(11 މެއި 2022 ގެ ބަޔާ ގުޅޭ)
"ސުލްޠާނާ! ކަލެއާއި ކަލޭގެ ދަރިފުޅު އަހަރެންގެ ތަޞައްވުރު ގޯސްކުރުމަށް މަސައްކަތްކުރާކަމަށް ފެނެއެވެ." ފަޟްލުގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. މަހާ އެވަގުތު ބިރުންގޮސް އަޅުގަނޑުގެ އުނަގަނޑުގައި ދެއަތުން ބައްދާލިއެވެ.
"މަންމާއެވެ! މިކުދިންތައް އަހަރެމެންނަކަށް މިތަނަކަށް ދޫކޮށެއް ނުލެވޭނެއެވެ!" މަހާ ބިރުންހުރެ އަޅުގަނޑަށް ބަލައިލަމުން މަޑުމަޑުން ބުންޏެވެ.
"އާނއެކެވެ. ދަރިފުޅާއެވެ! އަހަރެމެންނަށް މިވަގުތު މިތާނގައި ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އަންނާށެވެ." އަޅުގަނޑު މަހާގެ އަތުގައި ހިފާލަމުން ބުނީމެވެ.
ޚާލިދާ މޫނު އަނބުރާލާފައި އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
"ސުލްޠާނާއެވެ! ތިއީ ސުލްޠާނާ ނޫންނަމަ އަހަރެންނަށް މިއަދު ކަލޭ މަރާލެވުނީހެވެ." އަޅުގަނޑާއި މަހާ އެތަނުން ނެރެން މަގުދައްކަމުން ފަޟްލު ބުންޏެވެ.
އެ ނުބައި ނުލަފާމީހާގެ އެއްފަރާތުގައި ހުރެ ، ހިނގަމުންދިޔައިރު އަޅުގަނޑުގެ ހިތުގައި އޭނާއާމެދު އުފެދިފައިވާ ނަފުރަތުގެ އަލިފާންގަނޑު އިތުރަށް ދޮންވަމުން ދިޔައެވެ. އަޅުގަނޑުގެ ބޭބެ ޢަލީދެކެ އަންނަ ރުޅިޔަށްވުރެ ، މިކަލޭގެ ދެކެ އައިސްފައި ހުރި ފޫއްސާއި ރުޅި ، އެތައްތަނަކުން މައްޗެވެ. އެތައް އެތައް ބަދު ދުޢާއެއް ، ފަޟްލުގެ މައްޗަށް ކުރެވެމުން ދިޔައެވެ. ސުޢޫދީ ޢަރަބިއްޔާގެ ޤާނޫނުގެ ދަށުން ، އެކުދިން ސަލާމަތްކުރަން ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑަށް ، އޭގެ އިތުރަށް ކުރެވޭނެ ހަމަ އެއްވެސްކަމެއް ނޯންނާނެކަންވެސް އަޅުގަނޑަށް އެނގެއެވެ. ޤާނޫނުގައި ހުރި ލޯވަޅުތަކުން ފަޟްލުގެ މަޤްޞަދަށް މަގުފަހިވާނެ ހުރިހާގޮތެއް އޭނާ ހޯދާނެއެވެ. އަދި އެންމެ ހިތަށް ދަތިވަނީ ، މިހުރިހައިކަމެއް ޚުދު ފަޟްލަށްވެސް އެނގޭނެތީއެވެ.
އަޅުގަނޑު ހިނގަމުންދިޔައިރު ، އެކުދިންތައް ރޯއަޑާއި އެހީއަށްއެދި އާދޭސްކުރަމުންދާ އަޑު ފަހަތުން އިވެއެވެ. އެއީ އަޅުގަނޑަށް ކެތްކުރަން އުނދަގޫވިކަމެއްނަމަވެސް ، ކުރާނެ ހަނަ އެއްވެސްކަމެއް ނެތެވެ. ތަޅާއިފޮޅައިގަނެގެންވެސް ބޮޑު ފިރިހެނެއްކައިރިން ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެއެވެ. މިކަންތައްގަނޑާ ގުޅިގެން މަހާއަށް ވާނެގޮތަކާމެދުވެސް ، އަޅުގަނޑުހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.
