(1 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮންމެއަކަސް ނާރސް އޭނާއަށް އެ ކިޔައިދިން ވާހަކަތަކަކީ ތެދެއްކަމަށް އަނާއަށް ޤަބޫލުކުރެވިއްޖެއެވެ. އެކަން އެހެންއެވީ ގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް ޤަބޫލު ކުރެވުނު ގޮތުގައި ޙަޤީޤަތުގައި އޭނާ ބައްޔެވެ. އޭނާއަށް ހާރޓްއެޓޭކެއް ޖެހުނެވެ.
އޭނާ މިހާރު ވަރުދެރަވެފައި އެވަނީ އެހެންވެގެންނެވެ. މިހާރު އޭނާ ގައިގައި ވާހަކަ ދައްކާ އުޅެވޭހާވެސް ވަރެއްނެތެވެ. ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރެވުނުތާ މިއީ 3 ވަނަ ރެއެވެ. އޭނާ ހޮސްޕިޓަލަށް ލާފައި ދިޔަ ވަކީލު އެ ރޭ އަތުވެއްޖެއެވެ. އޭނާ އައިއިރު ހުރީ ވަރަށް ވަރުބަލިވެ ކަންބޮޑުވާގޮތްވެފައެވެ. އޭނާގެ ދެ ލޮލުން ފެންނަނީ ބަލިވެއުޅެފައިވާ ކަހަލަ އަސަރެކެވެ. ބޮލުގެ އިސްތަށިތައް ވަނީ ހޭވިފައެވެ. ހެނދުންވެސް ވަނީ ރޫޖެހިފައެވެ. ހީވަނީ މިދިޔަ ތިން ދުވަހުވެސް އޭނާ ހެދުން ބަދަލުނުކޮށް ހުރީހެންނެވެ. ވަކީލު ޞާޙަބް މަޑުމަޑުން އަނާއިން ވީލްޗެއަރ ކައިރިއަށް އަތުވެއްޖެއެވެ. އޭނާ އައުމުން ކައިރީގައި ހުރި ނަރުސް ދިއުމަށް އަނާ އިޝާރާތް ކޮށްލުމުން ނަރސް ހިނގައްޖެއެވެ.
"ކޮން ޙާލެއްތޯ!" ވަކީލު އަހާލިއެވެ.
"މަރުވުމަށް އަދި ކުޑަދުވަސްކޮޅެއް އެބައޮތްކަން ނޭނގެ" އަނާ ވަކީލާ ދިމާއަށް ކަޅި އަޅާލާފައި ބުންޏެވެ.
"ނޫން. ކަލާ މަރެއްނުވާނެ. އަޅުގަނޑަށް ކަލާގެ ބޭނުން ވަރަށް ބޮޑު" ޢަޖައިބުވާފަދަ ވާހައެއް ހެން ވަކީލު ބުނެލިއެވެ.
"ތިޔަ ބުނުއްވި އެއްޗެއްގެ މާނައަކީ؟"
"ކަލާގެ ކޭސް މިހާރު އަޅުގަނޑު ކުރިއަށް މިގެންދަނީ. މާދަމާ ކަލާ ކޯޓަށް ޙާޞިރުވާންޖެހޭ. އެހެންވީމާ ކަލާގެ ކޭސް އަޅުގަނޑު ކުރިއަށް ގެންގޮސްގެން ގޮސް އޮއްވާ ކަލާއަކަށް މަރެއް ނުވެވޭނެ..."
"އަޅުގަނޑަކީ ހާރޓްއެޓޭކެއް ޖެހިފައިވާ ބަލިމީހެއްތޯ؟" އަނާ ވަކީލާ ހަތަރުކަޅި ހަމަކޮށްލާފައި ސުވާލުކޮށްލިއެވެ.
"ލައްބަ. ކަލާއަށް ހާރޓްއެޓޭކެއް ޖެހުނު."
