އަމީރާ ސުލްޠާނާގެ ނާރެސް - 17

(17 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ސާރާ ކޮޅަށް ތެދުވިއެވެ. އަދި މުނީރާއާ މުޚާތަބުކުރިއެވެ.

"މުނީރާ! ދަރިފުޅު ހާދަބަލިހެން ހީވެއެވެ. އާދޭ ދަރިފުޅާ! މިތާ އިށީންނަން އާދޭ!" މުނީރާ ހާދީއާ ދިމާއަށް ބަލައިލާ ، އޭނާގެ ހުއްދައަކަށް އެދޭގޮތަކަށް ހިމޭންވެލިއެވެ. މިހާރުވެސް ، ދިރިދުނިޔޭގައި ހުރުމުގެ އުއްމީދުވަނީ މުނީރާގެ ހަށިގަނޑާ ވަކިވެފައެވެ. ހާދީ އޭނާގެ ބޯ މަޑުމަޑުން ހޫރައިލިއެވެ. އަދި ނޫނެކޭ ބުނާގޮތަށް ދޫ ޙަރަކާތެރިކޮށްލަމުން މުނީރާއާ ދިމާއަށް ނުރުހުމުގެ ލޮލަކުން ބަލައިލިއެވެ. މުނީރާ ، ކިޔަމަންތެރިކަމާއެކު އޭނާގެ ފިރިމީހާގެ ކޮޅަށް ޖެހުނެވެ. އެވަގުތު ހާދީ އޭނާގެ އިނގިލި ހިއްލައިލައި ، އަމުރުވެރި ފާޑަކަށް މުނީރާއާ ދިމާއަށް ބުނެލިއެވެ.

"ކޮފީ"

އެރަސްމިއްޔާތުގައި ، ގަނޑުވަރުގައި ގެންގުޅޭހާ ނޯކަރުން އަޅުގަނޑުމެންގެ ޚިދުމަތުގައި ތައްޔާރަށް ތިއްބެވެ. އެކަމަކު ހާދީ ބޭނުންވީ ، އަޅުގަނޑުމެންގެ އަމިއްލަ ޚާދިމުންނަކީ އޭނާއަށް ޚިދުމަތްކުރަން ކުފޫހަމަވާބައެއްނޫންކަން އަޅުގަނޑުމެންނަށް ދައްކައިލުމަށެވެ. ނުވަތަ ، މުނީރާ އެހުރީ ހާދީގެ މުށުތެރޭގައި ތާށިވެފައިކަން އެންމެންނަށް އަންގައިލުމަށެވެ. އަދި މުނީރާގެ އަމިއްލަ ޢާއިލާގެ ކުރިމަތީގައި ، މުނީރާއަކީ އެއްވެސް މީހެއްނޫންކަމާއި ޚާދިމުންނަށްވުރެ ދަށުދަރަޖައިގެ މީހެއްކަން އަންގައިދިނުމެވެ. މުނީރާގެ މޫނުމަތި ލަދުވެތިކަމުން ރަތްވެގެންދިޔައެވެ. އަދި މޭޒުގެވަށައިގެން ބަލައިލިއެވެ.

"މުނީރާ!" ހާދީ ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ އެހުތުރު މޫނުމަތިން ރުޅިވެރިކަން ފައުޅުވިއެވެ.

މުނީރާ ކުއްލިޔަކަށް ތެދުވެ ، ބަދިގެޔާ ދިމާއަށް ދުއްވައިގަތެވެ. އަދި ކޮފީފުޅިއެއްފެނޭތޯ މަސައްކަތް ފެށިއެވެ. ހާދީ ، އޭނާބޭނުންވިގޮތް ފުރިހަމަކޮށްފިކަމުގެ ނިޝާން މުޅިޢާއިލާއަށް ދިނެވެ. އެއަށްފަހު މުނީރާގެ ޢާއިލާއަށް ބަލައިލިއެވެ. އަދި ފަޚުރުވެރި ހިނިތުންވުމަކާއެކު ބޮޑާކަމުގެ އިޝާރާތުން މުޅި ޢާއިލާ ލަދުގަންނަވައިލިއެވެ. ހާދީގެ މޫނުމަތިން އެފައުޅުވި ، ޙީލަތްތެރި ނިޝާންތައް ، ތަޙައްމަލްކުރަން އަޅުގަނޑުމެންނަށް އުނދަގޫވިއެވެ.

