މުދަލުގެ ޒަކާތެކޭ އެއްފަދައިން، ފިޠުރު ޒަކާތަކީ، އިސްލާމްދީނުގައި ލައްވާފައިވާ އިޖުތިމާޢީ ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަރަށް މުހިއްމު އަޅުކަމެކެވެ. ފިޠުރު ޒަކާތްދިނުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، ރަމަޟާންމަހުގެ ރޯދަހިފުމާ ވިދިގެން، އިސްލާމީ އުއްމަތް ޢީދުގެ އުފަލުގައި ބައިވެރިވާހިނދު، މުޖުތަމަޢުގެ އެއްބައިކަމަށްވާ މިސްކީނުން އެ އުފަލުން މަޙުރޫމުވުމުން ސަލާމަތްކޮށް ދެއްވުމެވެ. ހަމައެއާއެކު އެއީ، ރޯދައަށް ހުރުމުގައި، ރޯދަވެރިޔާއަށް ކުރެވިފައިވާ ކުދިކުދި ކުށްތަކުގެ ކައްފާރާއެއްގެގޮތުގައި ދިނުމަށް ރަސޫލު اللَّهِ صلى الله عليه وسلم ފަރުޟު ކުރައްވާފައިވާ ޒަކާތެކެވެ.
عَنْ ابْنِ عَبَّاسٍ رَضِىَ اللَّهُ عَنْهُمَا: قَالَ: “فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، فَمَنْ أَدَّاهَا قَبْلَ الصَّلَاةِ، فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ، فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ.” (رَوَاهُ أَبُودَاوُدُ، وَابْنُ مَاجَه)
މާނައީ: [އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު اللَّهِގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ފިޠުރުޒަކާތް ފަރުޟުކުރެއްވީ، ރޯދަވެރިޔާއަށް ބުނެވޭ ހަޑިހުތުރު ބަސްތަކާއި، ކުރެވޭ ވިޔާނުވާ ކަންކަމުގެ ކައްފާރާއެއްގެ ގޮތުންނާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެގޮތުގައެވެ. ފަހެ، ފިޠުރުޢީދު ނަމާދުގެކުރިން އެ ޒަކާތް އަދާކޮށްފި މީހާގެކިބައިން އެއީ ޒަކާތުގެގޮތުގައި ޤަބޫލުވެވިގެންވެއެވެ. އަދި ޢީދުނަމާދަށްފަހު، އެ ޒަކާތްނެރިފިނަމަ އެއީ ޢާއްމު ޞަދަޤާތުގެތެރެއިންވާ ޞަދަޤާތެކެވެ.] (މިއީ ރަނގަޅު ސަނަދަކުން އަބޫދާވުދާއި އިބްނުމާޖާ ރިވާކުރެއްވި ޙަދީޘެކެވެ.)
عَنِ ابْنِ عُمَرَ رَضِىَ اللَّهُ عَنْهُمَا: “أَنَّ رَسُولَ اللهِ صلى الله عليه وسلم فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى النَّاسِ، صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ، عَلَى كُلِّ حُرٍّ أَوْ عَبْدٍ، ذَكَرٍ أَوْ أُنْثَى، مِنَ الْمُسْلِمِينَ.” (رَوَاهُ الْبُخَارِىُّ،وَمُسْلِمٌ وَاللَّفْظُ لَهُ)
މާނައީ: [އެ ދެބަފައިކަލުންނަށް اللَّهُ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދު اللَّهِގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަމަޟާންމަހު ފިޠުރުޒަކާތްދިނުން މީސްތަކުންކުރެ މުސްލިމުންގެތެރެއިން ކޮންމެ މިނިވަނަކާއި ކޮންމެ އަޅުމީހެއް، ކޮންމެ ފިރިހެނަކާއި ކޮންމެ އަންހެނެއްގެ މައްޗަށް ރަސޫލު اللَّهِ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ. އެއީ ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަގޮދަނުން ޞާޢެއްގެ މިންވަރެވެ.] (މިއީ އަލްބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީޘެކެވެ. މިތާނގައިމިވަނީ މުސްލިމުގައިވާ ޢިބާރާތެވެ.)
ފިޠުރު ޒަކާތް ނެރުމުގެ މުހިއްމުކަން އަންނަނިވި ނަބަވީ ބަސްފުޅުން ދޭހަވެއެވެ. قَالَ رَسُولُ اللهِ صلى الله عليه وسلم {صَوْمُ شَهْرِ رَمَضَانَ مُعَلّقٌ بَيَن السَّمَاِء وَالْأَرْضِ، وَلَا يُرْفَعُ إِلَّا بِزَكَاةِ الْفِطْرِ.} (رَوَاهُ ابْنُ شَاهِينُ بِسَنَدٍ فِيهِ ضَعْفٌ) މާނައީ: ރަސޫލު اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. {ރަމަޟާންމަހުގެ ރޯދަ ވާހުށީ އުޑާއި ބިމާދެމެދު އެލުވިގެންނެވެ. ފިޠުރު ޒަކާތްދެއްކުމުން މެނުވީ އެ (ރޯދަ اللَّهُގެ ޙަޟުރަތަށް) ނުއުފުއްލެވޭހުއްޓެވެ.} (މިއީ ބަލިސަނަދަކުން އިބްނުޝާހީނު ރިވާކުރެއްވި ޙަދީޘެކެވެ.)
