ކިރުއިލޮށި - 10

ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. އެހެންނަމަވެސް ކަންތައްތައް އަދި ޢާންމު ޙާލަތަކަށް ނާދެއެވެ. އަޝްހަރު އޮފީހަށްގޮސް މަސައްކަތް ފެށުމުގެ ކުރިން ކޮފީތަށްޓެއް ބޯލަން ، ޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައި އިނެވެ. ކުއްލިޔަކަށް އޮފީސްތެރެޔަށް އައިސް އެވަނީ ސާރާއެވެ. ސާރާ ހުރީ ވަރަށްބޮޑަށް ހިކި އަނަރޫފަވެ ، އޭނާގެ އަޞްލު ސިފަ ގެއްލިފައެވެ. ކުރިން އަންގައިލުމަކާނުލައި ސާރާ އައިސް އޮފީހަށްވަތްތަން ފެނުމުން ، އަޝްހަރަށް ޙައިރާންކަން ލިބުނެވެ. ގިނަދުވަސްތަކެއްގައި ޗުއްޓީގައި އުޅުމަށްފަހު އޮފީހަށް އައުމުން ، އަޝްހަރުގެ ސުއާލުތައް ކުރިމަތިނުވެދާނެކަމަކަށް ސާރާ ހިއެއް ނުކުރެއެވެ.

ސާރާ އޮފީހަށް އައުން އެއީ އަޝްހަރަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ސާރާގެ ނުތަނަވަސްކަމާއި ދިރިއުޅުމަށް އެއައި ނާޒުކު ބަދަލުގެ ސަބަބުތައް ގުޅިފައި އޮތީ އަޝްހަރާއެވެ. ސާރާއަކީ ، ކުޑައިރުއްސުރެ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިއެވެ. އެދެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުމަކީ އެހާ ފަސޭހައިން ނިމިދާނެ އެއްޗެއްނޫންކަމަށް ދެމީހުންނަށްވެސް ޤަބޫލު ކުރެވެއެވެ. އެއީ ދެމީހުންގެ ޢުމުރު ދުވަހަށް ދެމިގެންދާނެ ގުޅުމެކެވެ.

އެހެންނަމަވެސް ، އަޝްހަރު އެގެޔަށް ދިއުމުން ، ސާރާގެ މަންމަ ޒަރީނާ ، އަޝްހަރާދިމާއަށް ބުނިވާހަކަތައް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އަދި އެކަމާބެހޭގޮތުން ، މަންމަޔާ ވާހަކަ ދައްކައި މަންމަގެ ހިތުގައި އޮތް ނުތަނަވަސްކަން ދުރުކުރެވޭނެގޮތެއް ހެދުމަށް ސާރާގެ ކިބައިން އަޝްހަރު އެދުނެވެ. ޒަރީނާގެ ވިސްނުމަށް އައިސްފައި އެވަނީ ކުށް ހީއެކެވެ. އަޝްހަރު މީހަކާ އިނުމަކުން ، ސާރާއާއި އަޝްހަރާދެމެދު އޮތް ރަޙުމަތްތެރިކަމަކަށް ބުރުލެއް ނާރާނެއެވެ. ސާރާވެސް ވަނީ ، އަޝްހަރަކީ އޭނާއަށް ޙައްޤުނޫން މީހެއްގެ ސިފައިގައި ބަލައިގެންފައެވެ. އެހެންކަމުން ، ސާރާއާއި އަޝްހަރާ ދެމީހުންގެ ކުރިންވެސް އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް ގެންދިއުމަކުން ، އަޝްހަރުގެ ދިރިއުޅުމަށާއި ، އޭނާގެ ކައިވެންޏަށް ކުރާނެ ނޭދެވޭ އަސަރެއް ނުއޮންނާނެއެވެ.

އަޝްހަރު ، ޚައިރާދާ ކައިވެނިކުރިނަމަވެސް ، ޚައިރާދު ލޮލުން ނުދެކޭތާ އެތައްދުވަހެއް ވެއްޖެއެވެ. ޚައިރާދާއެކު އެއްވެސް ގުޅުމެއް ބާއްވާކަށް އަޝްހަރުގެ ކުޑަވެސް ޝަޢުޤުވެރިކަމެއް ނެތެވެ. އެހާ ހިތާމައިގާ ޚައިރާދު އުޅޭއިރުވެސް ، ހިތްވަރު ދިނުމަށްޓަކައި ބަހެއް ބުނެލާކަށްވެސް އަޝްހަރުގެ ވިސްނުމަކަށް ނާދެއެވެ. ގަދަކަމުން އޭނާގެ ހިތާދެކޮޅަށް ކުރެވުނު އެ ކައިވެނީގެ ޒިންމާ އަދާކުރާނީ ކޮންގޮތަކަށްކަން އަޝްހަރަކަށް ނުވިސްނެއެވެ. ބަޝީރަތު އެވަނީ އޭނާގެ ދަރިފުޅު ، މިސްރާބެއްނެތް ހަތަރު އަގޮޅިއަކަށް ގެންގޮސް ދޫކޮށްލާފައެވެ. ދާނެކޮޅެއް އޭނާއަކަށް ނޭނގެއެވެ.

އަޝްހަރުގެ ޙާލަތު އެނގުމުން ، ސާރާ ނަޞޭޙަތްތެރި ވެއެވެ. އެކަހަލަ ކަންކަމަށް ވަގުތު ނަގާނެކަމަށް ބުންޏެވެ. އަދި ޒަމާނާ ވަގުތާ އެކުގައި ފާއިތުވަމުންގޮސް އަޝްހަރުވެސް ހަމަޔަކަށް އެޅޭނެކަމަށް ބުންޏެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ.

އަޝްހަރު އޮފީސް ނިންމާފައި ރޭގަނޑު ގެޔަށް އައިތަނުން ، ޚާދިމަކަށް އުޅޭ ޖަމާލު ، އަޝްހަރުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އަދި ، ބައްޕަ އޭނާއަށް އެބަ ގޮވާކަމުގައި ބުންޏެވެ. އޮފީހުން އައިސް އަޝްހަރު އިނީ ، ހެދުންވެސް ބަދަލުނުކޮށް ، އޭނާއަށް ކުރިމަތިވެފައިއޮތް ޙާލަތާމެދު ވިސްނަން ، ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އެނދުމަތީގައެވެ.

އަޝްހަރު އައިއިރު ، އެތަނުގައި ފަރީދާވެސް އިނެވެ. އަޝްހަރު ވަދެ ބައްޕަޔާއި މަންމަޔަށް ސަލާމް ގޮވައިލުމަށްފަހު ދުރުގައި މަޑުކޮށްލިއެވެ. އެރޭވެސް އަޝްހަރު ގެޔަށް އައީ ލަހުންނެވެ. އެކަމާބެހޭގޮތުން ބަޝީރަތު ސުއާލު ކުރިއެވެ. އަނެއްކާ މިރޭވެސް ލަހުން އައީދޯއޭ ބުނެއެވެ. ރަޙުމަތްތެރިޔެއްގެ ގެޔަށް ދެވުނީމަ ލަސްވީކަމުގައި އަޝްހަރު ބުންޏެވެ. އަޝްހަރު އައީ ބޭރުން ކައިގެންނެވެ. ފަރީދާ ކާންހަދަން އުޅެފާނެތީ އެވާހަކަވެސް ކުރީބައިގާ ބުނެލިއެވެ. އަޝްހަރު އެގެނެވުނީ ، ބައްޕަޔާއި މަންމަ ، ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެފައި އޮތީމާ ކަމަށާ ، އަދި ހަމަޖެހިލައިގެން އިށީނދެލުމަށް ބަޝީރަތު ބުންޏެވެ. އަޝްހަރު ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ހަށަން ބަނދެލައިގެން ކޮޅަށެވެ. އޭނާ ނުއިށީނަސް ވާހަކަ ދެއްކިދާނެކަމަށް ބުންޏެވެ. އެހިސާބުން އަޝްހަރާ ވާހަކަ ދައްކަން ފެށީ ފަރީދާއެވެ. ފަރީދާގެ ވާހަކަ ފެށީ އަޝްހަރާއި ޚައިރާދުގެ ދިރިއުޅުމުގެ ތެރެއިންނެވެ.