ސާރާ ކޮޅަށް ތެދުވިއެވެ. އަދި މުޅި މޭޒަށް ބަލައިލިއެވެ. ނޫރާ ހޯދިއެވެ. އަދި އެއަށްފަހު ހާދީއާ ދިމާއަށް ބަލައިލިއެވެ. މުނީރާއާމެދު ، މުނީރާގެ ޢައިލާގެ އެންމެންކުރިމަތީ ، ކަނޑައެޅިގެން ގޮތްދައްކަން ، ހާދީ ކަންތައް އެކުރިގޮތާމެދު އެންމެންވެސްތިބީ ހިތްނުތަނަވަސްވެފައެވެ. ހާދީ އިންދާ ބުނެވޭނީވެސް ކީކޭ ހެއްޔެވެ. ފަޟީލާގެ ހުރިހައި އަންހެންދަރިންނަށް ލިބުނު ފިރިންނަކީ ، އިޙްތިރާމް ލިބިގެންވާ ބަޔެކެވެ. ޢާއިލާގެ ލޯތްބާއި އަޅައިލުން އެއެންމެންނަށްވެސް ލިބެއެވެ. ހަމައެކަނި ރީމާ ފިޔަވައެވެ. އެކަމަކު ، ރީމާގެ ފިރިމީހާވެސް ، ރީމާގެ ޢާއިލާގެ މީހަކު ހުއްޓައި ހާދީ އެކުރިފަދަކަމެއް ނުކުރާނެއެވެ. ސަލީމަކީ ކިތަންމެ ނުބަޔަސް ، ހާދީފަދަ ލަދުޙަޔާތްކުޑަ މީހެއްނޫނެވެ.

ހާދީއަށް ކޮފީހަދައިގެން ، ބަދިގެއިން ނުކުމެގެން މުނީރާ އައިއިރު ޢަލީވެސް އެތަނަށް އައިއްސިއެވެ. އަޅުގަނޑުގެ ބޭބެޔަކީ ، އަބަދުވެސް އަޅުގަނޑުގެ މައްޗަށް ބަސްކިޔައި އަޅުގަނޑު ބަލިކޮށްލަން ބޭނުންވާ މީހެކެވެ. އައިގޮތަށްއައިސް ، އެބިޔަ ހަށިގަނޑު  ހާދީ އާޖެހިގެން އިށީނުމަށް ތިރިކޮށްލިއެވެ. އަދި ހާދީއާ ވާހަކަދައްކަން ފަށައިފިއެވެ. ހަނީމޫނަށްގޮސް " ބިޒީ " ކަމުން ، މަޣުރިބުގެ ރީތި އަންހެންކުދިންގެ ގޮތްބަލައިލާނެ ވަގުތެއްވެސް ނުލިބުނުދޯ އޭ ބުންޏެވެ. ބައްޕަގެ އެ ލަދުޙަޔާތްކުޑަ ބަހުރުވައިގެ ސަބަބުން ، މުނިރާ ލަދުވެތިކަމާއެކު އިސްޖެހިއެވެ. އަދި މުޅި މޫނު ރަތްވެގެންދިޔައެވެ. މުނީރާ އެއިނީ އިސްއުފުލައިލަންވެސް ނުކެރިފައެވެ. އަޅުގަނޑަށް އިނދެވެނީކީ ނޫނެވެ. މުނީރާއަކީ ލަދުރަކި ކުއްޖެއްކަމާއި އެކަނި އުޅެން އިޚްތިޔާރު ކޮށްފައިވާ ކުއްޖެއްކަން ޢަލީއަށް ނޭނގެނީ ހެއްޔެވެ ؟ އަޅުގަނޑުގެ ބޭބެޔަކީ ، ކައްޓާއިމަހާ އެކުވެ ފުރާނައެޅިގެން ދުނިޔޭގައި ހުންނަން ހެޔޮވާވަރުގެ މީހެއްނޫނެވެ. ސިކުނޑި ސުމަކަށްގޮސް ، އަޅުގަނޑު ދެފައިމައްޗަށް ކޮޅަށް ތެދުވީމެވެ. ސިކުނޑީގައި އެނބުރެނީ ރުޅިވެރިކަމެވެ. ފަޔާއި ހަށިގަނޑު ތުރުތުރު އަޅައެވެ. ފަށާނީ ކޮންހިސާބަކުންކަން ނޭނގި އަޅުގަނޑުހުރީ ބަސްހުއްޓިފައެވެ. އަރައިގެންފައިހުރި ރުޅިން ، އަލިފާން އުފެދި ހުޅުރޯވާނެނަމަ ، ޢަލީގެ ގައިގާ އަލިފާން ރޯވާވަރަށް ރުޅިވެރިކަމާއެކު ޢަލީއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ކަރީމް އިނީ އަޅުގަނޑާދިމާއަށް ބަލަހައްޓައިގެންނެވެ. އަޅުގަނޑުގެ ރުޅިގަނޑު މައިތިރިނުކުރެވޭވަރަށް ، މައްޗަށްހިނގައްޖެކަން ކަރީމަށް އެނގުނެވެ. އަދި ކުއްލިޔަކަށް ތެދުވެގެން އަޅުގަނޑުގާތަށް އައެވެ. އޭނާގެ އަތުން އަޅުގަނޑު އޭނާއާ ގާތްކޮށްލިއެވެ. އަދި ގަދަކަމުން ދަމާލާފައި އެބޮޑު ކޮޓަރީގެ އެއްކަނަކަށް ގެންދިޔައެވެ. ސާރާ އާއި ނޫރާވެސް އަޅުގަނޑު ހުރިތަނަށް ކުއްލިޔަކަށް އަތުވެއްޖެއެވެ. ޢަލީ އިނީ އޭނާ އެބުނިބަސްތަކުން އަޅުގަނޑުމެން ލަދުގަންނަވައިލެވިއްޖެކަމުގެ މަޖަލާއި ހިތްހަމަޖެހުމުގައި ހާދީގެ ބޮލަށް ސަވާރުވެގެންނެވެ. ހާދީ އައިގޮތަށްއައިސް އަޅުގަނޑުމެން އެންމެންކުރިމަތީ މުނީރާ ލަދުގަންނުވައިލައިފިއެވެ. އިރުކޮޅަކުން ޢަލީއައިސް އަނެއްކާ އެފަކީރު އެއަށްވުރެބޮޑަށް ލަދުގަންނުވައިލައިފިއެވެ. ބަފަޔަކު ދައްކަންނުވާ ކަހަލަ ލަދު ވާހަކަތަކެއް ދައްކައިގެންނެވެ. މިއީ އަޅެފަހެ ، ލަދުޙަޔާތް އަރުއްވައިގެންފައިތިބި ދެމީހުން ހެއްޔެވެ ؟ ޢަލީ އެބުނި ކޮންމެ ބަހަކުން ، އޭނާގެ ދަރިފުޅު މުނީރާ ލަދުންގޮސް ހަލާކުވާނެކަން ޢަލީއަށްވުރެ ބޮޑަށް އެނގޭނެ އެހެންމީހަކު އެތާކު ނުހުންނާނެއެވެ. ޢަލީގެ އެބަސްތަކުން ލަދުގަނެ ، ހިތަށް އުނދަގޫވާނީ ޚުދު އޭނާގެ އަމިއްލަ ދަރިފުޅުކަން ޢަލީއަށް އެނގޭނެއެވެ. ޢަލީގެ ނަޒަރުގައި އަންހެނުންނަކީ ، ފިރިހެނުންގެ ޙައްޤެކެވެ. އަގެއްނެތް އަޅުންނެވެ. އެއީ އޭނާ ކުޑައިރު ކިޔަވަން އުޅުނުއިރުވެސް ވިސްނުން ގެންގުޅުނު ގޮތެވެ. ތައްމާމަކީ ، އޭނާ ބޭރުގައި ކިޔަވަން އުޅުނުއިރު ، ޗުއްޓީގައި ރަށަށް އައިސް ބޭނުންކޮށްލަން ހަށިހުއްދަ ކުރުމަށް އިން އަންހެނެކެވެ. މުނީރާއަކީ ތައްމާމުގެ އެންމެ ހަގު އަންހެންދަރިފުޅެވެ. ޢަލީ ކިޔަވައި ނިމިގެން ރަށަށްއައިސް މާގިނަދުވަހެއްނުވެ 4 އަނބިން ހަމަކޮށްފިއެވެ. ޢަލީގެ އެންމެ ހަގުދަރިފުޅު މުނީރާ ދެވައިގެން މިހާރު އެއުޅެނީ ޢަލީއާ އެއްޢުމުރުގެ މުސްކުޅިއަކާއެވެ.

