(21 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީ ވަރަށް ދެރަވެފައިވާ ރާގެއްގައި ބުންނަ ފެއްޓިއެވެ.
"މިހާތަނަށް އަޅުގަނޑާ ބައްދަލުވި ކޮންމެ މީހަކުވެސް ގަތީ އަޅުގަނޑުގެ ހަށިގަނޑު، އަޅުގަނޑުގެ ފުރާނަ، އެއްވެސް މީހަކު އަދި ނުގަނޭ އަޅުގަނޑު މިދަނީ ވިކެމުން ވިކެމުން. އަޅުގަނޑު ހޯދަމުން މިދަނީ އަޅުގަނޑުގެ ފުރާނައަށް ބަލާނެ މީހަކު. އަޅުގަނޑުގެ ހިތަށް ޤަދަރުކުރާނޭ މީހަކު އަޅުގަނޑުގެ ހިތްވެސް އަދި މިހާތަނަށް ވަނީ ނުވިކި. އަދި އެ ހިތްވަނީ މަރުވެސް ނުވެ. އެހެންކަމުން އެ ހިތް ރެޔާދުވާލު އަޅުގަނޑަށް އެތައް އެތައް ކެކުޅުމެއް ގެނެސްދޭ..."
މިހާތަނަށް ބުނެވުނު އިރު ރަޖްނީގެ އަޑު ބެދޭގޮތް ވެއްޖެއެވެ. ލޮލުން އަންނަ ކަރުނަތައް ނުހިފެހެއްޓިގެން ކޯމައްޗަށް އޮހެން ފަށައިފިއެވެ. އެތަން އަޝޯކަށް ނުދައްކާވޭތޯ ފާރާއި ދިމާއަށް ބަލަން ފަށައިފިއެވެ. އެ ފާރުގައި އަޅުވާފައި ހުރި ލޯގަނޑެއްގައި ދެމަފިރިއެއްގެ ކައިވެނީގެ ފޮޓޯ އެއް ހުއްޓާ ފެނިގެން ރަޖްނީ އިންގޮޑިން ތެދުވެގެންގޮސް އެ ފޮޓޯ ކައިރިއަށް ހުއްޓިފައި އަޝޯކްއާ މުޚާޠަބްކޮށް ސުވާލުކޮށްލިއެވެ.
"މިއީ ކޮންބައެއްތޯ؟"
"އަޅުގަނޑުގެ ދައްތައާއި އޭނާގެ ފިރިމީހާ"
"އެމީހުންގެ ނިތްކުރީގައި ސިންދޫރު (ކައިވެނި ކޮށްގެން އުޅޭ އަންހެނުންގެ ނިތްކުރީގައި ޖަހާފައި ހުންނަ ރަތްތިކި) ހުންނަ އަދި އެމީހުންގެ ކަރުގައި މަންގަލް ސޫތަރް އެޅިފައިވާ އަންހެނުންނަކީ، ކޮންފަދަ ނަސީބުވެރި އަންހެނުންނެއްތޯ؟" ރަޖްނީ ހިތާމައިން ފުރިފައިވާ އަޑަކުން ބުންޏެވެ.
"ކަލާ ކަލާގެ ދިރިއުޅުން ބަރުބާދުކޮށްލީ ކީއްވެތޯ؟" އަޝޯކް ވަރަށް ބޮޑަށް ހަމްދަރްދުވެފައިވާ ގޮތެއްގައި ރަޖްނީއާ ސުވާލުކުރިއެވެ.
"ބަނޑުފުރާ މުއްތިކުރުމަށްޓަކައި"
"މިދުނިޔޭގައި ކަލާގެ އެކަކުވެސް ނެތީތޯ؟"
"އެންމެ ކޮއްކޮއެއް ފިޔަވައި ނެތް"
"މަންމަ އާއި ބައްޕަ"
"ކޮންމެވެސް ޒަމާނެއްގައި އުޅުނު... ބައްޕަ އަޅުގަނޑުދެކެ ވަރަށް ލޯބިވި... ބައްޕަ އެދިލެއްވީ އަޅުގަނޑު ކިޔަވައިގެން ލޮލުގެ ޑޮކްޓަރަކަށް ވާން. ނަމަވެސް މަރު އަޅުގަނޑުގެ ބައްޕަގެ އެދިލެއްވުން ފުރިހަމަ ވިޔަކަ ނުދިން. އަޅުގަނޑު ދާދި ކުޑައިރު ބައްޕަ ނިޔާވެއްޖެ." އެހާ ހިސާބަށް ބުނެފައި ރަޖްނީއަށް ވާހަކަ ކުރިޔަށް ގެންދަން ދަތިވިއެވެ. ކުޑައިރުކޮޅަކަށް މަޑުކޮށްލާފައި، އަޝޯކާދިމާއަށް ބަލަން ހުއްޓެވެ. އަޝޯކްވެސް ރަޖްނީގެ ވާހަކަ އަހަން ބުދެއްހެން އިނެވެ. ކުޑައިރުކޮޅަކަށް ފަހު އަނެއްކާވެސް ، ރަޖްނީ ވާހަކަ ކުރިޔަށް ގެންދަން ފެއްޓިއެވެ.
"އޭގެ ހަމަދުވަސްފަހުން މަންމަވެސް ކޮލެރާގެ ޝިކާރައަކަށްވެއްޖެ. މަންމަ މަރުވިއިރު މަންމަގެ ހަށިގަނޑު އަންދާލެވޭހާ ފައިސާވެސް އަޅުގަނޑު އަތަކު ނެތް. އޭރު އަޅުގަނޑުގެ އުމުރަކީ އެންމެ 12 އަހަރު. އަޅުގަނޑުގެ ކޮއްކޮއަށް ކިރިޔާ ހިނގެނީ...." މިހާތަނަށް ބުނެފައި ރަޖްނީ ފިނި ނޭވާއެއް ލިއެވެ. އޭނާގެ ލޮލުން ކަރުތައް ފައިބާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ކޯތާފަތް މަތިން އޮހެމުންދެއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި، އަނެއްކާވެސް އޭނާގެ ހިތާމައިން ފުރިފައިވާ ވާހަކަ ކިޔައިދޭން ފެއްޓިއެވެ.
އެވަގުތު އަޝޯކަށް އިޙްސާސްވަމުންދިޔައީ ކޮންމެ ވެސް ހިތާމަވެރި ފިލްމެއް ސްކްރީނަކުން ފެންނަމުންދަނީ ހެންނެވެ. ރަޖްނީގެ ޅަދުވަސްވަރު އެކިއެކި މަންޒަރުތައް ސީދާ އޭނާގެ ލޮލުން ދެކެމުންދާ ހެންނެވެ. އޭނާގެ ހިތާމަ ހިތަށް ވަންނަމުންދަނީ ބުއްބޯވަރުގެ ކުޑަކުޑަ ދީޕަކް ފޮތިގަނޑަކން ހަދާފައިވާ ޖޯއްޔެއް ކަހަލަ ތަނެއްގައި ރޮއިރޮއިއޮތް ތަނެވެ. ބާރަތޭރަ އަހަރުގެ ޅަޅަ ރަޖްނީ ކަންބޮޑުވެގެން ދުވެފައިކަހަލަ ގޮތަކަށް ގޭތެރެއަށް ވަންމަންޒަރެވެ. އޭރު ރަޖްނީ ގައިގައި އޮތް ހެދުންވެސް ވަނީ ވަރަށް ބާވެފައެވެ. އޭހާމެ ދާވެސް ވެފައެވެ. ރަޖްނީ ގޭތެރެއަށް ވަނުމާއިއެކު، އެކުޑަކޮއި ފުޅު ނަގާފައި އޭނާގެ މޭގައި ޖައްސާލިއެވެ. އޭރު ރަޖްނީ ހިތަށް އަރަމުންދަނީ، އެ ކުޑަކުއްޖާގެ ދިރިއުޅުން މިހާރުވަނީ އޭނާގެ އަތުގައި ކަމަށެވެ. އެހެންކަމުން އެ ކުއްޖާއަށްޓަކައި އޭނާއަށް ދިރިއުޅެން ޖެހޭނެކަމަށެވެ. އެހެން ހީކޮށްފައި އެކުއްޖާ އުރާލައިގެން ރަޖްނީ ދިރިއުޅުމުގެ ދަތުރު ފެއްޓިއެވެ.
ރަޖްނީ އެކުޑަ ކޮއިފުޅު ގޮވައިގެން ބަނޑުހައިކަމުގެ ނިހާއީ ޙާލަތުގައި މަގުމަތީގައި ސަލާން ޖަހަމުން ދިޔައެވެ. "އަޅުގަނޑު އެއްޗެއް ނުކާތާ ތިންދުވަސްވެއްޖެ- ބަނޑުހައިވެގެން ހާންތިވަނީ ސާހިބާ... މި ކޮއިފުޅުވެސް މިއޮތީ ބަނޑަށް އޭނާއަށް ޓަކައި ރަޙްމުވެލައްވާ ސާހިބާ މާތްރަސްކަލާނގެއަށް ޓަކައި ރަޙްމުކުރައްވާ ކޮންމެވެސް އެއްޗެއްދެއްވާ" މަގުމަތިންދާ މީހުންގާތުގައި ރަޖްނީ އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް އެކަކުވެސް އޭނާގެ އެއާދޭހުގެ އަޑެއް ނާހައެވެ. އެއްވެސް މީހެއްގެ ހިތުގައި އޭނާޔާއާ މެދު ނުވަތަ އޭނާގެ ކުޑަކުޑަ ކޮއްކޮއާއި މެދު، ރަޙްމެއް ނުއުފެދުނެވެ. އޭގެ ބަދަލުގައި ބައެއް މީހުން އޭނާއާ މެދު ނަފްރަތުކުރީއެވެ. ބަނޑުހައި ހޫނުކަމުން ހަލާކުވަމުންދާ ކުށެއްނެތް މަޢުސޫމް ކުޑަކުޑަ ދެ ކުދިންނާމެދު އެއްވެސް މީހަކަށް ފިކުރުކޮށް ލެވުނު ކަމަކަށް ނުވިއެވެ. ވާނީވެސް އެހެންނެވެ. އެ މީހުންގެ ބަނޑުވަނީ ފުރިފައެވެ. ބަނޑުހައިކަމުގެ އަލިފާނުގައި އިންސާނުން އަނދަމުންދަނީ ކިހިނެއްކަން ނުވަތަ ކާއެއްޗެއް ނުލިބިގެން އިންސާނުން ކޮންފަދަ ނިކަމެތި ޙާލަތުތަކާ ކުރިމަތިލާން ޖެހޭކަން އެމީހުންނަށްކަށް ނޭނގޭނެއެވެ. ނުވަތަ އެނގިގެން ތިބެވެސް އެނގޭކަމަށް ނުހަދާނެއެވެ. އެހެން އެވާގޮތަކީ، އެމީހުންނަށް ލިބިފައިވާ ރިޒްޤުގައި އެހެން މީހަކު ބައިވެރިކުރަން ބޭނުމެއް ނުވާހާ ހިނދެއްގައި، އެހެންމީހަކަށް ވެސް މީހެއްގެ ބޭނުމެއް އޮވެދާނެއެކޭ ހިތަކަށް ނާރާއެވެ.
ރަޖްނީ ބަނޑުހައިކަމުގެ ނިހާޔަތަށްގޮސްގެން، މަގު މަތީގައި ހިނގަމުން ހިނގަމުންގޮސް ގެއެއްގެ ދޮރުމައްޗަށް އާދެވިއްޖެއެވެ. އޭރު އެގޭތެރޭގައި އަންހެނަކު އޭނާގެ ދެ އަހަރުވީ ކުޑަ ދަރިފުޅަށް ކާން ދެނީއެވެ. ނުހަނު ލޯތްބާއެކު އެކުއްޖާގެ އަނގައަށް ސަމުސަލުން ކާއެއްޗެތި ލަވަމުން އޭނާ ބުނަމުން ދިޔައެވެ. "ދަރިފުޅާ .. އަވަހަށް މީތިކޮޅު ކާލާ! ހަވީރު ބައްޕަ ދުރުވާއިރު ދަރިފުޅަށް ޗޮކްލެޓާއި ޓޮފީވެސް ގެނެސްދެއްވާނެ!"
ކާންދޭން އިން އަންހެންމީހާއަށް އެވަގުތު ރަޖްނީ ފެނިއްޖެއެވެ. ރަޖްނީ ހުރީ އޭނާގެ ކޮއްކޮ އުރާލައިގެންނެވެ. ވަރަށް ހިތާމަވެރި ނަޒަރަކުން އަނެއްކުއްޖާ ކާން އިންތަން ބަލާށެވެ. އަންހެންމީހާ އޭނާއާ ދިމާއަށް ބަލާލިވަގުތު ރަޖްނީއަށްވެސް އެދިމާއަށް ބަލާލެވުނެވެ. ހަތަރު ކަޅިހަމަވުމާއި އެކު، އެއަންހެންމީހާއާ ދިމާއަށް ރަޖްނީ ބުނެލިއެވެ.
"މަންމާ... އަޅުގަނޑު މިހިރީ ވަރަށް ބަނޑުހައިވެފައި. މި ކުއްޖާފުޅުވެސް ރޭހަތަރުދަމު އެއްވެސް އެއްޗެއް ނުކައި.ކިތަންމެ ކުޑަނަމަވެސް ކާއެއްޗެއް ދެއްވާ!"
" ދާން އުޅޭ...ވިޔާނުދާކުއްޖާ.." އަންހެންމީހާ ރުޅިއައިސްފައި ބުންޏެވެ. ކަލެއަށް މިވަގުތުނޫނީ އަންނާކަށްވެސް ނޭނގުނުދޯ … އަހަރެންގެ ދަރިފުޅަށް ކާންދިނަވެސް ނުދިނީ...." އެހެން ބުނެފައި އޭރު އޭނާގެ އަތުގައި އޮތް ތަށީގައި ބާކީހުރި ކާއެއްޗެތި އެކުޑަދަރިފުޅުގެ ބޯމަތީގައި އަނބުރާލާފައި ރަޖްނީގެ ކުރިމައްޗަށް އުކާލިއެވެ. އަދި މޫނު ހުތުރުކޮށްލާފައި ތެދުވަމުން ދަރިފުޅު ގޮވައިގެން ގޭގެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ރަޖްނީ ލޮލުން ކަރުނަތައް އޮހިގަތެވެ. ބިންމައްޗަށް އުކާލެވިފައިވާ ކާއެތިކޮޅު އޭނާއަށް ފެނުނެވެ. އޭނާގެ ލޮލުން ފެންނަމުންދަނީ ބަނޑުހައި ކަމުގެ އަސަރުތަކެވެ. ބިންމަތީގައި ހުރި ކާއެތިކޮޅު ނަގައިގެން ކާލާނީއޭ އޭނާ ހިތަށް އެރިއެވެ. ނަމަވެސް އެނާގެ ހިތުގެތެރޭގައިވާ ޣީރަތު އޭނާ ހުއްޓުވިއެވެ. އެނިކަމެތިކަން ޤަބޫލުކުރަން އޭނާގެ ޒަމީރު އަމުރެއް ނުދިނެވެ. އެހެނަސް ބަނޑުހައި ހޫނުކަމަކީ އިންސާނާގެ ޣީރަތާއި ޒަމީރުވެސް އަޅުވެތި ކޮށްލާކަމެކެވެ. އިންސާނުންގެ އިއްޒަތާއި ޝަރާފަތުވެސް ވިއްސި ވިހާލިކޮށްލާ ކަމެކެވެ. މިހުރިހާ ކަމެއް އަންދާލާ އަޅިއަށްހަދާ ކަމެއްވެއެވެ. އިންސާނުން ވަގުންނަށް އަދި މީހުންމަރާ މީހުންނަށް، އަދި ކީއްތޯ އެންމެ ފަހުން އިންސާނުން ހައިވާނުންނަށްވެސް ހަދާފަދަ ކަމެއްވެސް މެއެވެ. އެހެންކަމުން އެންމެފަހުން ރަޖްނީއަށް ވެސް ޖެހުނީ ބަނޑުހައިކަން ނޫން އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާށެވެ. ބިންމައްޗަށް އުކާލެވިފައިވާ ކާއެތިކޮޅު ނަގާށެވެ.
(ނުނިމޭ)