(20 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެހިސާބަށް ބުނެވުނުތަނާ ޖަޔަންތު ވަރަށް ބޮޑަށް ކެއްސައިގެންފިއެވެ. އެވަގުތު އަޝޯކް ކަންބޮޑުވެގެން އޭނާ އިންގޮނޑިން ތެދުވަމުން ބުންޏެވެ.
"މަޑުކޮށްލާ... އަހަރެން ޑަކްޓަރަށް ގޮވާލާނަން..."
"އަޅާނުލާ" ޖަޔަންތު އަޝޯކްގެ އަތުގައި ހިފަހައްޓާލާފައި ބުންޏެވެ.
އަދި އަޝޯކްއާ ހަތަރު ކަޅި ހަމަކޮށްލާފައި ބުންޏެވެ. "ކުޑަ ރާފޮދެއް އަހަރެންނަށްދީ!"
"ރާ ފޮދެކޭ...؟" އަޝޯކް ދެރަވެލާފައި ސުވާލުކުރިއެވެ.
"އާނ... އޭރުން އަހަންނަށް އަރާމުގައި މަރުވެވޭނެ!"
"އަހަރެންގެ އަތުން ކަލެއަށް ޒަހަރު ދޭން،ކަލޭ ބޭނުންވަނީތަ؟"
"އޭ..މޮޔަޔާ..." ޖަޔަންތު ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
"މިދުނިޔޭގައި ހުރި އަހަރެންގެ ހަމައެކަނި ރަޙްމަތްތެރިއަކީ ކަލޭ ދެންތިބި އެހެން ހުރިހާ ރަޙްމަތްތެރިން އަހަންނާއެކު ރާބޮއި މަޖާނަގައި ހެދި... އަހަރެން ރާބުޔަ ނުދޭން އުޅޭ ރަޙްމަތްތެރިއަކީ ހަމައެކަނިކަލޭ .ކަލޭ ރާބުއިމަށް ނަފްރަތުކުރޭ ނަމަވެސް ކަލޭ އަހެރެންދެކެ ލޯބިވޭ. އަހަރެން އެހުރިހާ ނުބައި ކަންތައްތައް ކުރާކަން ކަލެއަށް އެނގޭއިރުވެސް އަދި ކަލޭ އެހުރިހާ ނުބައި ކަންތައްތަކާ ދެކޮޅު ހަދަމުންވެސް ކަލޭ އަހަރެން ދެކެ ލޯބިވޭ މިވަގުތު ހަމައެކަނި ކަލެއަށް މިތަނަށް އައުމަށް މިއެންގީ އެހެންވެގެން...އަދި އަހަރެން މަރުވުމަށްފަހު، އަހަރެންގެ ހަށިގަނޑު އަންދާލަން ޖަހާ އަލިފާންގަނޑު ކަލޭގެ އަތުން ރޯކޮށް ދިނުމަށް ކަލޭގެ ފަރާތުން އެދެންވެގެން...."
"ޖަޔަންތު..." އަޝޯކްއަށް ހަޅޭއްލަވައިގަނެވުނެވެ.
"އާނ... ރަޙްމަތްތެރިޔާ...އަދި މިގައި ހިފާ!" ޖަޔަންތު އޭނާ ބޯއަޅައިގެން އޮތް ބާލީސް ދަށުން ލިޔުމެއް ނަގާފައި އަޝޯކްއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
"އަހަރެން މަރުވުމަށްފަހު މިލިޔުން އަހަރެންގެ ބައްޕައަށް ފޮނުވާދީ... އޭރުން ބައްޕަ ވަރަށް އުފާވާނެ.. އަހަރެންނަށް އަހަރެންގެ މަންމަގެ ފަރާތުން ލިބިފައިވާ ހުރިހާ މުދަލެއް އަހަރެން މަރުވުމުގެ ކުރިން ބައްޕަގެ ނަމަށް ބަދަލު ކުރާނެކަމުގައި އަހަރެން އޮންނާނީ ބައްޕައަށް ވަޢުދުކޮށްފައި... އަދި މިޓެލެގްރާމް ވެސް ބައްޕައަށް ފޮނުވާދޭތި..." އެހެން ބުނެފައި އަދި އެހެން ކަރުދާސްގަނޑެއް ވެސް އޭނާ އަޝޯކް އަތަށް ދީފައި ކިޔާލާށޭ ބުނެފިއެވެ. އަޝޯކް އެކަރުދާސްގަނޑު ބަލާލިއިރު އޭގެގައި ލިޔެފައި ވަނީ"ޖަޔަންތު މަރުވެއްޖެ" މިހެންނެވެ.
"މި ކީކޭ؟" އަޝޯކް ލޯބޮޑުކޮށްލާފައި ޝަކްވާކުރާ ކަހަލަ ގޮތަކަށް ޖަޔަންތާ ދިމާއަށް ބުންޏެވެ.
"އަހަރެންގެ މަރުގެ ޚަބަރު...! ތިޔައިގައި ނޯންނާނީ ހަމައެކަނި ތާރީޚް.... އަހަރެން މަރުވީމާ ކަލޭ ތާރީޚް ޖަހާލާ! ތިޔަ ޓެލެގްރާމް ލިބުނީމާވެސް ބައްޕަ އުފާވާނެ" ޖަޔަންތު ވަރަށް މާލާމަތް ފާޑެއްގެ ހިނިތުންވުމެއްގައި އޮވެ ބުނެލިއެވެ.
"ކަލޭ ދެން ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟" އަޝޯކް ވަރަށް ދެރަވެފައި ބުންޏެވެ.
