ލިވަޕޫލް ތިންވަނަ މަގާމަށް ޖެހިލިއިރު ސަލާހް ތާރިހުގެ ތެރެއަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވަޓަފޯޑް އަތުން 5-0 އިން ލިވަޕޫލް މޮޅުވެ ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލިއިރު އެޓީމަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހް ތާރިހުން ޖާގަ ހޯދައިފިއެވެ.

ވަޓަފޯޑް ކޮޅަށް ކާމިޔާބު ކުރި ހަތަރު ލަނޑާއެކު ސަލާހް ވެގެންގޮސްފައި ވަނީ ލިވަޕޫލްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މިސީޒަނުގައި މިހާތަނަށް 34 ލަނޑު ސަލާހް ކާމިޔާބު ކޮށްފައިވާއިރު ކުރިން މިރެކޯޑް އޮތީ 33 ލަނޑު ޖަހައިގެން ސްޕެއިނުގެ ކުރީގެ ފޯވާޑް ފެނާންޑޯ ޓޮރޭސް އަތުގައެވެ. މީގެ އިތުރުން ސަލާހް ވެފައި ވަނީ ޕްރިމިއަރ ލީގުގައި ހެޓްރިކެއް ހެދި އެފްރިކާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ލިވަޕޫލަށް އެއްމެޗެއްގައި 4 ލަނޑު ކާމިޔާބު ކޮށްދިން ދެވަނަ ކުޅުންތެރިޔާއަށެވެ. ކުރިން މިރެކޯޑް އޮތީ މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ލުއިޒް ސްއަރޭޒް އަތުގައެވެ.

މިދިޔަ ހަފްތާގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ ތާވަލުގެ ހަތަރުވަނަ މަގާމަށް ވެއްޓިފައި ވަނިކޮށް މިމެޗުގައި އެޓީމުން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ސަލާހްގެ ލަނޑުތައް ފެނިގެންދިޔައީ 4 ވަނަ މިނެޓާއި 43 ވަނަ މިނެޓާއި 77 އަދި 85 ވަނަ މިނެޓުގައެވެ. ފިރްމީނޯ ލަނޑު ޖެހީ 49 ވަނަ މިނެޓުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ ސަލާހް ދައްކަމުންދަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އަޅާކިޔޭނެފަދަ ކުޅުމެއްކަމަށެވެ. "ސަލާހް އާއި މެސީއާ އަޅާކިޔާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު މިހާރު ސަލާހް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ސަލާހް އެދަނީ މެސީއާ އަޅާކިޔަން މަޖުބޫރުވާ ހިސާބަކަށް" ކްލޮޕް ބުންޏެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތީ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ އިތުރަށް އެއްމެޗް ކުޅެ 61 ޕޮއިންޓާއެކުއެވެ. ލީގުގެ އެއްވަނައިގައި އޮތީ 81 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީއެވެ. ދެވަނައިގައި 65 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.