ފަރީދާއާއި ބަޝީރަތުވެސް ބޭނުންވަނީ ، އަޝްހަރާއި ޚައިރާދު ، ދިރިއުޅުމުގެ އާ ފެށުމަކުން ކުރިޔަށް ހިނގައިގަތުމަށެވެ. ކައިވެނި ކުރެވުނީ ކޮންމެފަދަ ޙާލަތަކާ ގުޅިގެންކަމަށްވިޔަސް ، އެކައިވެނީގައި މަސްއޫލިއްޔަތު ތަކަކާއި ޒިންމާތަކެއްވެސް ހުންނާނެއެވެ. އެއީ އަޝްހަރަށް ނުއުފުއްލައި ދުރުގައި ހުރެވޭނެ ކަންކަމެއްނޫނެވެ. ހިތް ނޭދުނަސް އެއާ ދުރަށް ދެވޭނެ ކަންކަމެއްނޫނެވެ.

ޚައިރާދުގެ މަންމަ މިދުނިޔެ ދޫކުރުމާ ގުޅިގެން ކުރިމަތިވި ހިތާމައިގާ ޚައިރާދަށްވަނީ ނަފްސާނީގޮތުން ބައްޔެއް ޖެހިފައެވެ. އޭނާ އެއުޅެނީ ޑިޕްރެޝަންގެ ޙާލަތެއްގައެވެ. އެއީ އަޝްހަރުގެ ޙަލާލު އަނބިމީހާއެވެ. އަނބިމީހާގެ ޙާލު ބަލައި އަޅައިލުމަކީ ފިރިއެއްގެ އެންމެ ބޮޑު އެއްވާޖިބެވެ. ކައިވެނިކުރި ފަހުން ، އަޝްހަރު އަދި ޚައިރާދެއް ނުދެކެއެވެ. އުޅެނީ ކޮން ޙާލެއްގައިކަމެއްވެސް ނުބަލައެވެ. އެއީ ފިރިއެއްގެ ޒިންމާއަށް ވެވޭ އިހުމާލެކެވެ. ޚައިރާދަށް ދެވޭ ވަރަށްބޮޑު އަނިޔާ އެކެވެ. ފަރީދާއާއި ބަޝީރަތަށް ކުރެވުނު ކަމެއްވިއްޔާ އެގެންދަނީ ކުރަމުންނެވެ. އެހެންނަމަވެސް ، ޚައިރާދަށް އެންމެ ތަންފުކެއްވެސް ލުޔެއް ނުލިބެއެވެ. ޚައިރާދު މިހާރު އެއިނީ ދުނިޔެއިން މޮޔަވާން ކައިރިވެފައެވެ. އެފަދަ ޙާލަތެއްގައި އަންހެނަކަށް އެންމެ ބޮޑަށް ބޭނުންވާނީ އޭނާގެ ފިރިމީހާގެ އޯގާތެރިކަމާއި އަޅައިލުމެވެ. ފިރިއެއްގެ ޙައިޞިއްޔަތުން ، ޚައިރާދުގެ ހިތާމައާއި ވޭން އެންމެބޮޑަށް އިޙްސާސްކުރެވޭނީ އަޝްހަރަށެވެ. އަނބިމީހާގެ އިތުރަށް ޚައިރާދަކީ އަޝްހަރުގެ ތިމާގެ ކުއްޖެކެވެ. ބޮޑުދައިތަގެ ދަރިފުޅެވެ. އަޝްހަރުގެ ކޮއްކޮއެކެވެ. އިންސާނިއްޔަތަށްޓަކައިވެސް ، ޚައިރާދުގެ ޙާލަށް ހަމްދަރުދީވެ ، އޭނާއަށް އަޅައިލުމަކީ އަޝްހަރުގެ މައްޗަށް އޮތް ވާޖިބެކެވެ.

އަޝްހަރުހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. އެތައްފަހަރަކު ، ފުން މާނޭވާއެއްވެސް މިހާރު ލައިފިއެވެ. މަންމަ އާއި ބައްޕަ އެދައްކަނީ ރަނގަޅު ވާހަކައެވެ. އެއީ އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ، އަދަބުވެރިކަމާއެކު ، ދެއަތް ހަށަމަށްލައިގެން ހަނުހުރުން އޭނާ އިޚްތިޔާރު ކުރިއެވެ. އަޝްހަރަކީ ، ކައިވެންޏެއްގައި ދެމިހުރި މީހަކަށްވެފައި އެކައިވެނީގެ ޒިންމާތަކަކާއި ވާޖިބުތަކެއް އޭނާގެ މައްޗަށް އޮންނާނެކަން ނޭނގޭވަރުގެ މީހެއްނޫނެވެ. އެއީ ކިޔަވައިގެންހުރި މޮޅުމީހެކެވެ. ރަނގަޅާއި ނުބައި ވަކިކުރަން އެނގޭނެއެވެ. ފިރިޔެއްގެ ވާޖިބާއި ޒިންމާއަކީ ، ނުދެނަހުރިކަމަށް ހަދައިގެން ރެކިގެން ހުރެވޭނެ ކަހަލަ ކަންކަމެއް ނޫނެވެ.

ފަރީދާވެސް ، ޚައިރާދުގެ މައްޗަށް އޮތް ، އަޝްހަރުގެ ވާޖިބާއި މަސްއޫލިއްޔަތުގެ މަތިން ހަނދާންކޮށްދިނެވެ. އަދި ތެދުވެގެން އައިސް ، ދެތަނޑުގަނޑު އަޝްހަރަށް ދިއްކޮށްލިއެވެ.

" މިއީ ދަރިފުޅުގެ މާމަ ، މަންމަޔާއި ބައްޕަގެ ކައިވެނި ކުރެވުނު ދުވަހު ، ހަދިޔާކުރި ދެ ތަނޑުގަނޑެވެ. މިއީ މިހާރު ޚައިރާދުގެ ޙައްޤެކެވެ. މަންމަ ބޭނުންވަނީ ، މިތަނޑުގަނޑު ، އަޝްހަރުގެ އަތުން ޚައިރާދުގެ އަތުގައި އަޅުވައި ދިނުމަށެވެ ! ޚައިރާދު ވަރަށް އުފާވާނެއެވެ. " ފަރީދާ ބުންޏެވެ.

ހިފަން ނުހިފަންހުރެފައި ، އަޝްހަރު އެތަނޑުގަނޑުގައި ހިފިއެވެ.

" ދަރިފުޅާއެވެ ! ލޯތްބާއި އިޙްތިރާމާ އަދި ޤަދަރު ޚައިރާދަށް ދޭށެވެ ! އެއީ ކައިވެނީން ޚައިރާދަށް ޙައްޤުވެގެންވާ އެއްޗެކެވެ. ބައްޕަޔަށް އެނގެއެވެ.  އެކަމަކު ޔަޤީންކުރާށެވެ ! ދަރިފުޅާއެވެ ! ޚައިރާދަކީ ވަރަށް މަޢުޞޫމު އަދި އެހާ ލޯބި ކުއްޖެކެވެ. ބައްޕަޔަށް ޔަޤީނެވެ ! ޚައިރާދުގެ މަސައްކަތުން ދަރިފުޅު އުފަލުގައި ބަހައްޓާނެއެވެ. " ބަޝީރަތު އޭނާގެ ދަރިފުޅަށް ނަޞޭޙަތް ދިނުމަށްފަހު އެތަނުން ނުކުތެވެ. ފަރީދާ އައިސް އަޝްހަރުގެ ކޮނޑުގައި ހިފާލައި އަޝްހަރާ މުޚާޠަބު ކުރިއެވެ.

" ކަންބޮޑު ނުވާށެވެ ! ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. "

