ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމްއެންޕީން އަބަދުވެސް ތަރުހީބުދޭނެ: ނާޒިމް

ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމްއެންޕީން އަބަދުވެސް ތަރުހީބުދޭނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ އެ ޕާޓީން އަބަދުވެސް ތަރުހީބުދޭ ކަމެއް ކަމަށެވެ. އެކަމަކުވެސް ފެންނަމުން ދަނީ ތަފާތު މަންޒަރެއް ކަމަށެވެ.

އެގޮތުން ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު ފެންނަމުންދާ ކަމަށާއި އެހެންހެދުމުން ރަށްރަށުގެ ވެށިތަކަށް ލިބޭ ގެއްލުން ބޮޑުވެ، ނޭދެވޭ އަސަރު ކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެގޮތަށް އެކަން ވަނީ އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީ. އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ނުވާތީ. އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް، ސަރުކާރަށް އަޅުގަނޑު ގޮވާލަން." ނާޒިމް ވިދާޅުވިއެވެ.

އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީވެ، ރަށްރަށަށް ލިބޭ ގެއްލުން ބޮޑުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މަޑަވެލި ހޯޑެއްދޫގެ މިފަހަރު އުދަ އެރި އެންމެބޮޑު އަސްލަކީ އެތަނުގަ އެޅުނު ކޯސްވޭ ކަމަށެވެ.

ކޯސްވޭ ހެދުމަށް ދީފަހުރި އިރުޝާދާ ޚިލާފަށް އެކަން ކޮށްފައިވާކަން ފާހަގަކުރައްވާ ނާޒިމް ވަނީ މިފަދަ ކަންތައް ނުކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބެމުންދާކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.