އަމީރާ ސުލްޠާނާގެ ނާރެސް - 11

(11 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ސާރާ، އޭނާގެ އަތް އަޅުގަނޑުގެ ކޮނޑުމަތީ މަޑުމަޑުން ބާއްވައިލިއެވެ. އަދި ފިރުމާލަމުން ބުންޏެވެ.

"އަންހެނެއްގެ ގޮތުގައި އެތައްއަހަރެއް އަންހެނުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ކޮއްކޯއެވެ! އަބަދުވެސް، ކިތަންމެގިނަދުވަހެއްވިޔަސް، މައިމީހާއަށް ދަރިފުޅުވާނީ ހަމަދަރިފުޅަށެވެ. ޚާއްޞަކޮށް އަންހެންދަރިންނަކީ، މައިންނަށް ބޮޑެތިވާނެ ބައެއްނޫނެވެ." އެއްވެސް އެއްޗެއްބުނާކަށް އަޅުގަނޑު ބޭނުމެއްނުވިއެވެ. އައިއްސަހުރި ރުޅިއާއި ލިބިފައިވާ މާޔޫސްކަމުގައި ދައްތައާވެސް ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ނުދައްކާ ވާކަށްވެސް ނެތެވެ. މިވަގުތު އެންމެ މުހިންމީ، ކޮންމެގޮތެއްހަދާފަ ނަމަވެސް މުނީރާގެ ފުރާނަ ސަލާމަތްކުރުމެވެ.  އަޅުގަނޑު މަސަލަސްކުރަމުން ސާރާވާހަކަ ފެއްޓިއެވެ.

"ސުލްޠާނާއެވެ! ދެން އެހައި ކޫސަނިނުވެ، ތަންކޮޅެއް ހަމަޖެހިލައިގެން މިކަމާވިސްނާލަމާހެއްޔެވެ؟ މުނީރާ ސަލާމަތްކުރުމަށްޓަކައި ކުރެވޭ ކޮންމެކަމެއް ރައްދުވާނީ އަހަރެމެންގެ ބޭބެ، ޢަލީއާއި ހާދީއަށެވެ. ކޮންމެ ފިޔަވަޅެއްވެސް އަޅަންވާނީ ވަރަށް ވިސްނާފައެވެ. އެމީހުންނަކީ، ކޮންމެފަދަކަމެއްވެސް ކުރެވޭފަދަ ބާރުވެރި ބަޔެކެވެ. ޚާއްޞަކޮށް، ޢަލީއަކީ، އޭނާ ބޭނުންވާ ކަމެއް ޙާޞިލްކުރުމަށްޓަކައި، ކޮންމެފަދަކަމެއްވެސް ކޮށްފާނެ މީހެކެވެ. މުނީރާ ފޮރުވައިފިނަމަ، އެމީހުން އެކުއްޖާ ހޯދާނެއެވެ. އަދި މުނީރާ ހޯދުނީމަ، ގޮތްދޫނުކުރަންވެގެން މުނީރާއާ، ހާދީ އިންނާނެއެވެ. އެހިސާބަށްދާއިރު، ހާދީއާއި ޢަލީގެ ރުޅިގަނޑު ވަރަށްގަދަވާނެއެވެ. އެހުރިހައި ހޫނެއް އަމާޒުވަނީ މުނީރާއަށެވެ. އަހަރެމެން، މިކަންކުރަން އުޅެފިއްޔާ، ހާދީއާ އިނދެގެން މުނީރާއަށްލިބޭނެ އަނިޔާއަށްވުރެ މާބޮޑެތި އަނިޔާ މުނީރާއަށް ލިބޭނެއެވެ." ސާރާ އެތައް ވާހަކައެއް އެއްފަހަރާ ކިޔައި ނިންމައިލިއެވެ.