ކަރީމާ އަދި ދައްތަމެން ބުނިބުނުމުގެ މައްޗަށް އަޅުގަނޑު އެތަނުން ދިޔައިމެވެ. އެމީހުން ބޭނުންވީ ، އަޅުގަނޑު ސާރާގެ އެޕާރޓްމަންޓަށްގޮސް ، އިރުކޮޅަކު އަރާމުކޮށްލުމަށެވެ. އަދި ފަހުން މީހުން މަދުވީމަ ރަނގަޅަށް ރޯދަވީއްލަން އައުމަށެވެ. ޢަލީއާއި އަޅުގަނޑާ ދެމީހުންގެ ދެބަސްވުންތައް ޢާއިލާގެ އެންމެންނަށްވެސް އޮންނާނީ ތަޖުރިބާ ކުރެވިފައެވެ. އަދި މިއަދުގެ ރޯދަވީއްލުން ، ޚަރާބުވެ ބޮޑުހަމަނުޖެހުމަކަށް ބަދަލުވާކަށް އެމީހުން ބޭނުމެއްނުވާނެއެވެ. އަސަދާއި ސާރާގާތު ، ހާދީއާއި ޢަލީ މިގެއިން ނުކުމެގެންދާން އަމުރުކުރުމަށް އެދެން އަޅުގަނޑުގެ ހިތަށް އެރިއެވެ. މިއީ އަސަދާއި ސާރާ ދިރިއުޅޭ ގަނޑުވަރެވެ.

"އަހަރެމެން މިތިބީ ސާރާމެންގެ ގޭގައެވެ. ސާރާމެންނަށް ފެންންގޮތަކަށް ހަދާށެވެ!" ނޫރާ ދެފަހަރަކަށް ސާރާއަށް ކަޅިއަޅައިލަމުން ބުނެލިއެވެ.

"އަހަރެމެން އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭނީ މުނީރާއަށެވެ. ބަދަލު ހިފުމަށްޓަކައި ހާދީ ރުޅިއަންނާނެގޮތަކަށް ކުރާކޮންމެކަމެއް ގޮސްޖެހޭނީ މުނީރާގެ ގައިގައެވެ." ސާރާ ނަޞޭޙަތުގެ ރާގެއްގައި ބުނެލިއެވެ.

"އޭގައިއޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ މިހާރު މުނީރާ އެހުންނަނީ އަނިޔާއެއް ނުލިބި ހެއްޔެވެ؟ ހާދީއަކީ އަންހެނުންނަށް އިހާނެތިކޮށް ހިތާ އަނިޔާއެއްދެވެންއޮތިއްޔާ އެކަމެއްކޮށް ، ވަޙުޝީ ނުބައިސިފަތަކުން ސިފަހުތުރުވެފައިހުރި ޝައިޠާނެކެވެ. ހާދީއަށް އަހަރެމެން ރައްދުދިނުމުން ، އެންމެދެރަވެގެން އެއީ އޭނާގެ އަންހެނުންގެ ޢާއިލާ ބަލައިނުގަންނަކަމެއްކަން އޭނާއަށް އެނގޭނެ ނޫންހެއްޔެވެ؟" އަޅުގަނޑަށް ބާރަށް ބުނެވުނެވެ.

