އިރު ކޮލަމް: އަހަރެމެން ހަމަ ނުވިސްނަނީ ހެއްޔެވެ؟

އަހަރެމެން އެންމެންނަކީ ވެސް މުޖުތަމަޢުގެ އަޚުލާޤާމެދު ވިސްނަން ޖެހޭ ބައެއކެވެ. ކޮންމެ ތަނެއްގައި ވެސް ކޮންމެ ކަމެއްގައި ވެސް އެކަން އޮންނަން ޖެހެއެވެ. އަހަރެމެން ދަރިންނަށް އަޚުލާޤީ ފިލާވަޅުތައް ދޭންޖެހެއެވެ. އަންނަން އޮތް ޖީލުތަކަށްޓަކައެވެ. ރަނގަޅު ޤައުމިއްޔަތެއް ދެމެހެއްޓުމަށެވެ.

ބައެއް ޤައުމު ތަކުގައި އެކަމުގެ އަސަރު ގައުމުގެ ތަރައްޤީ އާއި , ކުރިއެރުން ތަކުން ފެންނަން އެބަހުއްޓެވެ. މިސާލަކަށް ޖަޕާން ފުދެއެވެ. އެއީ މިއަދު އެޤައުމުގެ ރައްޔިތުން ފަޚުރުވެރިވާ ކަމެކެވެ. އަޅުގަނޑު އެޤައުމުގެ މީހެއްގެ ގާތު ތިޔަ ޤައުމުގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ ނުވަތަ ސިފައަކީ ކޮބާތޯ އަހާލީމެވެ. އޭނާ ހިނިތުން ވުމާއެކު ބުނީ އެއީ ތިމަންމެން ޖަޕާނު މީހުންގެ އަޚުލާޤު ކަމަށެވެ. ތިމަންނާ މެންގެ ކުރިއެރުމަކީ އެއީ ކަމަށެވެ. އެކަމަށްޓަކައި މިއަދު ތިމަންނާމެން ފަޚުރުވެރިވާ ކަމަށެވެ. ނިކަން ބައްލަވާށެވެ. މިިސިފަ އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައެވެ.

މިއަދު އަޅުގަނޑުމެން މިކަމަށް ނުވިސްނައިފި ނަމަ ޤައުމުގެ ރީތި ކަމުގެ ސިފަ ގެއްލި ހިނގައިދާނެއެވެ.ފޫނުބެއްދޭ ވަރަށް ޤައުމު ހަލާކުވެ ހިނގައިދާނެއެވެ.އަޅުގަނޑު މެންގެ އަންނަން އޮތް ޖީލު ތަކަށް އަޚުލާޤީ ރީތި ނަމޫނާ ފޯރުކޮށް ދޭން ޖެހެއެވެ.

އަޅުގަނޑުމެންގެ ކުދިން ގޮވައިގެން ސައިކަލު ފަދަ ތަކެތީގައި ސުކޫލަށް ދާއިރު ބައެއް މީހުން ޤަވާޢިދާ ޚިލާފަށް ވެސް އެބަ ދަތުރު ކުރެއެވެ.ގަޑި ޖެހޭތީ އަވަސް ކުރުމުގެ ގޮތުންނެވެ.

ސުކޫލު ކައިރީ ތޮއްޖެހޭތީ މަގުގެ ދެކޮޅުން ދޮރާށްޓާ ވިއްސަކަށް ފޫޓް ހުންނަ ވަރަށް ކޯނު ބަހަށްޓާ ބަންދު ކޮށްފައި އޮތަސް ދަރިފުޅު ގޮވައިގެން ސައިކަލުގައި ވެސް ގޮސް މަޑުކުރަނީ ދޮރާށި ކުރިމައްޗަށެވެ. އަދި ދަރިފުޅު ގޮވައިގެން ސައިކަލުގައި ދަތުރު ކުރާއިރު ފޯނުން ވެސް ވާހަކަ ދައްކާތަން ފެނެއެވެ. ދުއްވަމުން ބައެއް މީހުން ސިނގިރޭޓް ވެސް ބޮނީއެވެ. ބާރު ސްޕީޑއގައި ވެސް ދުއްވަނީއެވެ.އަދި ދަރިފުޅު ގޮވައިގެން ދުއްވާފައި ދާއިރު ނުބައި ފަރާތުން ވެހިކަލް ތަކުގެ ކުރިޔަށް ވެސް އަރަނީ މަދެއްކޮށެއް ނޫނެވެ. ދުފަމުން މަގުމައްޗަށް ރަތްކުޅު ޖެހުމަކީ ވެސް ބައެއް މީހުންގެ ހުތުރު އާދައެކެވެ.އަދި ބޭނުން ކުރާ ޓިޝޫފަދަ ތަކެތި ވެސް ކުދިންގެ ކުރިމަތީ ބައެއް މީހުން މަގުމައްޗަށް އެއްލާލަނީއެވެ. އަހަރެމެން ދަރިންނަށް މި ދަސްކޮށް ދެވެނީ ގޯސް ކަންކަންކަމެވެ.ހުތުރު ކަންކަމެވެ.

މިކަންކަން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތައް މިއަދު ކުރަނީ ކޮން ކަމެއް ހެއްޔެވެ.? ހޭލުންތެރި ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ.? އަހަރެމެން ހަމަ ނުވިސްނަނީ ހެއްޔެވެ.?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.