(28 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ޖީބުން ސިނގިރޭޓެއް ނަގާފައި ރޯކޮށްލައިފިއެވެ. އަދި އެއްފަހަރު ދަމާލުމަށްފަހު ދުންކޮޅު ކޮޓަރީގެ ބަންދުވެފައިވާ ފަޒާގެ ތެރެއަށް ދޫކޮށްލާފައި ބުންޏެވެ.
"ކަލާ ވަރަށް ރީތި ގެއެއް ބައްލަވައިގެންނެވި ވާހަކަ އެހިން!"
"ލައްބަ ހަމަވަގުތުން އެ މީހުންނާ ވަކިވީ. އެއަށްވުރެ ގިނަ ދުވަހު އެގޭގައި އުޅުނުނަމަ އަޅުގަނޑު މަރުވީސް ކަންނޭނގެ."
"ކީއްވެގެން؟ ކީއްވެތޯ؟"
"އަޅުގަނޑަށް ޒަހަރު ދެމުން ގެންދިޔައީ."
"ކީކޭތޯ؟" ޘަނާ ހިމޭންވެއްޖެއެވެ.
"ލައްބަ އަޅުގަނޑަށް ބޭސްކުރުމަށްޓަކައި ކަލާ އަޅުގަނޑު ދެއްކެވި ޑޮކްޓަރ އަޅުގަނޑުގެ ޓެސްޓްތައް ކުރުމުން އޭގެ ރިޕޯރޓުތަކުން ދެއްކީ އަޅުގަނޑަށް ކިރަށް އަޅާފައި ނުވަތަ ކާއެއްޗެއްސަށް އަޅާފައި ޒަހަރުދެމުން ގެންގޮސްފައި ހުރިކަމަށް... އަދި އަހަރެންގެ ދަރިފުޅު ޙިނާވެސް މަރުވެފައިވަނީ ހަމަ އެ ޒަހަރުން...."
"ޔާ ﷲ ކޮންފަދަ ހިތާމައެއް!" ޘަނާގެ އަނގައިން ބޭއިޙްތިޔާރުގައި ބުނެވުނެވެ. އޭނާގެ ލޭގައި ކަރަންޓެއް ކަހަލަ ރާޅުތަކެއް އުފެދިގަތް ކަހަލައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް އިންގޮނޑިން ތެދުވެވިއްޖެއެވެ. އޭނާގެ މޫނު މައްޗަށް ވެރިވަމުންދަނީ ޢަޖައިބުވާ ފަދަ އަސަރުތަކެކެވެ.
"ޘަނާ އިށީންނަވާ!" އަނާ ހިމޭންކަމާއެކު ބުންޏެވެ.
"މި ވާހަކަ އަދި އެކަކަށް ވެސް ނޭނގޭނެ.... އަދި މިކަން އަޅުގަނޑަށް އެނގުނުކަމެއްވެސް އެއްވެސް މީހަކަށް ނޭނގޭނެ. އަޅުގަނޑު ބިއްލާ ގާތުގައިވެސް މި ވާހަކަ ނުބުނަން. އޭނާގެ ގާތުގައި މި ވާހަކަ ބުނެފިނަމަ އެ މީހުންގެ ތެރެއިން އެކަކު ދިރިހުއްޓާ ވެސް އޭނާ ހިމޭނަކުން ނުހުންނާނެ."
"މިހާރު ޑޮކްޓަރ ބުނަނީ ކީކޭ؟" އަނާގެ ބައްޔާމެދު ކަންބޮޑުވެފައިވާ ގޮތެއްގައި ޘަނާ ސުވާލުކުރިއެވެ.
"ބޭސްކުރުވަމުން މި ގެންދަނީ... ޑޮކްޓަރ ބުނަނީ ރަގަޅު ވަގުތުގައި އެނގުނުކަމުން ސަލާމަތް ކުރެވޭނެކަމަށް."
ޘަނާ ފުންނޭވާއެއްލާފައި ބުންޏެވެ،
"އަޅުގަނޑު އެ މީހުންނާމެދު ޙިނާ މަރާލިކަމުގެ ކުށުގައި ދައުވާ ކުރާނަން. އޭރުން ހިނާ އަނބުރާ ލިބޭނެތޯ؟"
"ކަލާ ތިޔަ ބުނުއްވަނީ އަޅުގަނޑު އެމީހުންނަށް ހިލޭ ޗުއްޓީއެއް ދޭށޭތޯ؟ މީހުންމަރާ މީހުންނަށް މާފުދެވޭތޯ؟ އެ މީހުން ޙިނާ މަރާލާފައި އަދި ކަލާވެސް މަރަން މަސައްކަތް ކުރީ އެކަހަލަ މީހުންނަށް މަރުގެ ސަޒާ ލިބުން ބޭނުން."