ފިޠުރުޒަކާތުގެގޮތުގައި ނެރެންޖެހެނީ، ރަމަޟާންމަހުގެ ދުވަސްތަކުގައި އެ ބަޔަކު ޢާއްމުކޮށް ކެއުމަށް ބޭނުންކޮށްއުޅުނު ގޮވާމުގެ އޮށްޓަރުގެ ބާވާތުން ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.035 ކިލޯއެވެ.
މޮޅުއިތުރުވެގެންވަނީ ޢީދުދުވަހު ޢީދުނަމާދުގެކުރިން ޒަކާތްނެރުމެވެ.
އަލްއިމާމު މާލިކާއި، އަލްއިމާމު އަޙްމަދާއި، ޙަނަފީމަޛުހަބުގެ ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި، ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަހުގެކުރިން ޒަކާތްނެރުން އިތުރުވެގެންވެއެވެ.
އަލްއިމާމުއްޝާފިޢީ ރަޙިމަހުاللَّهُ ދެކެވަޑައިގަންނަވާގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުންފެށިގެން ޒަކާތްނެރުން ހުއްދަވާނެއެވެ.
ޝައްކެއްނެތެވެ. އިސްލާމްދީނަކީ ޤިޔާމަތާހަމައަށް ދެމިއޮންނަނިވި ދީނެއްކަމުގައި اللَّهُ ލައްވާފައިވާ ދީނެކެވެ. ކުރިއާ ޚިލާފަށް މިޒަމާނުގައި މީހުންގެ އަދަދު އިތުރުވެފައިވުމާއެކު، ފިޠުރުޒަކާތް ނެރުމާއި، ޒަކާތްޙައްޤުވާ ފަރާތްތަކަށް އެތަކެތި ބެހުންފަދަ ކަންކަމުގައި އިސްލާމްދީނުގައިވާ ތަނަވަސްކަމަށް ނުބަލައި، މޮޅުއިތުރުވެގެންވާގޮތަކީ ޢީދުދުވަހު ޢީދުނަމާދުގެ ކުރިން ޒަކާތް ނެރުންކަމަށްބުނެ، ހަމައެކަނި އަކުރުގައި ހިފަންވެއްޖެނަމަ، ހީވެސް ނުކުރެވޭފަދަ ދަތި އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމާއެކު ރަމަޟާންމަހުގެ ފުރަތަމަ ދުވަހުންފެށިގެން ފިޠުރުޒަކާތް ނެރުން ހުއްދަވާނެކަމަށް އަލްއިމާމުއްޝާފިޢީ ދެކެވަޑައިގެންގޮތަށް ޢަމަލުކުރުން ފަސޭހަވެފައި ތަނަވަސްކަންބޮޑެވެ.
އިސްލާމްދީނުގެ މައިގަނޑު އަސާސެއްކަމުގައި މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދިނުން ލައްވާފައިވެއެވެ. عَنْ أَبِى مُوسَى، قَالَ: بَعَثَنِي رَسُولُ اللهِ صلى الله عليه وسلم وَمُعَاذًا إِلَى الْيَمَنِ، فَقَالَ: {ادْعُوَا النَّاسَ، وَبَشِّرَا وَلَا تُنَفِّرَا، وَيَسِّرَا وَلَا تُعَسِّرَا.} (رَوَاهُ مُسْلِمٌ) މާނައީ: އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫމޫސާގެފާނު ވިދާޅުވިއެވެ. ތިމަންނާއާ މުޢާޛުގެފާނާ ދެކަލުން ޔަމަނުކަރައަށް ރަސޫލު اللَّهِ صلى الله عليه وسلم ފޮނުއްވިހިނދު ޙަދީޘްކުރައްވާފައިވެއެވެ. {ތިޔައިގެ ދެ ބޭކަލުން މީސްތަކުންނަށް ދީނަށް ގޮވައިލާއްވާށެވެ! މީސްތަކުންނަށް އުފާވެރި ޚަބަރުދެއްވާށެވެ! މީސްތަކުން ފޫހި ނުކުރުވާށެވެ! މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދެއްވާށެވެ! ކަންކަން އުނދަގޫ ނުކުރައްވާށެވެ!}
ކަންމިހެން ހުރުމާއެކު މިއަދު ގިނަ އިސްލާމީ ޤައުމުތަކުގައި ޢަމަލުކުރެވެމުންދާގޮތަކީ، އަލްއިމާމުއްޝާފިޢީ ރަޙިމަހުاللَّهُ ވިދާޅުވެފައިވާފަދައިން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުންފެށިގެން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިދީ ރައްޔިތުންނަށް ފަސޭހައިން އެކަން ކުރެވޭނެމަގު ތަނަވަސްކޮށްދިނުމެވެ.
