ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މާފުށީ ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ފަރާތްޕުޅުން ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުޙަންމަދު ޝައިނީ މިއަދު ވިދާޅުވެއްޖެއެވެ.
މައުމޫން ދޫކޮށްލުމަށް އެދި ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ގޮވާލެއްވުމުން އެކަމަށް ރައްދު ދެއްވައި ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ވައްޓާލަން ގާނޫނާ ޚިލާފަށް އަމަލު ކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެހެން ގައިދީންނާއި މައުމޫނާ ތަފާތު ގޮތަކަށް އަމަލު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
ޖަލުގައި ހުންނެވި ބައްޕާފުޅާ ބައްދަލު ކުރުމުގެ ފުރުޞަތު އާއިލާ މެމްބަރުންނަށާއި ވަކީލުންނަށް ދިނުމަށް ދުންޔާ ގޮވާލެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި ޝައިނީ ވިދާޅުވީ މައުމޫނުގެ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި މައުމޫނަށް ސިއްޙީ ފަރުވާ ދެއްވުމަށް ދުންޔާ ގޮވާލެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި ޝައިނީ ވިދާޅުވީ މިހާރުވެސް މައުމޫނަށް ސިއްޙީ ފަރުވާ ސަރުކާރުން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
މައުމޫން ހައްޔަރުކޮށް އެންމެ ފުރަތަމަ ބަހައްޓާފައި ވަނީ ދޫނިދޫ ޖަލުގައެވެ. ނަމަވެސް ފަހުން ވަނީ މާފުށީ ޖަލަށް ބަދަލު ކުރައްވާފައެވެ.