"ކަލާ ތިޔަ ހައްދަވަނީ ދޮގު. އަޅުގަނޑަށް އެއްވެސް ކަމެއްނުވޭ" އަނާ ހަޅޭއްލަވައި ގަންނަ ހިތްވިއެވެ. ނަމަވެސް އޭނާގައި އެހާ ބާރެއް ނެތެވެ.
ވަކީލް ޘަނާޢުﷲ އަތުގައި އޮތް ސިނގިރޭޓެއް ރޯކޮށްލަން އުޅެފައި ހުއްޓާލިއެވެ. އަދި އަނާ ބުނި އެއްޗަކާމެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި ބުންޏެވެ. "މުޙްތަރަމާ އަނާ!" ކަލާ ވަކީލާ ދިމާއަށް، މާނައަކީ އަޅުގަނޑާ ދިމާއަށް ދޮގު ހަދަނީ އޭ ތިޔަ ބުނުއްވަނީ އަޅުގަނޑު އަޅުގަނޑުގެ މުޅި ދިރިއުޅުމުގައިވެސް ދޮގެއް ނުހަދަން..."
"އެހެން ނުވާނެ އަޅުގަނޑަކަށް ހާރޓްއެޓޭކެއް ނުޖެހޭ ޖެހުނީ ކަލާ ޕްރޮފެސަރ ޒަފަރުގެ ޕްރައިވެޓް ކޮޓަރީގައި އިންނަވަނިކޮށް"
"ބައްލަވާ ޡަނާ..ކަލާ....ކަލާ"
"ޕްލީޒް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރެވެއްވޭތޯ ބައްލަވާ. މާދަމާ ކޯޓަށް ދުރުވަންޖެހިލައްވާނެ. އެ ތާނގައި ކަލާގެފިރިކަލުންނާއި އޭނާގެ ބައްޕަވެސް ތިއްބަވާނެ"
"އެހާ އަވަހަށް؟" އަނާ ވަރަށް ބޮޑަށް ހައިރާންވިއެވެ. "ލައްބަ ހަމަ އެހާ އަވަހަށް އެއީ ކީއްވެގެންތޯ ކަލާގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރަށް ޓަކައި.... ޑޮކްޓަރުން ކަލާއާ ބެހޭގޮތުން ދިން މެޑިކަލް ރިޕޯރޓްގައި އެ ބިރުގެ ވާހަކަ ވަނީ ބަޔާންކޮށްފައި. އެހެންވީމާ ކޯޓުން ވަރަށް ހަރުކަށި ގޮތެއްގައި އެންގި އެންގުމާއި އަޅުގަނޑުވެސް އެތައް އެދުމެއްގެ މަތީން އެ މީހުން ކޯޓަށް ޙާޟިރުކުރަނީ..."
"އެހެންވިއްޔާ ކަލާ ތިޔަ ދުރުވަނީ ހާދަބާރަށޭ...ޘަނާ!" އަނާ ޙައިރާންވެލާފައި ބުންޏެވެ.
"ތިޔަހެން ހީކުރެއްވި ކަމަށް ޓަކައި އަދި ތިޔަހާ ގާތްކޮށް އަޅުގަނޑުގެ ނަން ބޭނުންކުރެއްވި ކަމަށް ޓަކައި ޝުކުރިއްޔާ" ވަކީލް ޞާޙަބު ހިނިތުންވެލިއެވެ. އަނާ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެއްޖެއެވެ. ޘަނާއުﷲ ވީލްޗެއަރގައި ހިފައިގެން މަޑުމަޑުން ދުއްވާފައި ވޯރޑާ ދިމާއަށް ގެންދަން ފަށައިފިއެވެ.