އަޅުގަނޑަށް އުނދަގޫވެގެންގޮސް ފައިއޮޅޭގޮތްވެސް ވާން ފެށިއެވެ. މާތްކަލާކޯއެވެ! މީ ކޮންކަހަލަ ޤައުމެއްތޯއެވެ؟ ކޮންކަހަލަ ބައެއްތޯއެވެ؟ އަޅުގަނޑުމެންގެ ޤައުމަކީ މުއްސަނދިކަމުންގޮސް އަނެއްއަތަށް އަޅާފައި އޮތް ތަނެކެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މިވަނީ ފަސާދަވެފައެވެ. މުއްސަނދިކަމުންގޮސް ، ޅައަންހެންކުދިން ގަނެ ހައްޔަރުކޮށް ، ޝާހުވަތްތެރިކަމުގެ ޝިކާރައަކަށް އެކުދިން ހަދަން އަޅުގަނޑުމެންމީ ކޮންބައެއްތޯއެވެ؟ އެންމެ ޢަޖައިބުވާކަމަކީ ، އެނިކަމެތިކުދިން ސަލާމަތްކުރަން މީހެއްގެ ހިތަށް އެރިޔަސް ، އެކަންކުރެވޭނެ މަގެއް ، ސުޢޫދީ ޤާނޫނުގައި ދައްކާފައެއް ނެތެވެ. އަޅުގަނޑުގެ ޤައުމާ އެޤައުމުގެ މީހުންނާމެދު ، އަޅުގަނޑު ލަދުވެތިވަމެވެ. ދީނީ ހަރުކަށި ފިކުރު ސުޢޫދީގެ މަގުމަތިން ފެންނައިރު ، ގޭތެރެއިން ފެންނަނީ އަދި އެއަށްވުރެވެސް ހަރުކަށި ފިކުރެކެވެ. ޚާއްޞަކޮށް ، އަންހެނުންނާއި ކެއުމުގެ ކަންކަމުގައެވެ. ކެއުމާއި އެދުންނޫންކަމެއް ނެތެވެ. ދެދުނިޔޭގައިވެސް އޮންނަކަމަކީ އެއީކަމަށްވެދާނެއެވެ. އެކަމަކު ، އެއީ ދީނުގައިވެސް ، ވަކި ޙައްދެއްގެ ތެރޭގައި އޮންނަންޖެހޭނެ ކަންކަމެވެ. އަނެއް އިންސާނާގެ އިންސާނީ ޙައްޤުތައް ނުގުރާލައިފާ ، ތިމާގެ އަމިއްލަ ޙައްޤެއް ނުހޯދޭނެއެވެ. އެއީ ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގައިވެސް ހުއްދަކުރެވިފައި ހުންނަ ކަންކަމެއްނޫނެވެ.
ފަޟްލު އަންގައިގެން ، އަޅުގަނޑުމެންގެ ޑްރައިވަރު އޭނާގެ ކުރިމައްޗަށް ގެނެވުނެވެ. އަޅުގަނޑުމެން ދަންދެން އޭނާހުރީ އަޅުގަނޑުމެންގެ ކައިރީގައެވެ. އަޅުގަނޑުމެންގެ ކާރު ގެނެވިއްކެއެވެ. އެވަގުތު ، ފަޟްލު އަޅުގަނޑުމެންނަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. އަދި އަޅުގަނޑުގެ މޯބައިލްފޯނު އަނބުރާ ދިނެވެ. އަދި ދެބުމަ ގޮށްޖަހައި ، ދެލޯ ބޮޑުކޮށްފައި ، ހަރުކަށި ބެލުމަކުން އަޅުގަނޑުމެންނާ ދިމާއަށް ބަލަހައްޓައިގެންހުރެ އެތަނުން ފޮނުވައިލިއެވެ.
"ސުލްޠާނާއެވެ. އަދި އަނބުރާ އަންނައްޗެވެ. އެކަމަކު ، އަންނާނީ މައިޕެލަސް އަށެވެ." ފޮނުވައިލަމުން ފަޟްލު ބުންޏެވެ.