އަޅުގަނޑު ބުނިއެއްޗަކަށް ޖަވާބެއްނުދީ ، ކަރީމާއި ސާރާއާ ދެމީހުންވެގެން އަޅުގަނޑު ސާރާގެ ކޮޓަރިއަށް ގެންދިއުމަށް ހިނގައިގަތެވެ. ނޫރާ ދިޔައީ އެހެންމީހުންގާތަށެވެ. އެކޮޓަރިން އަޅުގަނޑުމެން ނުކުތްއިރުވެސް ، ހާދީއާއި ޢަލީ ހީ އަޑުގަދަކޮށް މަޖާކުރާ އަޑު އިވެއެވެ. ކުޑައިރުކޮޅަކު ނިދައިލުމުން ، ހަށިގަނޑަށް މާ އަރާމުވެފައި އަޅުގަނޑަށް ހަމަޖެހުން ލިބޭނެކަމަށް ކަރީމުވެސް އަދި ސާރާވެސް ބުނުމާއެކު ، ސާރާގެ ކޮޓަރީގައި މަޑުކޮށްލީމެވެ.

ޢަލީގެ ބަހުރުވަހުރިގޮތާއި މަލާމާތުގެ ފޮނިކަމާއި ، ބައްޕަގެ ހުތުރުބަސްތަކުން މުނީރާއަށް އެލިބުނު ލަދުވެތިކަން އަދި އެލަދުވެތިކަމާ ގުޅިފައިވާ އަނިޔާގެމަތިން ހަނދާންވެފައި ލޮލުފިޔަވެސް ޖެހޭގޮތެއް ނުވިއެވެ. ސުޢޫދީގެ އަންހެނުންނަށް ކުރެވޭ ޖިންސީ ގޯނާއާއި އަނިޔާއަށް ދުވަހަކުވެސް ނިމުމެއް ނާންނާނެކަމުގައި ފިރިހެނުންބުނާބަހަށް ބާރުއެބަލިބެއެވެ. އެނދުގައި އެއްފަރާތުން އަނެއްފަރާތަށް ޖެހި ، ފުރޮޅި އޮވެއޮވެ ވަރުބަލި ވެއްޖެއެވެ. ރަނގަޅަށް ރޯދަވެސް ނުވީއްލާ ހުރުމާއެކު ގައިން ވާގިވެސް ދޫވާން ފަށައިފިއެވެ. އެކަމަކުވެސް ، ޢަލީއާއި ހާދީއާ އެތާ ތިއްބާ ، ހަމަހިލާ އަޅުގަނޑެއް އެތަނަކަށް ނުދާނަމެވެ. ސުޢޫދީ އަންހެނުންނަށް ކަށްވަޅުގައިވެސް އޮވެވޭނީ ފިރިހެނުން ހުއްދަދިނީމައެވެ. އެއްވެސް މިންވަރެއްގެ މިނިވަންކަމެއް އަންހެނުންނަކަށް ނުލިބޭނެއެވެ. އެހެނީ ، އަންހެނުންނަކީ އަގެއްހުރިބަޔެއްކަން ވިސްނައިލަން ބޭނުންވާ ފިރިހެނަކު ، ސުޢޫދީ ބިމަށް އަދި އުފަންވެފައެއް ނުވެއެވެ. އަޅުގަނޑަށް ލޯމެރެމުންދަނިކޮށް ، އެކޮޓަރީގެ އެއްކަނެއްގައި ބެހެއްޓިފައިހުރި ރާފުޅިއެއް ފެނުނެވެ. ސާރާއަކީ ރާބޯމީހެއްނޫނެވެ. އެކަމަކު އޭނާގެ ފިރިމީހާ އަސަދަކީ ، ފަރަންސޭސިވިލާތުން ގެންނަ ތާޒާ ރަލަށް ވަރަށްބޮޑަށް ދެވިހިފައިފާ ހުންނަ މީހެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.