"ނޫން ޘަނާ! އަވަސްވެގަތުމުގެ ބޭނުމެއްނެތް. ކަންތައް ކުރަންވީގޮތުގެ ޕްރޮގްރާމެއް އަޅުގަނޑު މިހާރުވާނީ ހަދާފައި. އަޅުގަނޑަށް ކަލާ ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މިހާބޮޑު ކަންތައްތަކެއް އަޅުގަނޑު އަމިއްލައށް ކޮންޓްރޯލް ނުކުރެވޭތީ. އެ ކަންތަކުގައި ކަލާގެ އެހީހޯދުން. އަޅުގަނޑު ކުރިންވެސް ނަންގެންފަދައިން މި ސާރިދޯޅުތަކުގެ ތެރެއަށް އަޅުގަނޑު އެކަނި ދޫކޮށްލައްވާފައި އެ ގޮތަށް ދުރުވުން އެއީ ރަނގަޅު ރަހްމަތްތެރިޔަކު ކަންތައް ކުރާނެގޮތް ތޯ؟ ނޫން...... ޡަނާ! އަޅުގަނޑު އެކަނި ..މީއެއްވެސް އެއްޗެއް ނޫން އަޅުގަނޑަށް ހުރިހާ ވަގުތެއްގައިވެސް ކަލާ ބޭނުންވޭ.... ކޮންމެ ހިނދުކޮޅެއްގައިވެސް .... ކޮންމެ ގަޑިއެއްގައިވެސް."
"ނަމަވެސް އަޅުގަނޑު މި ތާނގައި ހުރުމުން ކަލާއަށް މަލާމާތާއި ނިކަމެތިކަން ލިބެމުންދަނީ ނޫންތޯ؟"
"ދުޝްމަނުން އެމީހުން ދައްކަން ބޭނުންވާހަކައެއް ދެއްކިޔަދީ....." އެ ވާހަކަތަކަށް ކެތްކުރުން އެއީ އަޅުގަނޑުމެންގެ ކާމިޔާބީ.." އަދި އަނާ އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ. އޭނާ ކޮންމެވެސް މުހިއްމު ވާހަކައެއް ބުނަން އުޅެފައި ހުއްޓާލިކަން ޘަނާއަށް އިހްސާސްކުރެވުނެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތައް ޘަނާ ބަލަމުން ދިޔައެވެ.
"އަދި ކީކޭތޯ؟"
ޘަނާ އޭނާއަށް ހިތްވަރުދިނެވެ. ފަހަރެއްގައި ޚުދް އޭނާއަށް ޓަކައި ދިރިއުޅުމެއް ލިބޭކަހަލަ ޖުމުލައެއް އިވިދާނެކަމުގެ އުއްމީދުގައި ކަންނޭނގެއެވެ.
"ނަމަވެސް..." އަނާ އެއްވެސް އެއްޗެއް ނުބުނެ ޘަނާއާ ދިމާއަށް ބަލަން އިނީއެވެ. ހަމައެކަނި ބަލަނީއެވެ.
"ބުނުއްވާ.... އަނާޖީ! ކަލާ ހިމޭނުން ތިޔަ އިންނެވީ ކީއްވެގެންތޯ؟"
"އަޅުގަނޑު... އަޅުގަނޑު ބުނަން ބޭނުންވެގެން މިއުޅެނީ ހަމައެންމެ އެއްޗެއް. އެއީ އަޅުގަނޑަކީ މީހަކާ އިނދެގެން އުޅޭ އަންހެނެކޭ... އަދި އަޅުގަނޑު އަމިއްލަ މަންޒިލާ ހަމައަށް އަޅުގަނޑު ގެންގޮސް ދެއްވާނެކަމަށް ވަޢުދު ކުރައްވާފައޭ. އެހެންވީމާ މިހާރު ދެން ކަލާއަށް މަގުއޮޅިލައްވައިގެން ތިޔަ އުޅުއްވަނީ ކީއްވެގެންތޯ އޭ."
ޘަނާގެ ހިތް އެއްފަހަރުން ހުއްޓިއްޖެއެވެ.
އޭނާ އަހާހިތުންހުރި އެއްވެސް އަޑެއް އޭނާގެ ކަންފަތަކަށް ނީވުނެވެ. އަނާ އަދިވެސް ހުރީ މީގެ ދެތިން ދުވަސް ކުރިން އޭނާ އަނާ ދޫކޮށްލާފައި ދިޔައިރުވެސް ހުރި ހިސާބުގައެވެ. އޭނާގެ ދަރިފުޅު މަރާލިކަމާއި ޒަހަރުދީގެން އޭނާވެސް މަރާލަން މަސައްކަތް ކުރަމުން ދިޔަކަން އެނގުމާ އެކުގައިވެސް މެއެވެ. އޮފީހުގެ ތެރެއަށް ފެތުރިފައިވަނީ ހިމޭންކަމެކެވެ. ވަރަށް ފުން ހިމޭންކަމެކެވެ.