ބައެއް ފަހަރަށް ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކުގައި ބަލިވުމަކީ ، އިންސާނާގެ ބާރުގެ ދަށުގައި ނުއޮންނަ އެއްޗެކެވެ. ފަޟްލުގެ ކުރިމަތިން ދުރަށް ދެވުމުގެ ކުރިން އަޅުގަނޑަކަށް ވާހަކައެއް ނުދެއްކުނެވެ. އަދި ކަމަކާ ވިސްނައެއްވެސް ނުލެވުނެވެ.
އަޅުގަނޑުގެ ދަރިފުޅު މަހާގެ ނޭވާކުރުވަމުންދިޔައެވެ. އޭނާ ހަމަޖައްސައިލުމަށްޓަކާ ، އޭނާގެ ބުރަކައްޓާއި ކޮނޑުގައި އަޅުގަނޑު ފިރުމަމުން ގެންދިޔައީމެވެ. އެގެއިން ނުކުމެ ފުރަތަމަ އަޅަންއޮންނަ ގޯޅިއަށް ލަނބާލިތަނާ ، އެއްކަލަ ޢުމަރު ، އަޅުގަނޑުމެންގެ ކާރުގެ ކުރިމައްޗަށް އަރާ ހުއްޓުނެވެ. ޑްރައިވަރަށް ބުރަކި ޖެއްސުނީވެސް ކިރިޔާއެވެ.
ޢުމަރުގެ ދަތްނެތް އަނގަ ތަންމިނަށް ހުޅުވައި ހީލާފައި ކުޑަދޮރުގެ ބިއްލޫރިގަނޑުން އަޅުގަނޑުމެންނާ ދިމާ ބަލައިލިއެވެ. އަދި ޓަކި ޖަހައިލިއެވެ.
"ކަމަނާއެވެ! ކަމަނާއާއެކު އަޅުގަނޑަށް ދެވިދާނެތޯއެވެ؟" އޭނާގެ އަންހެން އަޑުން ޢުމަރު ބުނެފިއެވެ. އަޅުގަނޑު އިނީ ، ކުއްލިއަކަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އަހަރެމެންނާ އެކުގައޭ! އަހަރެން ހީކުރީ ޢުމަރު ތިއީ ، ފަޟްލުމެންގެ ޢާއިލާގެ މީހެއް ކަމަށެވެ." އަޅުގަނޑަށް ބުނެވުނީ މިހެންނެވެ.
"އަޅުގަނޑު ބުނީ ، އަޅުގަނޑަށް އެތާނގައި އުޅެލަން ހުއްދަ ކުރެވިފައި އޮތް ވާހަކައެވެ. ދިރިއުޅެން ހުއްދަ ކުރެވުނު ވާހަކައެއް ނޫނެވެ. އަޅުގަނޑު އެތާނގައި އުޅެން އެމީހުން އެހާ އެހާއެއްނޫނެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން ފަޟްލުގެ ބައްޕަ ނިޔާވިފަހުން ، އަޅުގަނޑު އެތާނގައި އުޅުމަކީ ފަޟްލުމެން އެހާ ގަޔާވާކަމެއްނޫނެވެ." އެހެން ހެއްޔޭ ބުނެ ، ލޯގަނޑުން ، ޑްރައިވަރާ ދިމާއަށް އަޅުގަނޑު ބަލައިލީމެވެ. އޭނާ އިނީ އަޅުގަނޑު އެކަމަށް ސަމާލުވުމަށް ލަފާދޭގޮތަށް ލޮލުން ، އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ފަޟްލުގެ ޢާއިލާއިން ، އަޅެއްގެ ގޮތުގައި ޢުމަރު ގަތީ ކޮންތަނަކުން ހެއްޔެވެ؟" ޢުމަރާދިމާއަށް އެނބުރިލައި އަޅުގަނޑު ބުނީމެވެ.
"އަޅުންގެ ވިޔަފާރިވަނީ މީގެ އެތައް ޒަމާނެއްކުރިން ނައްތާލެވިފައި ނޫންތޯއެވެ؟" ޢުމަރުގެ ޖަވާބު ވަރަށް ސާދާއެވެ.