ނިންމައިލުމުގެކުރިން ވަރަށް މުހިއްމު ނުކުތާއެއް ބަޔާންކޮށްލާހިތްވެއެވެ. އާދެ! މުދަލުގެ ޒަކާތަކީ ކީރިތި ޤުރްއާނުގައި އޭގެ ޙައްޤުވެރިންކަމަށް اللَّهُ ކަނޑައަޅުއްވާފައިވާ އަށް ބާވަތުގެ މީހުންނަށް ޙައްޤުވާ ޒަކާތެކެވެ. ހަމައެފަދައިން ފިޠުރު ޒަކާތަކީ މުސްލިމުންގެ ތެރެއިންވާ މިސްކީނުންނަށް ޙައްޤުވާ ޒަކާތެކެވެ.
ޝަރްޢީ އިޞްތިލާޙުގައި ނުވަތަ ޝަރްޢީގޮތުން މިސްކީނުންނޭ ބުނެވެނީ، އެ މީހެއްގެ އަމިއްލަ ނަފުސަށް އިޙްތިރާމުކޮށް، މީސްތަކުންނަށް އާދޭސްކޮށް ސަލާންޖަހައި ކަމުކިޔައި ނޫޅޭތީ، އޭނާއަކީ ފުދުންތެރިއަކު ކަމަށް މީސްތަކުންދެކޭ، އެކަމަކު ޙަޤީޤަތުގައި ފަޤީރު ނިކަމެތި ދިރިއުޅުމަށް ފަދައެއް ނެތިފައިވާ މީހާއެވެ. މި ތަޢާރުފުން ފިޠުރު ޒަކާތްނެގުން ޙައްޤުވާނީ ކޮން ބަޔަކަށްކަން އެނގެއެވެ. ނަމަވެސް މި ޒަމާނުގައި ވާގޮތަކީ، ފައިސާފޮއްޗެއް ލިބެންއޮތިއްޔާ ކޮންމެ ގޮތަކުންވެސް އެ އެއްޗެއް ލިބިގަތުމަށް މަސައްކަތް ކުރުމެވެ. އެއީ ތިމާއަށް ޙަލާލު އެއްޗެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯ ބެލުމަކީ ކުރަންޖެހޭ ކަމެއްކަމަށް ނުދުށުމެވެ.
ގިނަފަހަރަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީވާ މީހުންގެ ޢާއްމު ޙާލަތު ރަނގަޅަށް އޮޅުންފިލުވައި ބަލައިފިނަމަ، އެއިން ކޮންމެ މީހެއްގެއަތުގައި އެންމެ މިހާރުގެ ފޯނެއް، ގޭގައި އައިސްއަލަމާރިއާއި، ދޮންނަމެޝިނު، ޓީ.ވީ. އާއި އެހެންވެސް މިޒަމާނުގެ ދިރިއުޅުން އެއާނުލައި ފުރިހަމަނުވާ ކިތަންމެ ފަސޭހަތަކެއް ހުންނާނެއެވެ. ނަތީޖާއަކަށްވަނީ، ފިޠުރު ޒަކާތަށް ނެރެވޭ ފައިސާއާއި ތަކެތި، އޭގެ ޙައްޤުވެރިންކަމަށްވާ މިސްކީނުންނަށް ފުރިހަމައަށް ނުލިބުމެވެ. ޙައްޤުނުވާ އެތައްބަޔަކު ގަދަކަމުން ޒަކާތް ލިބިގަތުމެވެ.