އެ ހިމޭންކަމުގެ ތެރޭގައި ޘަނާގެ ހިތް ވަރަށް ވާރަށް ތެޅެމުންދެއެވެ. އެއާއެކު އޭނާގެ ވިންދުތައް އަވަސްވަމުން ދިޔައެވެ.
"ކަލާ އަޅުގަނޑު ކައިރީގައި އުޅުއްވާނަންތޯ. ޘަނާ!". އަނާ މިހެންބުނީ އާދޭހުގެ ރާގެއްގައެވެ.
"ލައްބަ އަޅުގަނޑު ކަލާ ކައިރީގައި ހުންނާނަން އަޅުގަނޑުގެ ނަޞީބުގައި އޮތްހާވެސް އެއްޗަކީ އެއީކަންނޭނގެ...ލޯތްބަކީ ވަރަށް ރީތި ކުލައެއްގެ ދޫންޏެއްކަމާއި އިންސާނުންގެ މުޅި ދިރިއުޅުން އެ ދޫނި ފަހަމުން ވޭތުކުރަމުން ދާކަމާއި އެ ވަރުން ވެސް އެ ދޫނި ނުލިބިދާން ޖެހޭނެކަން މިއަދު އަޅުގަނޑަށް އެނގިއްޖެ. އެންމެފަހުން އެއްދުވަހަކު ވަރުބަލިވެގެން އެ މީހެއްގެ ޢުމުރު ހަމަވެގެން ވަޅުލެވި ދަނީކަން ވިސްނިއްޖެ. އަޅުގަނޑުގެ ނަޞީބުގައި އޮތީ މިގޮތް ކަމުގައިވާނަމަ، މިއަދުގެ ފަހުން އެ ކަމާބެހޭގޮތުން އަޅުގަނޑުގެ އަގައިން އެއްވެސް ޝަކުވާއެއް ނުކުރާނޭކަން ޔަޤީންކުރައްވާ އަނާޖީ!"
އަނާ ފުން ނޭވާއެއްލާފައި ބުންޏެވެ.
"ޘަނާ! ކަލާއަކީ ވަރަށް މަތިވެރި އިންސާނެއް... އަޅުގަނޑަށް ކަލާއަށް ކޮންމެވެސް އެއްޗެއް ދެވޭނެނަމަ...."
ކޮޓަރިއަށް އަނެއްކާވެސް ހިމޭންކަން އަތުވެއްޖެއެވެ.
މިފަހަރު ދެ މީހުންވެސް ހިމޭންވީއެވެ. ހީވަނީ އެކަކުވެސް ވާހަކަ ނުދައްކާން ހުވާކޮށްގެން ތިބީހެންނެވެ. ހީވަނީ އެކެއްގެ ކިބައިގައިވެސް ބުނާނޭ އިތުރު އެއްޗެއް ނެތިގެން ތިބީހެންނެވެ.
އެކަށީގެންވާ ވަގުތުކޮޅެއް ފާއިތުވުމަށްފަހު މިހިމޭންކަން ނަގާލީ ޘަނާއެވެ.
"މިހާރު އޮތީ ކޮން ޕްރޮގްރާމެއްތޯ؟"
"ވަކި ޕްރޮގްރާމެއް ނެތް... ހަމައެކަނި އިޙްސާސެއް ވަމުންދަނީ... އަޅުގަނޑު ހިތަށް އަރަމުންދަނީ މިކަމުގައި އަޅުގަނޑު ދެރަވެއްޖެއޭ... އަޅުގަނޑު ބަލިވެއްޖެއޭ.."
"ފިރިއަކު ގެއްލުމަކުން އިންސާނެއްގެ ދިރިއުޅުމުގެ އިމްތިހާނުން ފޭލްވީ ކަމަކަށް ނުވާނެ. ދިރިއުޅުމަކީ އެއަށްވުރެ މާރީތި އެއްޗެއް. އެ ދިރިއުޅުން ވޭތު ކުރުމަށްޓަކައި އެނޫންވެސް އެތައް ގޮތްތަކެއް އޮންނާނެ!"
"ޘަނާ ހިންގަވާ ގެއަށް ދުރުވަމާ!"