އެއީ ތެދެކެވެ. ސުޢޫދީ ޢަރަބިއްޔާގައި އޮތް އަޅުން ގެންގުޅުމުގެ ސަޤާފަތު ނައްތާލެއްވުމަށް ، އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީގެ އަމިއްލަފުޅު އެދުމެއްގެ ގޮތުގައި ، 1962 ގައި ވަނީ ، އޭރުގެ ސުޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު ފައިޞަލް އަށް އިލްތިމާސް ކުރައްވާފައެވެ.
މި އިލްތިމާސްވަނީ ، ސުޢޫދީ ސަރުކާރުން ޤަބޫލުކޮށްފައެވެ. އަދި އޭރު އަޅުންގެ ގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި ގެންގުޅެވުނު އެންމެން ، ކޮންމެ ބޮލަކަށް ސުޢޫދީ 5 ހާސް ރިޔާލަ ، އެމެރިކާ ޑޮލަރުންނަމަ ގާތްގަނޑަކަށް ދޮޅުހާސް ޑޮލަރު ، ސަރުކާރުންދީފައި އެއެންމެން މިނިވަން ކުރިއެވެ. އެހެންނަމަވެސް ، މިނިވަންކުރެވުނު ގިނަމީހުން އެމީހުން އަޅުންގެ ގޮތުގައި މަސައްކަތްކުރި މީހުންނާއެކު ، އެގޭގޭގައި ދެމިތިއްބެވެ. ޢުމަރުވެސް ، އޭނާ އަޅެއްގެގޮތުގައި ގެންގުޅުނު ، ފަޟްލުގެ ބައްޕަކައިރީގައި މިނިވަނެއްގެ ގޮތުގައި ޚިދުމަތްކުރުމަށް މަޑުކުރީއެވެ.
"އާދޭސް ކުރަމެވެ! ކަމަނާއެވެ! އަޅުގަނޑު ގެންދަވާށެވެ." ޢުމަރު އަނެއްކާވެސް އާދޭސް ކުރިއެވެ.
އަޅުގަނޑަށް ، އޭނާގެ އެއެދުން ޤަބޫލުކުރުމަށް އަވަސްވެގަނެވުނެވެ. ފަހަރެއްގައި ، އަޅުގަނޑު އެގެޔަށްދިޔުމުން ފަޟްލަށް ނޭންގީމަ ، އޭނާއަށް އަނިޔާކުރުން އެކަށީގެންވެއެވެ. ހަމައެކަނި ، އެކަށީގެންވަނީކީ ނޫނެވެ. އެއީ ޔަޤީން ކަމެކެވެ. އެކަހަލަ ގޯސްކަމެއްކުރަން ، ޢުމަރަކީ އެކަށީގެންވާމީހެއްކަން އަޅުގަނޑަށް އެހިސާބުން އެނގުނެވެ.
"އެންމެ ރަނގަޅެވެ. ކާރަށް އަރާށެވެ. އަހަރެމެންނާއެކު އަންނާށެވެ." މާގިނަވިސްނުމަކާ ނުލައި އަޅުގަނޑު ބުނީމެވެ. އަދި ، އެ ކުޑަކުޑަމީހާ ކާރަށް އަރާ ހަމަޖެހިލިއެވެ. އޭނާ އިށީންނާކަށް މާބޮޑު ތަނެއް ބޭނުމެއްވެސް ނުވާނެއެވެ.
"އަހަރެމެންގެ ޢާއިލާއާއެކު އުޅެން ، އަހަރެމެންގާތަށް އަންނަން ޢުމަރު ނިންމީ ކޮން ވިސްނުމެއްގައި ހެއްޔެވެ؟" ޢުމަރު ކާރަށް އަރައި އިށީނދެ ހަމަޖެހިލިމުން އަޅުގަނޑު އަހައިލީމެވެ.
އޭނާގެ ވާހަކަ ފެށުމުގެ ކުރިން އަޅުގަނޑާދިމާއަށް ބަލައިލާ އޭނާއަށް ބޭނުންވާ ކަންކަން ދެނެގަތެވެ. އަދި އޭނާގެ ވާހަކަ ، ފެށުނީއްސުރެ ކިޔައިދޭން ފެށިއެވެ.
