ޙަމާސްގެ އަލްޤައްސާމް ބްރިގޭޑްގެ އިސްވެރިޔާ މުޙައްމަދު ޟައިފު: ގަދަވެ ސަލާމަތުން އެބަ ހުންނެވި

އިޒުރޭލާ ދެކޮޅަށް ޙަމާސްއިން ހިންގާ ޢަސްކަރީ ހަރަކާތްތަކުގެ އެންމެ އިސް މޭސްތިރިއާ، މުޙައްމަދު ޟައިފުގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި ގަދަވެ ސަލާމަތުން އެބަ ހުންނެވިކަން އެނގުމުން އިޒުރޭލުގެ ނިރުބަވެރި ސަރުކާރަށާއި ސިއްރު ފުލުހުންނަށާއި ޢަސްކަރިއްޔާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ.

މުޙައްމަދު ޟައިފު އަވަހާރަކޮށްލުމަށް އިޒުރޭލުން ހަތް ފަހަރު ދިން ހަމަލާތަކުން ވެސް އޭނާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.  ފުރޮޅުލީ ގޮނޑިއެއްގައި އާންމުކޮށް އުޅުއްވާ މުޙައްމަދު ޟައިފު އާލާސްކަންފުޅާ އުޅުއްވާކަމަށް ކުރިން އަޑު ފެތުރުފައި ވިޔަސް ޙަމާސްގެ ބާރުގަދަ ލަޝްކަރު، އަލްޤައްސާމް ބްރިގޭޑްގެ ވެރިޔާގެ   ހާލުއަހުވާލު  ރަނގަޅު ކަމަށް އިޒުރޭލަށް މިހާރު ވަނީ ގަބޫލުކުރެވިފައެވެ.

އެތައް އަހަރެއް ވާނދެން އިޒުރޭލުން ގަބޫލުކޮށްގެން ތިބީ އަލްޤައްސާމް ބްރިގޭޑްސްގެ ކޮމާންޑަރ އިން ޗީފްގެ ސިއްހަތު ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް އިޒުރޭލަށް ލިބިފައިވާ އައު ޖާސޫސީ މައުލޫމާތުން މުޙައްމަދު ޟައިފުގެ ސިއްޙީ ޙާލަތު ހާމަވެގެން ގޮސްފައި ވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ޖާސޫސީ އިދާރާތަކުން ހޯދައި އެއްކުރި ވީޑިއޯތައް ބަލައި ހެދުމުން ޔަގީންވެ ކަށަވަރުވީ މުޙައްމަދު ޟައިފު ގަދަވެ ސަލާމަތުން އެބަ ހުންނެވިކަމެވެ. ދައުރުވަމުންދާ މައުލޫމާތާ ހިލާފަށް އޭނާގެ  ސިއްހަތު ވެސް ރަނގަޅުކަން ވަނީ ޔަގީން ކުރެވިފައެވެ.

އިޒުރޭލުގެ މީޑިއާގެ މަސްދަރަކުން ހާމަކުރި ވީޑިއޯ ރިޕޯޓަކުން ކޮމާންޑަރު ޟައިފު ހިންގަވާފައި ވަޑައިގަންނަވާތަން ފެނެއެވެ. އޭނާގެ ހިންގެވުމުގައި ކުޑަ "ކޮރު" ކަމެއް ހުއްޓެވެ. އެހެން ވީޑިއޯއަކުން ފެންނަނީ ޟައިފު ކޮންމެވެސް ތަނެއްގައި އިށީދެވަޑައިގެން އިންނެވި ތަނެވެ.

އަދި އެ ވީޑިއޯތަކުން ޟައިފަށް ހިންގަވާފައި އުޅެއްވޭކަމާއި ފުރޮޅުލީ ގޮނޑި ބޭނުން ނުކުރައްވާކަން ވެސް އެނގުނެވެ. އެ ކަމުން ދޭހަވީ އިޒުރޭލަށް ކުރިން ލިބުނު މައުލޫމާތު ރަނގަޅު ނޫންކަމަށާއި އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަމެވެ.

އިޒުރޭލުން މުޙައްމަދު ޟައިފު އަވަހާރަކޮށްލަން ހަތް ފަހަރު ހަމަލާ ދިންކަމަށް ވިޔަސް ކޮންމެ ފަހަރަކު ވެސް އޭނާ ސަލާމަތްވެވަޑައިގަތެވެ. އޭނާއަށް ހަތަރު ފަހަރު އަނިޔާ ލިބިވަޑައިގަތެވެ. އެއްފަހަރު ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގެން މަރާ ހަނގުރާމަ ކުރެއްވިޔަސް އަލުން އައު ދިރުމެއް ލިބިވަޑައިތެވެ.

މުޙައްމަދު ޟައިފުގެ ބަޔޮގްރަފީގައި މީގެ 9 އަހަރު ކުރިން އިޒުރޭލުން އޭނާގެ އާއިލާ އަވަހާރަކޮށް ގެދޮރު ހަލާކުކޮށްލާފައި ވާކަން ބަޔާންކޮށްފައި ވެއެވެ.

އެމެރިކާއިން ވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓަށް މުޙައްމަދު ޟައިފުގެ ނަން އިތުރުކޮށްފައެވެ. އޭނާއަށް މުޙައްމަދު ޟައިފުގެ ލަޤަބު ދިނީ އޭނާއަކީ ގިނަ ފަހަރަށް މީހެއްގެ މެހުމާނަކަށް ވާތީއެވެ.

ޟައިފުގެ އާއިލާ 1948 ވަނަ އަހަރު "ކޮކްބާ"އިން ހިޖުރަކޮށް ޚާން ޔޫނިސް ކޭމްޕްގައި ވަޒަންވެރިވިއެވެ.

މުޙައްމަދު ބޮޑުފުޅުވީ ޣައްޒާގެ ދެކުނު ސަރަހައްދުގައެވެ.

ޣައްޒާއަށް އިޒުރޭލުން މެދުކެނޑުމެއް ނެތި މިހާރު ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 20 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މުޙައްމަދު ޟައިފު ފަދަ ހިތްވަރުގަދަ މުޖާހިދުންގެ އަޒުމަކީ އިޒުރޭލުގެ އަނިޔާވެރިކަމުގެ ވަކިތަކުން ފަލަސްޠީނާއި ޤުދުސް މިނިވަން ކުރުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.