އަނާ ކުއްލިއަކަށް ވާހަކައިގެ މަޥްޟޫޢު ބަދަލުކޮށްލިއެވެ. އަދި ހަމަވަގުތުން އިންޓަރކަމްގެ ޒަރީޢާއިން ޖޫލީއާ ގުޅާލާފައި އޭނާ ގެއަށްދާ ވަހަކަ ވެސް ބުނެފިއެވެ. އަދި މާ ޚާއްޞަކަމެއް ދިމާވެއްޖެނަމަ ގެއަށް ފޯނުކޮށްލުމަށް އެންގިއެވެ.
އޭގެ ކުޑައިރުކޮޅެއްފަހުން އަނާއާއި ޘަނާ ކާރުގައި ޓައުނާ ދިމާއަށް ދަތުރު ކުރަމުންދަނީއެވެ. ކާރު ދުއްވަން އިނީ ޘަނާއެވެ. އަނާއިނީ މަގުދައްކާށެވެ. ގޭގެ ދޮރުމައްޗަށް ކާރު ހުއްޓާލަމުން ޘަނާ ބުންޏެވެ.
"ހާދަ ރީތިގެއެއް"
އަނާ ހަމައެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.
ދެ މީހުން ގޭތެރެއަށް ވަނުމާއެކު ޒުވާން އަންހެނަކާއި ފިރިހެނެއް އެމީހުންނާ ދިމާއަށް އަވަސް އަވަހަށް އައެވެ. ހީވަނީ އެއީ އެ ގޭގައި އުޅޭ ނޯކަރުންގެ ދެމީހުންނެވެ. އަނާ އެމީހުންނާ ޘަނާ ތަޢާރަފުކޮށްދިނެވެ.
“މިއީ ދެމަފިރިން."
އެ ދެ މީހުން ކުރިއަށް ޖެހިލާފައި ޘަނާއާ ސަލާމްކޮށްލިއެވެ.
އަނެއްކާވެސް އަނާ ބުންޏެވެ.
"މީ..ނިސްރީން.....އަދިމިހިރީ އޭނާގެ ފިރިމީހާ އިމްތިޔާޒް... އޭނާއަކީ އަޅުގަނޑުމެންގެ ކްލާރކެއް.. އަޅުގަނޑު އެދިގެން ދުވަސްކޮޅަކަށް ނިސްރީން ގޮވައިގެން އައިސް މި ގޭގައި ހުންނަނީ.."
"ވަރަށް ރަނގަޅު." ޘަނާ ހީނލާފައި އިމްތިޔާޒްގެ އަތުގައި ހިފާލާފައި ބުންޏެވެ.
"ކަލޭމެންނަށް މި ގޭގައި ދަތިވާ އެއްވެސް ކަމެއް ނޯވޭދޯ!"
"ނޯވޭ މިސްޓަރ ޘަނާ! އަޅުގަނޑު ކުރިންވެސް ކަލާ ދަންނަން ...ފަހަރެއްގައި ކަލާއަށް އަޅުގަނޑި އެނގި ލައްވާނެކަމެއް ނޭނގެ....ކަލާ ފުރިހަމަ އެއްއަހަރު ދުވަހު ކުންފުނީގައި މަސައްކަތް ކުރެއްވީމު ނޫންތޯ. އަޅުގަނޑަށް ކަލާ ދަސްވީ އެ ދުވަސްވަރު. ލައްބަ މިހާރު މި ގެއަށް އައުމުން އަޅުގަނޑުމެންނަށް އިޙްސާސްވަމުން ދަނީ ދެން މި ގެއިން ދެވޭނެއެއްވެސް މަގެއްނެތްކަން.... ސާހިބާ އަނާގެ ހެޔޮކަމާއި އޯގާތެރިކަން އެހާވެސްބޮޑު. މި ގެއަށްއައީ ކުޑަދުވަސްކޮޅަކު ތިބެން. ނަމަވެސް މިހާރު އަޅުގަނޑަށް ހީވަނީ މި ގޭގައި އަބަދު ގެންގުޅުއްވާށޭ ނަންގަންނަން އަޅުގަނޑުމެންނަށް ޖެހޭނެހެން."
ޘަނާ ހީނގަތެވެ. އަދި ނަސްރީނާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"ކަލާގެ ނަޞީބުވަރަށް ގަދަ. އަނާގެ ހިޔަލުގައި އުޅެން ލިބުނުކަން އެއީ ވަރަށްބޮޑު ނަސީބެއް... ކޮބާ ރަނގަޅު ސައިތައްޓެއް ނުލިބޭނެތަ؟ ދަތުރު ވަރުބަލި ފިލުވާލަން ނިކަން ސައިފަތް ގިނަކޮށް ސައިތައްޓެއް ހަދާލަދީބަލަ!"
"ލައްބަ މިގެންނަނީ..". ނިސްރީން ހިނިތުންވެލާފައި ހިނގައްޖެއެވެ.
(ނުނިމޭ)
Hhaadha reechey shukuran