"އަޅުގަނޑު ، ސުޢޫދީގެ މިބިމުގައި އުޅޭތާ އެތައް ޒަމާނެއްވެއްޖެއެވެ. އަޅުގަނޑުގެ ޢުމުރުން އެންމެ 8 އަހަރުގައި ސޫދާނުން އަޅުގަނޑުގެ ޢާއިލާގެ އަތުން ވަގަށް ނެގި ، ތުރުކީގެ މުއްސަންޖަކަށް އަޅުގަނޑު ވިއްކާ ލެވުނެވެ. އަޅުގަނޑު އެމީހާއަށް ވިއްކައިލެވުނު އަހަރު ، އޭނާ މައްކާއަށް ޙައްޖަށް ދިޔައެވެ." ޢުމަރު ކަރުކެހިލިއެވެ. އަދި އޭނާގެ ކަރުތެރެ ސާފުކޮށްލުމަށްފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"އަޅުގަނޑުގެ ސާހިބުމީހާއަކީ ވަރަށް ފަލަ މީހެކެވެ. ވަރަށް ގިނައިން ހަކުރާއި ތެލާ އަދި ޗީޒް ކައެވެ. އޭނާ ބޮޑުގެ (ގެފުޅު) ގެ ވަށައިގެން ތަވާފުކުރަނިކޮށް ވެއްޓި މަރުވީއެވެ. އޭނާ ވެއްޓުނީ ހަޅުހިލަ (ޙަޖުރުލް އަސްވަދު) ކައިރިޔަށެވެ. ފަޟްލުގެ ބައްޕަޔަށް ހަދިޔާކުރުމުގެ ކުރިން ، ސުޢޫދީ ސަރުކާރު މީހުން އައިސް އަޅުގަނޑު ގެންދިޔައެވެ. ފަޟްލުގެ ބައްޕަޔަކީ ، އެހެންކޮންމެވެސް ކަމެއްގައި އެމީހުންނަށް ހެޔޮކަމެއް ކޮށްދީފައި އޮތް މީހަކަށްވާތީ ، އޭނާއަށް އަޅުގަނޑު ހަދިޔާ ކުރެވުނީއެވެ." ޢުމަރުގެ ވާހަކަ މެދުކަނޑާލާފައި އަލުން ފެއްޓިއެވެ.
"މިހާރު ، އަޅުގަނޑުގެ ޢުމުރުން 88 އަހަރު ވެއްޖެއެވެ. 88 އަހަރުވަންދެން ، އަޅުގަނޑު މިއުޅުނީ މިރަށު މީހުންގެ ވަށައިގެން އެނބުރި އެނބުރިއެވެ." އަނެއްކާވެސް މާނޭވާއެއްލާފައި އިރުކޮޅަކަށް ޢުމަރުގެ ވާހަކަ ހުއްޓުނެވެ.
"އަޅުގަނޑު މިއުޅުނީ ، މިރަށުގެ ޢަރަބީންގެ ގާތުގައެވެ. އެމީހުންނަކީ ، އެއްވެސް އިންސާނިއްޔަތުކަމެއްނެތް ބައެކެވެ. އެހެން މީހުންނާ ދޭތެރޭ ، އެއްވެސް އަޅައިލުމެއް އޯގާތެރިކަމެއް ނުބަހައްޓާނެއެވެ. އަޅުންގެ ޒަމާން ދިޔައީ ނަމެއްގައެވެ. މިހާރުވެސް އެމީހުން ބަލަނީ ، އެމީހުންގެ ޚާދިމުންނަކީ އަޅުންގެ ގޮތުގައެވެ. ބޭނުންކަމެއްކޮށްލައި ، ބޭނުން އަނިޔާއެއްދީ އަދި ބޭނުން އެއްޗެއް ގޮވޭނެ ބަޔެއްގެ ގޮތުގައެވެ. އިންސާނިއްޔަތުކަމުގެ އަގަލާއި ކުލުނު ، އެމީހުންގެ ކިބައިން ފެނުނު ޙާލަތެއް އަޅުގަނޑުގެ ހަނދާނަކު ނެތެވެ." ޢުމަރު ، މާނޭވާއެއްލިއެވެ.
