ބޮލީވުޑްގެ ތަރި ސްރީ ދޭވީ އާއި ކަމަލް ހަސަން 35 އަހަރު ފަހުން ބައްދަލު ވެއްޖެއެވެ. މި ދެ ތަރީން ބައްދަލުވީ އިންޑިއާގެ މުމްބާއީގައި ހިންދުސްތާން ޓައިމްސް އިން ބޭއްވި ހަފްލާއަކުންނެވެ.
ރޭގެ ހަފްލާގައި ސްރީ ދޭވީ އާއި ކަމަލް ހަސަން ބައްދަލުވީ ބަލޫ މެހެންދްރާ ގެ ފިލްމެއް ކަމަށްވާ ސަދްމާގައި އެ ދެ ތަރީން އެކުގައި މަސައްކަތް ކުރިތާ 35 އަހަރު ފަހުންނެވެ.
ހިންދުސްތާން ޓައިމްސް މޯސްޓް ސްޓައިލިޝް އެވޯޑް ހަފްލާގައި އައިޝްވާރްޔާ ރާއި އާއި ސޯނަމް ކަޕޫރާއި ދީޕިކާ ޕަދްކޯން އާއި ޕަރިނީތީ ޗޯޕްރާ އާއި ޝާހިދް ކަޕޫރު އާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތް އާއި އަބީޝެކް ބައްޗަން އާއި ސިދާތް މަލޯތްރާ އާއި އެކު ގިނަ ތަރީންތަކެއް ބައިވެރިވެއެވެ.
މި ހަފްލާގައި ކަމަލް ހަސަން އަށް ހޯލް އޮފް ފޭމް އެވޯޑް ލިބުނެވެ. ކަމަލް ހަސަން އަށް އެވޯޑް ހަވާލު ކުރީ ސްރީ ދޭވީ އެވެ. ކަމަލް ހަަސަން ބުނެފައިވަނީ ސްރީ ދޭވީ އަތުން އެވޯޑް ލިބުމުން ވަރަށް އުފާ ވާކަމަށާއި ކުރީގެ ހަނދާންތަކެއް އާވެގެން ދިޔަ ކަމަށެވެ. ސްރީ ދޭވީ އިސް ރޯލެއް ކުޅެފައިވާ ފިލްމުން ކަމަލް ހަސަން އަށް ވަނީ ގައުމީ އިނާމު ލިބިފައެވެ.
ރޭގެ ހަފްލާގައި އިނޑީއާގެ އެންމެ ސްޓައިލިޝް އަންހެން ތަރިއަކަށް ހޮވިފައިވަނީ ދީޕިކާ ޕަދްކޯން އެވެ. އަދި އެންމެ ސްޓައިލިޝް ފިރިހެން ތަރައަކަށް ހޮވުނީ ޝާހިދު ކަޕޫރް އެވެ. ގްލޯބަލް ސްޓައިލް އައިކޯން އެވޯޑް ލިބުނީ ސޯނަމް ކަޕޫރަށެވެ. ހޯލް އޮފް ފޭމް (އަންހެން) އެވޯޑް ލިބުނީ ރޭކާ އަށެވެ.
ޖީޕް ސްޓައިލް ބެޖް އޮފް އޮނަރ ލިބުނީ އަކްޝޭ ކުމާރް އަށެވެ. ޓައިމްލެސް ޑައިވާ ގެ އެވޯޑް ލިބުނީ އައިޝްވާރްޔާ ރާއީ އަށެވެ. ސުޕަރ ސްޓަރ އޮފް ސްޓއިލް އެވޯޑް ލިބުނީ އަމީތާބް ބައްޗަން އަށެވެ. އެންމެ ސްޓައިލޝް އޯތަރ ގެ އިނާމު ލިބުނީ ޝިލްޕާ ޝެޓީ އަށެވެ.
ހިނދުސްތާން ޓައިމްސް މޯސްޓް ސްޓައިލިޝް އެވޯޑަކީ ހިންދުސްތާން ޓައިމްސް އިން ކޮންމެ އަހަރަކު ބާއްވާ ހަފްލާ އެކެވެ. މި ހަފްލާގައި ވިޔަފާރީގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ސިޔާސީ ދާއިރާ އަދި މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެ ސްޓައިލިޝް މީހުން ފާހަގަކޮށް ޝަރަފުގެ އިނާމު ދެއެވެ.