ކަންތައްތައް ރަނގަޅުވާނެކަމެއް ނުވަތަ ނޫންކަމެއްވެސް އަޝްހަރަކަށް ނޭނގެއެވެ. އެވާހަކަ އޭނާއަށް ބުނެވޭނީ ހަމައެކަނި މަންމަ ގާތުގައެވެ. އެކަމަކު ، އޭނާއަށް އެއްކަމެއް ޔަޤީނެވެ. އެއީ ، އޭނާގެ ޙަޔާތުގައި އެކަހަލަ އަންހެންކުއްޖަކު ޝާމިލް ކުރެވިދާނެކަމަށް ހުވަފެނުންވެސް އޭނާ ދެކެފައި ނެތްކަމެވެ. ކުރާނީ ކީއް ހެއްޔެވެ ؟ އެކަމުގައި އަޝްހަރުގެ މަންމަގެވެސް އަދި އޭނާގެވެސް ކުށެއް އަދި ބާރެއްވެސް ނެތެވެ. އަޝްހަރުގެ ވާހަކަތަކަށް ފަރީދާވެސް މަޑުމަޑުން ބޯޖަހަމުން ގެންދިޔައެވެ. އަދި އަޝްހަރު އޭނާގެ މަންމަޔާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނުކުތެވެ.

ޚައިރާދުގެ ކޮޓަރީގައި މީހަކު ޓަކި ޖެހިއެވެ. ޢާންމުގޮތެއްގައި އެގޮތަށް ޓަކިޖަހާނީ ބޮޑުބޭބެ ބަޝީރަތެވެ. ޚައިރާދު އެނދަށް އަރައި ދެފައި ވަށްކޮށްލައިގެން އިނެވެ. އާދައިގެމަތިން ، ދޮރުހުޅުވަންދާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ޚައިރާދު ދޮރުނުހުޅުވާ އިންދައި ބޭރުން ދޮރުހުޅުވާލާފައި ވަނީ ފަރީދާއެވެ. ފަރީދާ ފެނުމާއެކު ބަލި އަދި މަޑު އަޑަކުން މަންމާއޭ ބުނެ ، ފަރީދާއަށް އޭނާ ގޮވައިލިއެވެ. ފަރީދާ ސަލާމް ބަލައިގަތުމަށްފަހު އައިސް އެނދުގައި އިށީނދެލިއެވެ. އަދި ޚައިރާދުގެ ކޮނޑުގައި އަތްބާއްވައިލިއެވެ.

" ދަރިފުޅާއެވެ ! މަންމަ ނިޔާވިފަހުން މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ޚައިރާދާއި އަޝްހަރު ، ކަލޭމެން ދެކުދިންގެ ދިރިއުޅުން ފަށަން ވެއްޖެ ނޫންހެއްޔެވެ ؟ ކަލޭމެން ދެކުދިން އުފަލުގައި އެކުގައި ނޫޅޭހާ ހިނދެއްގައި ކަށްވަޅުގައި އޮތް މަންމަގެ ފުރާނަޔަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. މިއީ މެހެމާނުންގެ ކޮޓަރިއެވެ. ޚައިރާދުގެ އަމިއްލަ ކޮޓަރިޔަށް ދާށެވެ ! މިގޭގައި ޚައިރާދުގެ އަޞްލު ޖާގަޔަކީ އެއީއެވެ. ނިކަން ބަލައިލަބަލާށެވެ ! މަންމަ މިއައީ ދަރިފުޅަށް ހެދުމެއްވެސް ހިފައިގެންނެވެ. ދަރިފުޅުގެ އިންތިޒާރުގައި އަޝްހަރު އެބަހުއްޓެވެ. ތައްޔާރުވެލައިގެން އަންނާށެވެ ! " ފަރީދާގެ ވާހަކަ ނިންމައިލިއެވެ. އަދި ކޮޓަރިން ނުކުތެވެ.