ކުޑައިރުކޮޅަކު ދުއްވާލުމަށްފަހު ވަކީލު ބުންޏެވެ. "ކަލާ ގެންދާނީ ވީލްޗެއަރއާއެކު ހޮސްޕިޓަލްގެ އެމްބިއުލެންސްގާ"
"އަޅުގަނޑަށް ހިނގާފައި ނުދެވޭނީތޯ؟"
"އަޅުގަނޑަށް ހީވާގޮތުގައި ކަލާއަކަށް ނުހިންގެވޭނެ. މަސައްކަތް ކުރެއްވި ނަމަވެސް ނުހިންގެވޭނެ. ކަލާ ވަރަށް ވަރުދެރަ. އަދި ކަލާ ހިންގަވާ އުޅުއްވުން ޑޮކްޓަރުވަނީ މަނާވެސް ކޮށްފައި" ޘަނާއުﷲ މިހެން ބުނި އިރު އަނާ އިނީ ޢަޖަޢިބުވެފައެވެ. އޭނާއާ މެދު މި މީހުން ރާވަމުން މިގެންދާ ޙާލަތާ މެދުގައެވެ.
"އަޅުގަނޑު ކަލާގެ ބަހަށް އިތުބާރު ކުރަންތޯ" މިސްޓަރ ޘަނާއުﷲ އަނާއަށް ރޮވިއްޖެއެވެ. އަސްލުގައި ވެސް އޭނާއަށް ނުހިނގޭތީއެވެ. ދެފައި ތިލަމައްޗަށް ކޮޅަށް ތެދުވާހާ ބާރެއް އޭނާ ގަޔަކުނެތެވެ. އެތައް ފަހަރަކު އޭނާ ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ދެ ފައި ތުރުތުރު އަޅައިގެންފައި، ހަށިގަނޑުގެ ބުރަދަން ހިފަހައްޓާހާ ބާރެއް އެ ދެ ފަޔަކު ނުހުރެއެވެ.
"ރޮއްލެއްވީމާ ހައްތާވެސް ހިތްބަލިވާނީ. އަނާޖީ. ވީމާ އަމިއްލައަށް ކޮންޓްރޯލް ކުރެއްވޭތޯ ހިތްވަރު ކުރައްވާ... ކަލާ އަކީ ހާރޓް ޕޭޝަންޓެއް"
"އަޅު...އަޅުގަނޑަކީ ހާރޓް ޕޭޝަންޓެއްނޫން"
"ކަލާ ތިޔަހެން ބުނުއްވިނަމަވެސް ވާނީ ކީއްތޯ. ޑޮކްޓަރުން ބުނެފައިވަނީ އެހެންވިއްޔަ!"
"ހުރިހާ ޑޮކްޓަރުންނަކީވެސް ކަލާފަދައިން ދޮގު ހަދާމީހުން. އަނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ." ޕްލީޒް...އަނާޖީ...ޘަނާއުﷲ ވީލްޗެއަރ ހިފައިގެން ކުރިއަށް ދިއުން ހުއްޓާލާފައި ހުއްޓިއްޖެއެވެ. އަނާ އަމިއްލައަށް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. ކުޑައިރުކޮޅަކަށްފަހު އަނާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ބުންޏެވެ.
"ކަލާއަށް ތިޔަހުރީ ކީއްވެފައިތޯ... ފެންނައިރުވެސް ހީވަނީ ވިޔާނުދާ ގޮތްކުޑަމީހެއްހެން...ކަލާ ފުރަތަމަ ފެނިފައި އަޅުގަނޑު ކަލާކަން ވަކިކުރަންވެސް ނޭނގުނު"
"އެއްގޮތަކަށް ވެސް ނުނިދާ ހޭލާއުޅޭތާ ތިންރޭވެއްޖެ. ހަށިގަނޑާއި މެދު އެއްވެސް ފަރުވާލެއްވެސް ނުބެހެއްޓުނީ"
"ކީއްވެތޯ؟"
"ކަލާގެ ކޭހަށް ޓަކައި ތައްޔާރުވީ"
އަނާ ހިތުގައި އޭނާގެ ވަކީލުގެ މައްޗަށް ވަރަށް ބޮޑަށް ރަޙުމް އުފެދިއްޖެއެވެ. އަދި އިރުކޮޅަކު ވިސްނަން އިނދެފައި އޭނާގެ ދެއަތުގައި އޮތް ހަތަރު ތަނޑިގަނޑު އެކުގައި ބާލާފައި ޘަނާ އަތަށް ދިއްކޮށްލިއެވެ.
"ޝުކުރިއްޔާ...އަނާޖީ..... ފުރަތަމަ ދެ ތަނޑިގަނޑު ރައްކާކޮށްގެން ގެންގުޅެންވެސް މި އުޅެނީ ދަތިވެގެން. ތިޔަ ތަނޑިތައް ކަލާ އަޅުއްވާ. ކަލާގެ އަތުގައި ތިޔަގޮތަށް ހުސްވެފައި އޮންނަތަން ފެންނަން އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެ."
"ކަލާއަށް ފީ ދިނުމަށްޓަކައި އަޅުގަނޑު އަތުގައި އިތުރު އެއްވެސްނެތް"
"އަޅުގަނޑުގެ ފީ އަޅުގަނޑު އަތުލާނީ މި ކޭހުގެ އަނެއްކޮޅުގައި ތިބޭ ޕާރޓީގެ އަތުން"
އަނާ އަތުގައި ތަނޑިތައް އަލުން އަޅާލިއެވެ. އަދި އަނެއްކޮޅުގައި ތިބޭ ޕާރޓީން ފީ އަތުލާނީއޭ ޘަނާއުﷲ ބުނި ބުނުމާމެދު އޭނާ މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. ޙަޤީޤަތުގައި މި އިންސާނާގެ ވާހަކަތަކުން އަނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.
"ހިންގަވާ. އަޅުގަނޑު ކަލާގެ އެނދާ ހަމައަށް ގެންގޮސް ދީފާނަން އަދި ކަލާ މިރޭ ރަނގަޅަށް ނިދިކުރައްވަންވާނެ. މާދަމާ ހެނދުނު ކޯޓަށް ދުރުވަންޖެހޭ"
އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޘަނާ އޭނާ ގޮވައިގެންގޮސް އެނދުގައި ބާއްވާފައި ނުކުމެގެން ހިނގައްޖެއެވެ.
ޘަނާ ދިއުމަށްފަހު ނަރުހުން އައިސް އަނާ ގަޔަށް އިންޖެކްޝަނެއް ޖަހައިފިއެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނާއަށް ނިދިއްޖެއެވެ. އަނެއްދުވަހު ހެނދުނު އޭނާގެ ލޯ ހުޅުވުނުއިރު އަދި ކުރީރެއަށް ވުރެންވެސް އޭނާ ވަރުދެރަވެފައެވެ. އޭނާގެ މޫނު ވަނީ ރިނދޫވެ ލޭ ހުސްވެފައިވާ ގޮތްވެފައެވެ. އޭނާގެ ލޮލުގެ ނޫރުވެސް ހީވަނީ ފަނޑުވެފައިވާހެންނެވެ. އޭނާ ފެންނަނީ އެތައް ޒަމާނެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއްގެ ސިފައިގައެވެ.
ސްޓާފް ނަރުހުން އައިސް އޭނާގެ މޫނު ދޮއްވާ ހަދައިފިއެވެ. އަދި ސްޕަންޖުކޮށް ހަށިގަނޑުވެސް ސާފުކޮށްދީފިއެވެ.