ކޮށްޓަކަށްލާފައި އިންނަ ދޫންޏަށް މިނިވަންކަމާއެކު އުދުހިލެވޭނެ އެއްވެސްގޮތެއް ނޯންނާނެކަން ޤަބޫލުކުރެވޭ ހިންދު، މަޑުމަޑުން އިނުންނޫން އެހެންގޮތެއް ނޯވެއެވެ. މިނިވަންވާން ނުވަތަ އުދުހޭން ފުމުނު ފުމުނުހެން ގައިންފައިބާނީ ފަތެވެ. ތެޅުނުވަރަކަށް، ފައިބާ ފަތް ގިނަވާނެއެވެ. އަޅުގަނޑަށްވެސް، ސާރާ އެދެއްކި ވާހަކައިން ކުރީ އެކަހަލަ އަސަރެކެވެ. މުނީރާ ސަލާމަތްކުރަން ވިސްނިވިސްނުން ކޮޓަރީގެ އެއްކަނެއްގައި ގޮސް ހަރުލީއެވެ. އަޅުގަނޑުގެ ހަށިގަނޑުން ވާގިދޫވިއެވެ. އަދި، އެނދުމައްޗަށް ވެއްޓުނެވެ. ސާރާ އެދެއްކީ ތެދުވާހަކައެކެވެ. އެހެންކަމުން މިވަގުތަށް، މުނީރާ ސަލާމަތްކުރަން ކުރެވޭނެ އިތުރުކަމެއް ނެތްކަމަށް ނިންމާފައި ހިންދިރުވައިލީމެވެ. މުޢުޖިޒާތެއް އައިސްގެން ނޫންގޮތަކަށް، ހާދީ މުނީރާއާ ނުއިންނާނެ ގޮތެއް ނުހެދޭނެއެވެ. އެހައި ވަޙުޝީމީހަކަށް އެލިބުނު ރަނުގެ ފުރުޞަތު، ހަމަހިލާ ދޫކޮށެއްނުލާނެއެވެ. އެކަން ހުއްޓުވުމަށްޓަކައި، އަޅުގަނޑުމެންކުރެ، އެއްވެސްމީހަކަށް ކުރެވޭނެ ހަމައެއް ކަމެއްވެސް ނޯންނާނެއެވެ.

ސާރާ ގެޔަށްދިއުމުންވެސް، އަޅުގަނޑަށް އެނދުމަތީ ނުތެދުވެވި އޮތީމެވެ. ނާއުއްމީދުވެގެންގޮސް، ގައިތެރޭ ހިނގާ ލޭގެވިންދުވެސް ހުއްޓިގެންގޮސްފައިވާ ކަހަލައެވެ. 9 ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މާގިނަކަންތައްތަކެއް ހިނގާކަމުގެ ހިލަމެއް ނެތިއެވެ. މުނީރާގެ ކައިވެނި ކުރަން އޮތީ ހަވީރުއެވެ. އެދުވަސް އެއައީއެވެ. އެފަކީރުގެ ފުރާނަނެތް މަސްގަނޑު ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހާދީގެ ވަޙުޝީ ޢަމަލުތަކުގެ ޝިކާރައަކަށްވެގެންދާވަގުތު، މުނީރާގެ ރުއިމުގެ އަޑު މިހާރުވެސް އަޅުގަނޑަށް އިވޭ ކަހަލައެވެ. ޗުއްޓީ ދަތުރުގައި،  މިޞްރުގެ 8 އަހަރުގެ ތުއްތު އަންހެންކުއްޖާ ނޮޅަލައި އެކުއްޖާއަށް ހާދީ ހަދައިލިގޮތް އަދިވެސް އަޅުގަނޑުގެ ލޯމަތިން ފެންނަ ކަހަލައެވެ. އެކަމަށް ހިތްވަރުދޭންހުރީ މުނީރާގެ ބައްޕަ ޢަލީއެވެ. މިދެމީހުން އެއްވެގެން އެކުރެވޭ ނުބައި، ފާފަވެރި ޢަމަލުތައް ޝައިޠާނުން ކުރާ ކަނކަމަށްވުރެވެސް ނުބައިވެފައި ނުލަފާ ވާނެއެވެ.