"ދެން ، އަޅުގަނޑާ ދިމާވާ ހިތްހެޔޮ މީހަކަށް އަޅުގަނޑު ޚިދުމަތްކޮށްދޭނަންކަމަށް ، މީގެ ދުވަސްކޮޅެއްކުރިން ، އަޅުގަނޑުގެ އަމިއްލަ ނަފުސަށް ، އަޅުގަނޑު މިހުރީ ހުވާ ކޮށްގެންނެވެ." ޢުމަރު ، އަޅުގަނޑާ ދިމާއަށް ބަލައިލާ ހިނިތުންވެލިއެވެ.
އެވަގުތު ، އަޅުގަނޑަށް މިކުރެވުނު ކަމެއްގެ އަސްލު ފުރިހަމަޔަށް އިޙުސާސްވެގެންދިޔައެވެ. އަޅުގަނޑުގެ ފިރިމީހާ ކަރީމަކީ ވަރަށް ސާދާ އަދި ހިތްހެޔޮ ، ޚުލްޤު ރަނގަޅު މީހެކެވެ. މި ނަލަކޮށް ހެނދުންއަޅައިގެންހުރި ކުޑަކުޑަ ޚުންސާ ފެނުމުން ކަރީމު ބުނާނީ ކީކޭކަމާމެދު ޚިޔާލުކޮށްލަންވެސް ނޭނގެއެވެ.
އަޅުގަނޑުމެންގެ ގެޔަށް އާދެވުމާއެކު ، މަހާ ކާރުން ފައިބައިގެން އޭނާގެ ކޮޓަރިއާދިމާއަށް ދުއްވައިގަތެވެ. އޭރު އޭނާހުރީ ، ދާހިއްލާ ފޯވެފައެވެ. ނޭވާކުރުވާގޮތްވެސް ވެފައެވެ. ލޮލުންހުރީ ކަރުނައިގެ އަސަރު ފާއްދާފައެވެ.
ސިޓިންގރޫމުގައި މަޑުކޮށްލުމަށް ، ޢުމަރުގާތު އަޅުގަނޑު ބުނީމެވެ. އަދި އެކަން އޭނާ އުފަލާއެކު ޤަބޫލުކުރިއެވެ. އަދި މަޑުމަޑުން ގޮސް ސޯފާގައި އިށީނދެލިއެވެ. އޭނާއަށް އެސޯފާއަކީ ކިންގް ސައިޒްގެ އެނދެކެވެ. އެހާވެސް އޭނާގެ ސައިޒް ކުޑައެވެ.
އަޅުގަނޑަށް އެންމެ ފުރަތަމަވެސް އުޅެވުނީ އަމާނީ ހޯދާށެވެ. އަޅުގަނޑަށް ވިސްނުނުގޮތް ދިމާވިއެވެ. އަމާނީ އިނީ ބަގީޗާގައި ދޫނިތަކާ އެކު ކުޅޭށެވެ. އަޅުގަނޑަށް ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަމާނީގެ ހިތްވަނީ އުފަލުން ފުރިފައެވެ. ދޫނިތަކަށް ޚާއްޞަކޮށް ގަނެފައިހުރި އޮށާއި އެހެންތަކެތި އޭނާގެ އަތުގައި ހުއްޓެވެ. ފަހަރަކު ދޫންޏަކަށް ކާންދީ އޭނާގެ ހިތް އުފާކުރަމުން ގެންދެއެވެ. އެދޫނިތަކަށްވެސް ޢީދެއްއައިސްފައި އޮތް ފަދައެވެ. އެއީ އެކިރާގަށް އަޑުލެއްވުމަށް ޚާއްޞަ ވަކިބާވަތެއްގެ ދޫންޏެކެވެ. މުޅި ބަގީޗާވަނީ އެކި ރާގުތަކުން އިއްވޭ ދޫނިތަކުގެ އަޑުން އެއްއަޑު ވެފައެވެ. ބަގީޗާއަށްވެސްވަނީ އިތުރު ދިރުމެއްލިބިފައެވެ. އުފާވެރިކަމާއި މިނިވަންކަމާއެކު ، ދޫނިތައް އެއެއްޗެއްގެ އަޑުން ތަން ފަޅުފިލުވާލާފައި އޮތެވެ.