އޭނާގެ ހެދުންވެސް ބަދަލުކޮށް ހެދުމަށްފަހު އަލުން އެނދުގައި ބާއްވައިފިއެވެ. މިއަދު އޭނާ ވަރަށް ވަރުދެރައެވެ. އޭނާ ބޭނުންވީ ނަމަވެސް ވާހަކަ ދެއްކޭހާ ވަރުވެސް މިހާރު އޭނާ ގަޔަކުނެތެވެ. އޭނާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ކަރުން އަޑުބޭރެއް ނުވެއެވެ. ހަމަ ކޮންމެ ހިނދުކޮޅެއްގެ ތެރޭގައިވެސް އޭނާ މަރުވެދާނެ އޭ ޔަޤީންވާ ވަރަށް އޭނާގެ ޙާލު ދަށަށް ހިނގައްޖެކަން މިހާރު އަނާއަށް އިޙްސާސްވާން ފަށައިފިއެވެ.
ހޮސްޕޮޓަލުގެ އެންބިއުލެންސުގައި އޭނާ މިއަދު ކޯޓަށް ގެންދިއުމަށްވަނީ ކަނޑައެޅިފައެވެ. ނަމަވެސް އެއްވެސް މީހަކު އެކަމާ އުޅޭތަނެއް ނުފެނެއެވެ. އަދި އޭނާ ގެންދިޔުމަށްޓަކައި އެހެން ކާރެއް ނުވަތަ ވޭނެއް ފަދަ އެއްޗެއްވެސް ނާދެއެވެ. އަދި ހެނދުނު އޭނާއަށް ދިނީ ހަމައެކަނި އާފަލު ޖޫސްތަށްޓެކެވެ. އެ ޖޫސްފޮދުވެސް އޭނާއަށް ބޮވުނީ ވަރަށް އުނދަގުލުންނެވެ.
އަށެއް ޖަހައިފިއެވެ. ދެން ނުވައެއް ޖަހައިފިއެވެ. އަދި އެއަށްފަހު ދިހައެއް އަދި އެގާރަވެސް ޖަހައިފިއެވެ. ކުރިމަތީގައި ހުރި ފާރުގައި އަޅުވާފައިވާ ގަޑިއާ ދިމާއަށް އޭނާ އިރުއިރުކޮޅާ ބަލަމުން ގެންދިޔައެވެ. ކުއްލިއަކަށް ޕްރޮފެސަރ ޒަފަރު އޭނާގެ 3 ބައިވެރިންނާއެކު ވޯރޑުގެތެރެއަށް ވަދެއްޖެއެވެ. އަދި އަނާގެ ކައިރިއަށް އައިސް ވަށާލައިފިއެވެ. އަނާއާ ބެހޭ މެޑިކަލް ރިޕޯރޓް އެ މީހުންގެ އަތުގައި އޮތެވެ. އެ މީހުން އޭރު ވާހަކަ ދައްކަމުން ގެންދަނީ އެ ރިޕޯރޓާ ބެހޭގޮތުންނެވެ. އޭނާއާ ބެހޭގޮތުން އެ މީހުން އެވަގުތު ދައްކަމުން ގެންދިޔަ ސީރިއަސް އަދި ބިރުވެރި ވާހަކަތަކުގެ ސަބަބުން އަނާ ނާރވަސްވާ ގޮތްވިއެވެ.
(ނުނިމޭ)
މިރޯދަމަހު އެއްމެރީތި ޢިބުރަތްތެރި ވާހަކަގެނެސް
ދެނީ ހަމައެކަނި ' އާފަތިސް ނޫހުން"
ކިޔުންތެރިންނަށް ވާހަކަ ގެނެސްދެއްވާ ބޭފުޅުންނަށް
ވަރަށް ބޮޑަށް އަދަބުވެރިކަމާއި، އިޙުތިރާމާއެކު ޝުކުރުއަދާކުރަން!
'ކިރުއިލޮށި" އަދި 'އަނާ" މިދެވާހަކައިގެ ދެބަޠަލާ
އޮންނަނީ އެއްފެކަލްޓީ އަކުން ދަސްވެނިވެގެންތިބި
ދެ ޖައްބާރުންގެ ދެޅީދަރިން!
Varahves reethi