ. އޭނާ މި ދުޝްމަނުކަމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ފަލަސްޠީނުގެ މަސްއަލަ ނުހިމެނޭ ގޮތަށް އައު މެދުއިރުމައްޗެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާތަން ފެނެއެވެ. މިކަމުގައި އެމެރިކާގެ ތާއީދުގެ އިތުރަށް ހުޅަނގުގެ އިސްތިޢުމާރީ ޤައުމުތަކާއި ، ރަޝިޔާއާއި، އިންޑިޔާއާއި ، ޗައިނާގެ ތާއީދު ވެސް ވަނީ ހޯއްދަވައިފައެވެ.
ނަތަންޔާހޫގެ ސިޔާސަތު ދެމިއޮންނާނެ
ފަސާދައިގެ މަސްއަލަތަކެއްގައި ނަތަންޔާހޫއާ ދެކޮޅަށް ތަޙްޤީޤުތަކެއް ހިނގަމުން ދިޔަ ކަމުގައި ވިޔަސް ޤާނޫނީ އިޖްރާއާތު އޮންނަ ގޮތުން މި ކަމުގައި އެތައް އަހަރުތަކެއް ފާއިތުވެގެން ހިގައިދާނެއެވެ. މިކަމުގައި އޭނާއަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތަސް އޭނާ ބޭނުންފުޅުވާ ގޮތަށް އިސްރާއީލުގެ މުޖްތަމަޢު ބައްޓަންކުރައްވަން ވަގުތު ތަނަވަސް ވެގެން ދާނެއެވެ.
ޤުދްސުގެ ޢިބްރީ ޔުނިވަރސިޓީގެ އެދުރެއްކަމުގައިވާ ޣާޔިލް ތަލްޝީރު ވިދާޅުވާ ގޮތުގައި ، ނަތަންޔާހޫ އިސްރާއީލު ، ލިބަރަލް ޑިމޮކްރަސީން ލިބަރަލްނޫން ޑިމޮކްރަސީއަށް ގެންދަވައިފިއެވެ. އޭނާ ސިޔާސީ މަސްރަޙުން ވަންހަނާވިޔަސް އޭނާގެ ތަރިކަ އިސްރާއީލުން ފުހެވިގެން ނުގޮސް ދެމި އޮންނާނެތެވެ. "