ކީރިތިޤުރްއާނުގައި اللَّهُއަންގަވާފައިވާ ކޮންމެ އެންގެވުމަކީވެސް، އެ ބަޔެއްގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ބަޔަކަށް އަގުހުރި މަތިވެރި އިރްޝާދެކެވެ. އެއީ اللَّهُގެ މަގަށް މީސްތަކުންނަށް ގޮވާލައި ދަޢުވަތުދިނުންކަމުގައިވިއަސް، ނުވަތަ އެއް ބަޔަކަށް އަނެއްބަޔެއްގެފަރާތުން ކުރިމަތިވާ އަނިޔާވެރިކަމާއި ގެއްލުންތައް ޙައްލުކުރުންކަމަށްވިއަސް، އަދި އެނޫން ކޮންމެކަމެއް ކަމުގައިވީ ނަމަވެހެވެ.
اللَّهُ ވަޙީކުރައްވާފައިވެއެވެ. {ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ * وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ وَلَئِنْ صَبَرْتُمْ لَهُوَ خَيْرٌ لِلصَّابِرِينَ * وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِمَّا يَمْكُرُونَ * إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ} (النحل: 128،125)
މާނައީ: {ޙިކްމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. * އަދި ތިޔަބައިމީހުން، ޢުޤޫބާތްދޭނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތްލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން ޢުޤޫބާތްދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ. * އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّهُގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! * ހަމަކަށަވަރުން، اللَّهُ ވޮޑިގެންވަނީ، ތަޤްވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.}
ޝައްކެއްނެތެވެ. މީސްތަކުންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރަން އެންމެ ފަސޭހަ، އަދި އެންމެފުރިހަމަ ގޮތަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތެވެ. ބަދަލުހިފުމާއި ހަރުކަށިކަން ދެއްކުމަކީ، ދިރިއުޅުން ބަރުބާދުވެ ނާކާމިޔާބުވާނެ ކަމެކެވެ. اللَّهُގެ ތާއީދާއި ވާގިވެރިވެވޮޑިގަތުން ލިބުންވަނީ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް ޢަމަލުކުރުމުގައެވެ.