ބައިނަލްއަގުވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން މުހައްމަދު ދޫކޮށްލި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.
މި ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ.
ޝައިޚް ފަޒްލޫން ހައްޔަރުކުރީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.
ޝައިޚް ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއިރު އެ ކޯޓުގެ ރަޖިސްޓްރަރ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވައިފައެވެ. އެހެންވެ، ދައުލަތުން ރަޖިސްޓްރަރގެ ނިންމެވުން މުރާޖާ ކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމަވާފައެވެ.
ޝައިޚް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާ ހައްޔަރުކޮށް މުއްދަތު އިތުރުކުރި ތިން ފަހަރު ވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެހުރިހާ ފަހަރެއްގައި ވެސް ހައިކޯޓުން ނިންމީ ޝައިޚް ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 25 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫންއާ އެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝައިހް އާދަމް ނިޝާންވެސް ހިމެނެއެވެ. ޔޯގާ މައްސަލައިގައި މިހާރު ބަންދުގައި ހުރީ އެންމެ މީހެކެވެ. އެއީ މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29އ، އެވެ. އޭނާއަށް ކޯޓުން އެންމެ ފަހުން ދީފައިވަނީ 15 ދުވަހެވެ. އެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވާނެއެވެ.