ސިޔާސީ ޕާޓީއަކީ، ސިޔާސީ ބާރުހޯދައި އެބާރުގެ ބޭނުންކުރުމަށްޓަކައި، ބަޔަކުމީހުން އެއްވެ އުފައްދާ ނިޒާމެކެވެ. ޔޫރަޕާއި އެމެރިކާގައި، ސިޔާސީޕާޓީތައް އޭގެ އަސްލުގޮތުގައި އުފެދުނީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. ޕާޓީތައް އުފެދި ތަރައްޤީވީ، ޕާލަމެންޓަރީ ނިޒާމާއި އިލެކްޓޯރަލް ނިޒާމާވެސް އެކުގައެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރާ ހުރިހާ ޖަމާޢަތަކަށްވެސް ޕާޓީގެ ނަމުން ނަންދެވުނެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކުން ނުވަތަ އިންޤިލާބަކުންކަމަށްވިޔަސް މެއެވެ.
ޕާޓީތައް އުފެދުމުގެ ކުރިން، ވަކިޚާއްޞަ ސްޚުޞިއްޔަތެއް ނުވަތަ ރަސްރަސްކަލުންގެ ރަސްކަމުގައި، ސިޔާސީ ޙަރަކާތްތައް އޮތީ ވަކިމިންވަރެއްގައި ހިފެހެއްޓިފައެވެ. ކޮންމެވެސް ޚާއްޞަ މީހެއްގެ ނުވަތަ ސަޚުޞިއްޔަތެއްގެ ނުވަތަ މުއްސަންޖެއްގެ ވަށައިގެން އެނބުރޭ އިދިކޮޅު ފިކުރެއްގެ ބައެއްގެ ގޮތުގައެވެ. މިޙާލަތު ބަދަލުވެގެންދިޔައީ، ޕާލަމެންޓަރީ ވެރިކަމާއި ޕާޓީތައް އުފެދުމާގުޅިގެންނެވެ. ޤަދަރުވެރިން، އަދި މުއްސަނދިން ތާއީދުކުރާ ޖަމާއަތްތަކުގެ މައްޗަށް، ނިޒާމީ ފިކުރަށް ތާއީދުކުރާޖަމާޢަތްތައް ގަދަވެގަނެގެންނެވެ. އޭގެތެރޭގައި ވާރުތަވާ ރަސްކަމާއި ވެރިކަންވެސް ހިމެނެއެވެ. ޔޫރަޕާއި އެމެރިކާގައި، އެހާ މަޤްބޫލުނޫން ޕާޓީތައް، ޕާޓީއެއްގެ ސިފައައިސް، ގިނަބަޔަކު ތާއީދުކުރާ ސިޔާސީ ޖަމާޢަތަކަށް ވެގެންދިޔައީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ.
20 ވަނަ ޤަރުނުގެ ތެރޭގައި، ޕާޓީނިޒާމް މުޅިދުނިޔެއަށް ތަޢާރުފްވެގެންދިޔައެވެ. ތަރައްޤީނުވާ ޤައުމުތަކުގައި އުފެދުނު ޒަމާނީ ޕާޓީތައް ވެގެންދިޔައީ، ބަސްވިކޭ ސަޤާފީ ގުޅުމަކަށް ނުވަތަ ޤަބީލާއަކަށް ނުވަތަ ދީނީ ޖަމާޢަތަކަށެވެ. ސިޔާސީ ޕާޓީތައް ވެފައިއޮތީ ފުރާފުރިހަމަނުވާ ނިޒާމެއްގެ ގޮތުގައެވެ. އޭގެތެރޭގައި ޢަސްކަރީ، އިޖްތިމާޢީ އަދި ކޮމިއުނިސްޓް ޕާޓީތައްވެސް، ޚުދު ޔޫރަޕްގައިވެސް، 20 ވަނަޤަރުނުގެ ކުރީކޮޅުގައި ޙަރަކާތްތެރިވެފައި ވެއެވެ. މިޕާޓީތަކަކީ، ގިނަޕާޓީގުޅިގެން ހިންގާ ވެރިކަމުގެ ނިޒާމަށް ދަޢުވާކުރަމުން އައި، އެހެނަސް ޚުދުމުޚުތާރު ވެރިކަމަކަށް މިސްރާބުޖަހާފައި އޮތް ޕާޓީތަކެކެވެ. މިނިވަން ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް 19 ވަނަ ޤަރުނުގައި އުފެދުނު މިޕާޓީތައް، 20 ވަނަޤަރުނުގެ ކުރީކޮޅު ހިނގަމުންގޮސްފައިވަނީ، ޑިމޮކްރެޓިކް ހަމަތަކާ ދެކޮޅު ޚުދުމުޚުތާރު ވެރިކަމެއްގައި ތާށިވެފައި އޮތް ޕާޓީ ނިޒާމެއްގެ ގޮތުގައެވެ.
1920 އަދި 1930 ގެ އަހަރުތަކުގައި ޕާޓީނިޒާމަށް އިތުރު ބަދަލުތަކެއްއައެވެ. އެއީ ފޭސިސްޓް ޕާޓީތައް އުފެދުމާގުޅިގެންނެވެ. އެއީވެސް ކޮމިއުނިސްޓް ޕާޓީތަކާ އެއްއުސޫލުން ހިނގާ ޕާޓީތަކެކެވެ. ތަފާތަކަށްވީ، އެންމެ އިސްކޮށް ހުންނަމީހާގެ މުށުތެރެޔަށް ޕާޓީގެ ބާރުތައްލައި ރޫޙާނީ ލީޑަރަކަށްވެގެންހުރެފައި، ޕާޓީގެ ފިކުރަށް މެންބަރުން ތަބާވުން ލާޒިމްވެފައި އޮތުމެވެ. ޕާޓީތެރޭގައި ރޫޙާނީ ލީޑަރުގެ ވަށައިގެން އެނބުރޭ ބައެއްގެ އަތްމަތީ ޕާޓީގެ ބާރުތައް އޮވެ، އެބައިމީހުން އެގޮތުގައި ދެމިތިބެ، ޕާޓީގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގެ ފުރުޞަތު އާބަޔަކަށް ލިބިގެންދާނެ ހުރަސްތައް ކުރިމަތިވެފައި އޮތުމެވެ. ޚުދުމުޚުތާރުކަމުގެ ސިފަޖެހި، ނުވަތަ ޢަސްކަރީ ވެރިކަމެއްގެ ސިފަ ޕާޓީގެ ހިންގާ ނިޒާމުގެ ތެރެޔަށް ވަނުމެވެ. އަދި ޕާޓީއަށް އެކިގޮތްގޮތުން ލިބޭފައިސާއަށް ހަދާނުހަދާގޮތް، ޢާންމު މެމްބަރުންނަށް ނާންގައި އެފައިސާއަކީ ޕާޓީހިންގަންތިބޭ ބައެއްގެ ތަރިކައަކަށް ހަދާފައި އޮތުމެވެ. ދާދިމިދާކަށްދުވަހު ޕާޓީނިޒާމް އުފެދުނުނަމަވެސް، ރާއްޖޭގައި މިއޮތީ މީގެ 90 ވަރަކަށް އަހަރުކުރިންއޮތްފަދަ، ސިޔާސީ ޕާޓީތަކުގެ، މިރިނުވެ ގޮބޮޅި ކާށިވެފައި އޮތް ދޯހަޅި އަދި ފަސާދައަށް މަގުފަހިވާ ނިޒާމެކެވެ.
ސިޔާސީ ޕާޓީގެ ނިޒާމަކީ ޑިމޮކްރަސީގެ ހިޔަނީގައި ހުޅަނގުން އުފެއްދި ނިޒާމެކެވެ. ޑިމޮކްރަސީގެ އުޞޫލުތަކާއި ހަމަތައް ކިތަންމެ ވަރަކަށް މިނިވަންކޮށް ބޭނުންކުރެވެއޭ ބުނެ އަޑުއުފުލިޔަސް، އެނިޒާމަކީ ފަސާދައިގެ މަގުން ދަތުރުކުރާ ނިޒާމެއްކަން ދިރާސާތަކުން ދައްކައެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި، ފަސާދައިން ސާފުވެފައިއޮތް ސިޔާސީ ޕާޓީގެ ނިޒާމެއް މަސައްކަތެއް ނުކުރެއެވެ. ޢަރަބި ގިނަ ޤައުމުތަކުގައި ސިޔާސީ ޕާޓީ އުފެއްދުން މަނައެވެ. އެތަންތަނުގައި އޮންނަނީ ރަސްރަސްކަލުންނާއި އަމީރުންގެ ވެރިކަމެވެ. އެހެންނަމަވެސް، އެތަންތަނުގައިވެސް، އިދިކޮޅު ޕާޓީ ނެތަސް، އިދިކޮޅު ޖަމާޢަތްތައް ޙަރަކާތްތެރިވެއެވެ.
ދުނިޔޭގެ 176 ޤައުމަކުން ނެގިފައިވާ ހިސާބަކަށްބަލާއިރު، 61 ޤައުމަކުން ދާއިމީގޮތެއްގައި، ރައްޔިތުންގެ ޓެކްސް ފައިސާ، ސިޔާސީ ޕާޓީތަކަށް ޚަރަދުކުރެއެވެ. 51 ޤައުމަކުން، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. ރޭވިގެން ހިންގޭ އިންތިޚާބީ ޙަރަކާތްތަކަށް، 14 ޤައުމެއްގައި ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ކުރެވެއެވެ. އަދި 50 ޤައުމެއްގައި، ދާއިމީގޮތަކަށް އަދި އިންތިޚާބީ ޙަރަކާތްތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ކުރެވެއެވެ.
ދުނިޔޭގެ އެކިބައްރުތަކަށްބަލާއިރު، ޔޫރަޕުގައި އިޓަލީއަކީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚާރަދުނުކުރާ ޤައުމެކެވެ. އެފްރިކާ ބައްރަށް ބަލާއިރު، ގަޔާނާ، ނައިޖީރިއާ، ގާނާ އަދި ސޫދާނުން، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. މެދުއިރުމައްޗަށް ބަލާއިރު، ބަޙުރޭނާއި މިޞްރުގައި، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. އޭސިއާ ބައްރަށް ބަލާއިރު، ސިންގަޕޫރާއި ފިލިޕީންސް އަދި މެލޭސިއާގައި، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. އަވަށްޓެރި ޤައުމުތަކަށްބަލާއިރު، ނޭޕާލް، އިންޑިއާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގައި، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެވެއެވެ.
އެފްރިކާ ބައްރަށް ބަލާއިރު 51 ޤައުމުގެ ތެރެއިން 15 ޤައުމަކުން، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. އެމެރިކާ ބައްރަށް ބަލާއިރު، 34 ޤައުމެއްގެ ތެރެއިން 12 ޤައުމަކުން ސިޔާސީ ޕާޓީތަކަށް ރައްޔިޔުންގެ ފައިސާ ޚަރަދެއް ނުކުރެއެވެ. ޔޫރަޕަށް ބަލާއިރު، 44 ޤައުމެއްގެ ތެރެއިން 5 ޤައުމަކުން، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ ފައިސާ ހޭދައެއްނުކުރެއެވެ. އޯސަނިއާގެ 14 ޤައުމެއްގެ ތެރެއިން 8 ޤައުމަކުން، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. އަދި އޭޝިއާގެ 37 ޤައުމެއްގެ ތެރެއިން 11 ޤައުމަކުން، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. މި ޢަދަދުތަކަށް ބަލާއިރު 180 ޤައުމެއްގެ ތެރެއިން . ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ނުކުރަނީ 51 ޤައުމަކުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ބެލެވޭ، އަވަށްޓެރި އިންޑިއާއިން، ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދެއް ނުކުރެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާ، ސިޔާސީ ޕާޓީތަކަށް ސީދާކޮށް ދިނުމަކީ އިންޑިއާގައި މަނާ ކަމެކެވެ. އެހެންނަމަވެސް ނުސީދާކޮށް، ސަރުކާރުން ސިޔާސީޕާޓީތަކަށް ހޭދަކުރެއެވެ. ސަރުކާރުގެ މީޑިއާއިން ހިލޭ ވަގުތު ދިނުމާއި، މުޒާހަރާ ބާއްވަން ތަންތަން ދޫކުރުމާ އަދި ދަތުރުފަތުރުގެ ނިޒާމުގެ އަގު ހެޔޮކޮށްދިނުމެވެ. ރައްޔިތުންގެ ޓެކްސް ފައިސާ، ސިޔާސީ ޕާޓީތަކަށް ޚަރަދުކުރުން މަނާވެފައި އޮތްނަމަވެސް، އިންޑިއާގެ ކުންފުނި އަދި ޖަމާޢަތްތަކުންނާއި ބޭރުފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރެވޭނެ ޤާނޫނާއި ޤަވާޢިދު ހެދިފައި ވެއެވެ. ސިޔާސީ ޕާޓީތަކުން ފައިސާ ހޯދުމުގައި އިންޑިއާގައި ދިމާވާ އެންމެ ބޮޑު މައްސަލަޔަކީ، ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަން ބޭނުންކޮށްގެން، ކަޅުފައިސާ ދޮވެ ހުދުކޮށް، ސިޔާސީ ޕާޓީތަކަށް ލިބެމުންދިއުންކަން ދިރާސާތަކުގައި ފާހަގަ ކޮށްފައި އެބަހުއްޓެވެ. އަދި ދެފުށްފެންނަގޮތަށް ހިސާބު ކިތާބު ފެންނަން ނުހުރުމަކީވެސް ދިރާސާތަކުގައި ފާހަގަ ކޮށްފައިހުންނަ މައްސަލައެކެވެ.
2017/2018 ގައި އިންޑިއާގެ ސިޔާސީ ޕާޓީތަކުން އެއްކުރި ފައިސާގެ ހިސާބުތަކަށް ބަލާއިރު، ދެފުށް ފެންނަގޮތަށް ކާކުދިންއެއްޗެއް އެނގޭގޮތަށް ޕާޓީތަކުން ހޯދާފައިވާ ފައިސާގެ ނިސްބަތަކީ 36 އިންސައްތައެވެ. ހަރުމުދަލާއި އެނޫންތަކެތި ވިއްކައިގެންނާއި މެންބަރުންގެ އަތުން ހޯދާފައިވާ ފައިސާގެ ނިސްބަތަކީ 11 އިންސައްތައެވެ. އަދި ހޯދި ވަކިގޮތެއް ނޭނގޭގޮތަށް ހޯދާފައިވާ ފައިސާގެ އިންސައްތައަކީ 53 އެވެ. މިހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ވެރިކަންކުރާ ބީޖޭޕީއެވެ. ބީޖޭޕީން ހޯދާފައިވާ ފައިސާގެ ނިސްބަތަކީ 93 އިންސައްތައެވެ. ކޮންގްރެސްއަށް ހޯދިފައިވަނީ އެންމެ 6 އިންސައްތައެވެ.
ރާއްޖޭގެ ޙާލަތަށްބަލާއިރު، ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް މިހާތަނަށް ވަނީ ރަޖިސްޓަރީ ކުރެވިފައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓަރީކުރެވުނު ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ. އެމްޑީޕީއަކީ، މެންބަރުންގެ ޢަދަދު އެންމެ ގިނަ ޕާޓީއެވެ. އިލެކްޝަންސް ކަމިޝަންގެ ހިސާބުތައް ދައްކާގޮތުގައި، އެމްޑީޕީގައި 54 ހާސް މެންބަރުން އެބަތިއްބެވެ. ދެން އެންމެ މެންބަރުން ގިނައީ ޕީޕީއެމް ގައެވެ. އެހެންނަމަވެސް ޕީޕީއެމުން ވަގުފޯމްތަކެއް ހުށަހަޅައިގެން މެންބަރުން ރަޖިސްޓަރީކުރި މައްސަލައެއް މިދޭތެރެއިންވަނީ ފެންމަތިވެފައެވެ. ތިންވަނަޔަށް އެންމެ މެންބަރުން ގިނައީ ޖޭޕީއެވެ. ޖޭޕީގައި 20 ހާސް މެންބަރުން އެބަތިއްބެވެ. އެއަށްފަހު 10 ހާސްމެންބަރުން ހަމަވާ ހަމައެކަނި ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. ޢަދާލަތު ޕާޓީގައި 10،139 މެންބަރުން އެބަތިއްބެވެ. ޤާނޫނުބުނާގޮތުން، ސިޔާސީ ޕާޓީތަކުން، ސަރުކާރުން، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރަނީ 10 ހާސްމެންބަރުން ހަމަވާ ޕާޓީތަކަށެވެ. 10 ހާހަށްވުރެ އިތުރަށް މެންބަރުން ތިބީ 11 ޕާޓީގެ ތެރެއިން އެންމެ 4 ޕާޓީގައެވެ. ދެންހުރި ޕާޓީތަކުން އެއްޕާޓީއެއްގައި 8 ހާސް އަދި އެހެންޕާޓީއެއްގައި 6 ހާސް މެންބަރުންތިބިއިރު، 3 ހާސްމެންބަރުންތިބި ޕާޓީއަކާއި 2 ހާސް މެންބަރުންތިބި 4 ޕާޓީއެއް އެބައޮތެވެ. ގިނަޕާޓީތަކުގައި ތިބި މެންބަރުންގެ އަޞްލު ޢަދަދު ސާފެއް ނުވެއެވެ. މިއީ ޕާޓީގައި މެންބަރުން ތިބޭ ޢަދަދަށް ނިސްބަތްކޮށް ސަރުކާރުން ފައިސާދޭތީ ދިމާވާ މައްސަލަޔަކަށް ވެދާނެއެވެ. 10 ހާހަށްވުރެ މެންބަރުން ގިނަ ބޮޑެތި ޕާޓީތަކުގެ މެންބަރުންގެ ޢަދަދަށްބަލާއިރު، އިލެކްޝަންސް ކަމިޝަނުގެ ލިޔުންތަކުން ދައްކާ ޢަދަދާއި ޕާޓީތަކުގެ ލިޔުންތަކުން ދައްކާ ޢަދަދުގެ ތަފާތުތަކެއް އެބަހުއްޓެވެ.
ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކުން 10 ހާސްމެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންތިބޭ ޢަދަދަށް ނިސްބަތްކޮށް، ރައްޔިތުންގެ ޓެކްސް ފައިސާ އެބަ ޚަރަދު ކުރެވެއެވެ. މިފައިސާއަކީ ރައްޔިތުންނާއި ސަރުކާރަށް، އެޕާޓީތަކުން ޖަވާބުދާރީވާންޖެހޭނެ އެއްޗެކެވެ. ހިތުހުރިގޮތަކަށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދައި ޤައުމު ފަސާދަކުރުމަށް ދޫކުރެވޭ ފައިސާއެއްނޫނެވެ. އެފައިސާއިން ޚަރަދުކުރެވެންޖެހޭނީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ކަންކަމަށެވެ. ޕާޓީގެ މަޞްލަޙަތު އިސްކޮށް، ހަމަނުޖެހުމުގެ މުޒާހަރާތަކާއި އެއްވުންތައް ބާއްވައި، ދެކޮޅުވެރި ބެނަރތައް އެތަންމިތާ ހަރުކޮށް، ކަނޑައެޅިގެން ވަކިހަމައެއްނެތި ސަރުކާރާ ދެކޮޅުވެރި ޙަރަކާތްތައް ހިންގުމަކަށްނޫނެވެ. ދީން ހަތިޔާރަކަށް ހަދައިގެން، ރައްޔިތުންގެ މެދުގައި މަޞްލަޙަތު ނަގާލުމުގެ ޙަރަކާތްތައް ހިންގާކަށްނޫނެވެ. އަދި ހަމައެފަދައިން، ޕާޓީގެ ބޮޑުން ބޭނުންވާގޮތަކަށް މެންބަރުންނަށް ވާނުވާ ނޭނގި ކުރެވޭ ޚަރަދުތައް ކުރާކަށްވެސް ނޫނެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދެއް އޮވެއެވެ. އެއީ 2006 ގައި ހެދިފައިވާ ޤަވާޢިދެކެވެ. 16 އަހަރުވީއިރު ޙާލަތްތަކެއް އުފެދިގެންދިޔަ އިރުވެސް، އެޤަވާޢިދުގެ އަކުރަކަށް ފިއްޔަކަށް އެންމެ ފުރިހަމަ އީޖާބީ ބަދަލެއް ނާދެއެވެ. ސިޔާސީ ޕާޓީތަކަށް ހޭދަކުރެވޭ ރައްޔިތުންގެ ޓެކްސް ފައިސާއަކީ ރައްޔިތުންނަށް ފައިދާއެއް އޮންނަންޖެހޭ އެއްޗަކަށް ވާން ވާނެއެވެ. ރައްޔިތުންގެމެދުގައި ހަމަނުޖެހުމާއި ބައިބައިވުން އުފެދި، ޤައުމީ މަޞްލަޙަތު ގެއްލުވައިލާން ހޭދަކުރެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ. ރާއްޖޭގެ ސިޔާސީ ބައެއް ޕާޓީތަކުން ފެންނަމުން އަދި މިދަނީ، ގިނަ ރައްޔިތުންދެކެން ބޭނުންވާ މަންޒަރެއްނޫނެވެ.