ޚައިރާދު އިނީ ހަދާނެ ވަކިގޮތެއް ނޭނގިފައެވެ. ހަމަވިސްނުން ލިބޭވަރަށްވުރެ ، އޭނާގެ ހިތާމަތައް އަދި ހުރީ ތާޒާކަންމަތީގައެވެ. މަންމަ ނިޔާވުމުގެ ހިތާމައިގެ އިތުރަށް އޭނާގެ ހިތަށް އިތުރަށް ލިބެމުންދާ ވޭނަކީ އޭނާގެ ކައިވެންޏެވެ. އެކައިވެނި ކުރެވުނު ޙާލަތެވެ. ހުރިހާ ފަރާތަކަށްވެސް ، އެކައިވެނީގައި އޮތް މަޖުބޫރެވެ. ރަނގަޅަށް ވިސްނާލައިފިނަމަ އެ މަޖުބޫރަކީ ހަމަ ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އޮތް މަޖުބޫރެކެވެ. މަންމަޔަށް ވެސް އޮތީ މަޖުބޫރުވެފައެވެ. މަންމަގެ ޙާލަތާ ގުޅިގެން ޚައިރާދަށްވެސް އެކައިވެނިކުރަން މަޖުބޫރުވީއެވެ. އަދި ހަމަ ، މަންމަގެ ޙާލަތާގުޅިގެން ބޮޑުބޭބެޔަށްވެސް އެކަމަށް އޮތީ މަޖުބޫރެވެ. އަޝްހަރާއި ފަރީދާއަށްވެސް އެ މަޖުބޫރުގެ ނޭދެވޭ އަސަރުވަނީ ފޯރާފައެވެ. އެންމެފަހުން އަޝްހަރުގެ ރަޙުމަތްތެރިޔާ ސާރާއަށްވެސް އޭގެ އަސަރުއޮތީ ކޮށްފައެވެ.

އެފަދަ ޙާލަތެއްގައި ޚައިރާދުގެ ކައިވެނިވީއިރު ، އެހުރިހާކަމެއް ހަނދާން ނައްތާލާފައި ، ނުވެސް ދަންނަ މީހަކާއެކު ދިރިއުޅުމެއްފަށަން ވިސްނާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ދުވަހަކުވެސް ވާހަކަ ދައްކައި ނުއުޅޭ މީހެއްގެ ކޮޓަރިޔަށްގޮސް އޭނާ ކުރާނީ ކީއްހެއްޔެވެ ؟ އެންމެ ދެރަވެގެން ، ވަރުބަލިވެގެންގޮސް ، މެހެމާނުންގެ ކޮޓަރީގައި ނިދިފިޔަ ޖެހޭގޮތް ވެލައެވެ.  އެކޮޓަރީގައި އެ ނަޞީބުވެސް ނުލިބޭނެއެވެ. ހިތުގެ ކެކުޅުން މާ ބޮޑުވާނެއެވެ. ކަންބޮޑުވެފައި އިނދެ ، ފަރީދާގެނައި ނިދާހެދުމަށް ބަލައިލިއެވެ.

އެނދުންތެދުވެ ، ފަރީދާ ގެނައި ހެދުންލައިގެން މަޑުމަޑުން ނުކުމެ އަޝްހަރުގެ ކޮޓަރިޔާ ދިމާއަށް ޚައިރާދު ހިނގައިގަތެވެ. އޭނާއަށް އެދެވެނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އަޝްހަރު ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ. އަޝްހަރު ދޮރުހުޅުވާލަ ދިނުމުން ، މަޑުމަޑު ހިނގުމެއްގައި އައިސް ޚައިރާދު ، ކޮޓަރިތެރެޔަށް ވަނެވެ. އޭނާއަކަށް އެވަދެވޭ ތަނެއްގެ އިޙުސާސެއް ނުކުރެވެއެވެ. އަދި އެކުރެވެނީ ކީއްކަމެއްވެސް ނުމެ ވިސްނޭމެއެވެ. ޚައިރާދު އައިސް ކޮޓަރިތެރެޔަށް ވަނުމުން ، އަޝްހަރު ، ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އަޝްހަރަކަށްވެސް އެކުރެވެނީ ކީއްކަމެއް ނުވިސްނެއެވެ. ނަމަވެސް މަންމަޔާއި ބައްޕަ އެރޭ އެދެއްކި ވާހަކަތައް އަޝްހަރުގެ ހަނދާނުގައި ހުއްޓެވެ. ހިތާދެކޮޅަށްނަމަވެސް އޭނާހުރީ ، އޭނާގެ ޒިންމާގެމަތިން ހަނދާން ކޮށްގެންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. އަޒްހަރު އާއި، ޚައިރާދުގެ ހިތުގާ މަވައްދަތާއި ރަޙުމަތް ލައްވާށި! އެދެމަފިރިންގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރައްވާ
    ބަރަކާތްލައްވާށި!
    ވާހަކަ ވަރަށްރީތި އެކަމަކު ގެނެސްދެއްވާލެއް ކުރީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.