"ނޫނޭ..ރަޙްމަތްތެރިޔާ! މިއަދު އަހަރެން އެއްގޮތަކަށް ވެސް ރަލެއް ނުބޮން... ވީމާ މިވާހަކަ ދައްކާނީ ފުރިހަމައަށް ހަމަހޭގައި ހުރެގެން..."
އަޝޯކް އެއްވެސް އެއްޗެއް ނުބުނެ ރަޙްމުން ފުރިގެންވާ ނަޒަރަކުން ޖަޔަންތާ ދިމާއަށް ބަލަން ފެށުމުން، ޖަޔަންތު ދެރަވާ ފާޑަކަށް ހިނިތުންވެވޭތޯ ބަލަމުން ބުނެލިއެވެ.
"ވާހަކައެއް އަހާނަންތަ؟" އަޝޯކް އާނއެކޭ ބުނުމަށްޓަކައި ބޯޖަހާލުމުން ޖަޔަންތުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަހަރެންގެ ހަށިގަނޑު އަންދާލުމަށް އެއްކުރެވޭ ދަރުތަކަށް ވިސްކީއާއި ޖިންއާއި ބްރެންޑީއާއި ރަމްއާއި މިހުރިހާ އެއްޗެއް އެއްކޮށްގެން ހަދާ ކޮކްޓެއިލްއެއް އަޅާތި އިނގޭ... އޭރުން އަހަރެންގެ ފުރާނައަށް އަމާންކަން ލިބޭނެ..." އަނެއްކާވެސް ޖަޔަންތު ކެއްސަން ފަށައިފިއެވެ. އޭނާގެ ކެއްސުންގަނޑު ހުއްޓާލެވޭތޯ މަސައްކަތް ކުރަމުން ޖަޔަންތު އަމިއްލައަށް އެނދުމަތީގައި އޮތް ބާލީހެއް އޭނާގެ ހަށިގަނޑުމަތީގައި އަޅައި ހިފަހައްޓާލިއެވެ. އަޝޯކް އާއި ރަޖްނީއާ ދެމީހުންވެސް ޖަޔަންތު ކައިރިއަށް އައިސް އޭނާއަށް އެހީވެދޭން ފަށައިފިއެވެ. ކޮޓަރީގައި ހުރި ނަރުސް، ޑޮކްޓަރަށް ގޮވުމަށްޓަކައި އިމަރޖެންސީ ރަނގަބީލު ޖަހައިފިއެވެ.
ކެއްސަމުން ކެއްސަމުންގޮސް ޖަޔަންތުގެ ދެ ލޮލުގެ ކަޅުކަޅި ދުޅަވާގޮތްވެއްޖެއެވެ. އަޝޯކްއާއި ރަޖްނީ ބިރުން ކަންބޮޑުވެއްޖެއެވެ. އަޝޯކް އަވަސް އަވަހަށް ޖަޔަންތު އަނގަމަތީގައި އަޅާފައިވާ ބާލީސް އެތަނުން ނެގިއިރު އޭގައިވަނީ ހުސްލެއެވެ.
ޑޮކްޓަރުވެސް ދުވަމުން ކަހަލަ ގޮތަކަށް އައިސް ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ނަމަވެސް އޭނާއަށް އާދެވުނީއިރު ވަނީ މާލަސްވެފައެވެ. އޭރު ޖަޔަންތުގެ ފުރާނަ ހިނގައްޖެއެވެ. ޖަޔަންތު އެންމެފަހު ނޭވާގެ އަޑާއެކު އަޝޯކް އާއި ރަޖްނީގެ ރުއިމާއި ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. ޖަޔަންތުގެ މަރުގެ ސަބަބުން އެ ދެ މީހުންގެ ހިތާއި ސިކުނޑި މުޅިން ހަލާކުކޮށްލައިފިއެވެ. އެ ދެ މީހުން އެ މީހުންގެ ލޯބިވާ ރަޙްމަތްތެރިޔާގެ މޫނަށް ބަލަބަލާފައި ކަރުނަތައް އޮއްސަމުން ދަނީއެވެ. އަޝޯކްގެ އަތުގައި އޭރުވެސް އޮތީ ދެންމެ ޖަޔަންތު އޭނާއާ ހަވާލުކުރި ލިޔުންތަކެވެ. އޭގައި "ޖަޔަންތު މަރުވެއްޖެ"އޭ، ޖަޔަންތުގެ އަމިއްލަ އަތުން ލިޔެގެން އޭނާގެ މަރު އޭނާ އަމިއްލައަށް އިޢުލާންކުރި މެސެޖް ވެސް އޮތެވެ.
އެ ދުވަހުގެ ހަވީރު ޖަޔަންތުގެ ހަށިގަނޑު އަންދާލައި އަޅިއަށް ވެގެން ދިޔައިރު އަޝޯކްއާއި ރަޖްނީ އެތާނގެ ކައިރީގައި ތިއްބެވެ. އެމީހުންނަށް އިޙްސާސް ކުރެވެމުންދާނީ ޖަޔަންތުގެ ހަށިގަނޑު އަނދަމުންދާ އެ ހުޅުގަނޑުގެ ހޫނުން، ޖަޔަންތުގެ ހިތުގެ ހޫނުކަމަށް ފިނިކަން ގެނެސްދެމުން ދާނޭ ކަމުގައެވެ. އަޝޯކްއާއި ރަޖްނީގެ އިތުރަށް އަދި އެހެން މީހަކުވެސް ޖަޔަންތުގެ ހަށިގަނޑު އަނދައިގެންދާތަން ބަލަން ހުއްޓެވެ. އެ މީހަކީ މޯތީއެވެ.
(ނުނިމޭ)
Vvv.reethi