މިއީ، ރާއްޖޭގައި ވެސް މެދުވެރިވެފައިވާ، އަދި މިހާރު ވެސް މެދުވެރިވާ ކަމެކެވެ. ބައެއް ރަށްރަށުގައި ރަށުގެ މުޅި އާބާދީ އެކުގައިހެން ފަޤީރުންގެ ލިސްޓްގައި ނޯޓްކުރުންފަދަ ކަންކަން ކުރީގެ ދުވަސްތަކުގައި ހިނގާފައިވެއެވެ. ރަށުގެމުޅި އާބާދީ އެކުގައި ފަޤީރުންގެ ލިސްޓްގައި ނޯޓްކުރަންޖެހުނީ ކީއްވެތޯ އޮޅުންފިލުވާއިރު، އެހެން އެކަން ނުވެއްޖެނަމަ، ރަށުގެ ރައްޔިތުން އެންމެން ބައިވެރިވާ ރައްޔިތު މަސައްކަތަށް ވެރިކަމުގެފަރާތުން ގޮވައިލާހިނދު، ފަޤީރުންގެ ލިސްޓްގައި ނަންނޯޓުކުރުވައިގެން ބޮލަކަށްޖެހޭ ފަންސާހަކަށް، ފަސްދޮޅަހަކަށް ރުފިޔާ ނުލިބޭ މީހުން، ރައްޔިތުމަސައްކަތަށް ނުކުތުމަށް ދެކޮޅުހަދާތީ އެކަން އެގޮތަށް ކުރަންޖެހެނީކަމަށް ވެސް ބައެއް ރަށްރަށުގެ ވެރިން ޖަވާބުދެއްވާފައި ހުރިތަން ފެނިފައިވެއެވެ. ނަތީޖާއެއްގެގޮތުން މިފަދަ ބައެއް މައްސަލަ ތަޙުޤީޤުކުރެވި، ޝަރީޢަތަށްވެސް ފޮނުވިފައިވެއެވެ.
މުޖުތަމަޢުގައި ދިރިއުޅޭ ފަޤީރުން ދެނެގަތުމަށްޓަކައި ޢަމަލުކުރާނެ ހަރުދަނާ އިންސާފުވެރި އުސޫލެއް އެކަށައެޅިފައި ނުވުމުގެ ނަތީޖާއަކަށްވަނީ، އެއް ބަޔަކު ފަޤީރުންގެ ގޮތުގައި އެތައް އަހަރެއްވަންދެން ލިސްޓްކުރެވި، ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތުގެ ފަޤީރުންނާއި މިސްކީނުންގެ ބައިންވެސް ލިބެމުން ދިޔުމެވެ. ޝައްކެއްނެތެވެ! اللَّهُ އަށް ބިތުވެތިވާ ތެދުވެރި ކޮންމެ މުސްލިމަކު މިފަދަ ނުރަނގަޅު ކަންކަމުން ދުރުވެ، ތިމާއަށް ޙައްޤުނޫން އެއްޗެއް ތިމާއާއި ތިމާގެ ދަރިންގެ އަރުތެރެއަށް އެތެރެވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.
ޙަޤީޤަތަކީ، ދިރިއުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން ކުރީ އަހަރު މިސްކީނެއްކަމުގައިވެ، ފަޤީރުންގެ ލިސްޓްގައި ނަން ނޯޓްކޮށްފައިވާ މީހަކު ޖެހިގެންއަންނަ އަހަރު ފަޤީރެއްކަމުގައި ނުވެވެސް ހިނގައިދާނެއެވެ. އަދި ހުސްވިއަހަރު ފަޤީރެއްކަމުގައި ނުވާ މީހަކު ވެސް އޭނާގެ ދިރިއުޅުމަށް އައި އަޑިގަނޑެއްގެ ސަބަބުން އަންނައަހަރު ފަޤީރެއްކަމަށް ވެދާނެއެވެ.
މީގެ މިސާލަކީ، ފަޤީރު މިސްކީނު މީހާއަށް ނުވަތަ އޭނާގެ ދަރިއަކަށް ލިބުނު ޕިޔޯނުކަމެއް ނުވަތަ މަސައްކަތު މީހެއްފަދަ ކުޑަނަމަވެސް ވަޒީފާއެއްގެ ސަބަބުން، ކުރީގެ ދިރިއުޅުން ބަދަލުވެ ފަޤީރުންގެ ލިސްޓްގައި ނަންނޯޓްކުރަން ނުޖެހޭފަދަ މީހަކު ކަމަށް ވުމެވެ. ހަމަ އެފަދައިން ފައިބެއަހަރު އެކަށީގެންވާ ތަނަވަސް ދިރިއުޅުމެއް އުޅެމުންއައި އޮޑިވެރިޔާގެ ދޯނި އަނދައިގެން ދިޔުންފަދަ ކަމެއް މެދުވެރިވާހިނދު، އޭނާގެ އަތުގައި ފަހަށް ރައްކާކޮށްފައި ވެސް އެއްޗެއް ނެތުމުން މުޅި ދިރިއުޅުން ބަނގުރޫޓުވެ ފަޤީރެއްކަމަށް ބަދަލުވެގެންދާ މީހާއެވެ.
ވީމާ، ފަޤީރުން ދެނެގަތުމާއި ގިންތިކުރުމުގައި ހަރުދަނާ އުސޫލެއް އެކަށައަޅައި، އަހަރުން އަހަރަށް އެކަން ދެނެގަނެވޭނެ ނިޒާމެއް އޮތުމަކީ ވެސް ޙައްޤުނޫން ފަރާތްތަކަށް ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތުން ލިބުން ހުއްޓުވުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.