އަޅުގަނޑު ، ހަމަހިމޭންކަމުގެ ފުން ނޭވާއެއްލީމެވެ. އަދި ހިތަށް ހަމަޖެހުން ގެނެސް މިފެންނަ މަންޒަރުން އުފާވެރިކަމެއް އިޙްސާސް ކޮށްލެވޭތޯ ބެލީމެވެ. ހަމަ ގައިމުވެސް ، އެދޫނިތައް މިހާރު އެތިބީ މިނިވަންކަންމަތީގައެވެ. އެއީ އަޅުގަނޑަށް ލިބުނު ކާމިޔާބީ އެކެވެ. ކަރީމުގެ އެހީތެރިކަމާއެކުގައެވެ. މިކަން ޙާޞިލްކުރުމުގައި ކަރީމުގެ ޙިއްޞާ އާއި އެހީތެރިކަން ވަރަށް ބޮޑެވެ. އެއީ ، އަމާނީ ދެކެ ކަރީމްވާ ލޯބީގެ ރީތި މިސާލެކެވެ. އަދި އަޅުގަނޑުގެ ހިތްހަމަޖައްސައިދީ ، އަޅުގަނޑުމެންނާ އަޅާލުމަށް ކަރީމްދޭ ސަމާލުކަމުގެ ހެއްކެކެވެ. އަޅުގަނޑުމެންނަށްޓަކައި ކޮންމެފަދަކަމެއްވެސް ކަރީމް ކޮށްފާނެއެވެ. ކަރީމަކީ ، ސުޢޫދީ އެހެން ފިރިންނާ ތަފާތު މީހެކެވެ.
އެހެންނަމަވެސް ، އަޅުގަނޑުގެ ސިކުނޑީގެ އެއްކަނެއްގައި އެއަންހެންކުދިން އަދިވެސް އެބައޮތެވެ. އަމާނީގެ އުފާވެރިކަން ގެނެސްދެވިއްޖެއެވެ. އެހެންނަމަވެސް ، މަހާގެ ހިތަށް ތަސައްލީއެއް ލިބޭނެމަގެއް ފެންނާކަށް ނެތެވެ. އެކުދިން އަދިވެސް އެތިބީ ، މިނިވަންކަމެއްނެތި ބަންދު ކުރެވިފައެވެ. އެތާ އެކުދިންތިބޭ ކޮންމެ ދުވަހަކީ ، އެކުދިންނަށް ލާއިންސާނީގޮތެއްގައި ، ޝަހުވަތުގެ ޢަމަލުތައް ތަކުރާރު ވެދާ ދުވަހެކެވެ. އަނިޔާޥެރި ގޮތުގައެވެ.
ކަރީމުގެޔަށް އައިއިރު ، އަޅުގަނޑު އިނީ ސިޓިންގރޫމުގައި ، އެކުޑަކުޑަ މުސްކުޅި ބަބުރު ، ޢުމަރާ ވާހަކަ ދައްކާށެވެ. އަޅުގަނޑުމެން ފެނިފައި ކަރީމަށް ލިބުނު ޝޮކް އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އޭނާގެ ލޮލުން އެފައުޅުވި ޙައިރާންކަމަކީ ، ޢާންމުގޮތެއްގައި އޭނާގެ ލޮލުން ފެންނާނެ ކަމެއްނޫނެވެ. އެދުވަހު އެ ހިނގައިދިޔަ ކަންތައްގަނޑުގެ އެއްވެސްކަމެއް ކަރީކަމަށް އަދި ނޭނގޭނެއެވެ. އަދި ، އަޅުގަނޑުމެންގެ ޢާއިލާގެ ޚާދިމުންގެ ތެރެޔަށް ، އެ ކަޅު ޚުންސާ އިތުރުވީކަމެއްވެސް ، ކަރީމަކަށް އަދި ނޭނގޭނެއެވެ. އަޅުގަނޑުމެން ދެމައިންގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ.
(ނުނިމޭ)
Haadha reethi vv.ibraiytheri vaahakaeh