ޢަލީއަކީ، މަޤާމާއި ނުފޫޒުގެ ގޮތުން، ޝާހީޢާއިލާގައި ވަރަށް އިސް ޕްރިންސެކެވެ. އެހެންކަމުން، ޢަލީގެ ދޮށީއަންހެންދަރި، މުނީރާގެ ކައިވެނީގެ ހުރިހައިކަމެއްވެސް، ވަރަށްގާތުން ޢަލީ ބަލަމުން ގެންދެއެވެ. ބޮޑާކަމާއި ނުލަފާކަމުން ފުރިގެންވީ ދެސިކުނޑިޔަކުން ރާވަމުންގެންދިޔަ މި ކައިވެނީގެ ކަންކަމުގައި ޢާއިލާގެ އެއްވެސްމީހަކާ ނުބައްސައެވެ. މިކަމުގެ ސަބަބަކީ، ހާދީއާ އަޅުގަނޑުމެންގެ ޝާހީޢައިލާގެ އެއްވެސްމީހަކާ ގުޅުމެއްނެތްކަމެވެ. ޢަލީވެސް ހަމަ އެފަދައެވެ. ޚަޞީލަތާއި ޚުލްޤު ނުބައިދެމީހެއްގެ ކަމެއްގެ ތެރެޔަށް ވަންނާކަށް އެއްވެސް މީހަކު ބޭނުމެއްނުވިއެވެ. ޢަލީގެ މަޤްޞަދާއި ހާދީގެ ގޮތް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ.

މުނީރާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިއޮތީ، ކިންގ ފައިޞަލް ހޯލުގައެވެ. އެއީ ރިޔާޛުގައި ހުންނަ ވަރަށްބޮޑު ޢިމާރާތެކެވެ. ސުޢޫދީ ޝާހީ ޢާއިލާގެ ވަރަށްގިނަ ކައިވެނިތައް ބޭއްވެނީ މިހޯލުގައެވެ. ކައިވެނީގެ ރަސްމިއްޔާތު އޮތްރޭ، އަގުބޮޑު އެތައް ލިމޯސިންއެއްގައި، ޝާހީޢާއިލާގެ އަންހެން އަމީރާއިންނާއި، ޝާހީޢާއިލާގެ އަމީރުންނާއި އަމީރާއިން ދޮރުމަތީ ފުނިޖެހިފައި އޮތެވެ. އަޅުގަނޑުމެންގެ ޑްރައިވަރ މަޑުކޮށްލީ، މައިދޮރޯށިން ހަރުފަތްތަކަކުން އަރައިގެން ވަދެވެންހުރި ބިޔަ ދޮރެއްގެ އެއްފަރާތަށެވެ. ދޮރުހުޅުވައިދޭން މަޑުކޮށްގެންތިބި ދެ ގާރޑުން އައިސް އަޅގަނޑުމެންގެ ކާރުގެ ދޮރުހުޅުވައިލަދިނެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ދެބެން، ޢަރަބި ރީތި ލަވަތަކުން އެއްއަޑަކަށް މިއުޒިކުގެ އަޑުއިވެމުންދާ ހޯލަށް ވަނީމެވެ. ޢަރަބިލަވަތަކުގެ ރީތި "ބީޓަށް" ނަށައިނުލެވި ހުރެވެނީ ހަމަކިރިޔާއެވެ. އެމުޅިހޯލުގެ އެއްފާރުގައި ޖެހިފައި އަނެއްފާރުގައި ޖެހި މުޅިތަން އޮތީ މިއުޒިކްގެ ފޮނި އިޙްސާސްތަކުން ތާޒާވެފައެވެ.

އަޅުގަނޑުމެން ކަންބޮޑުވެ ދެރަވެފައިތިއްބަސް، އެރަސްމިއްޔާތަށް އަންނާނީ އަޅުގަނޑުމެން ކަހަލަ ރަސްމަތިފުށުގެ މީހުން، އަދި، ޝާހީޢާއިލާއާ ޚާއްޞަގުޅުމެއް އޮންނަ އަންހެނުންކަން އަޅުގަނޑަށް އެނގެއެވެ. ކައިވެނިކުރާ ހާދީއާއި އޭނާގެ ބައްޕައާ އަދި ކައިވެނިލައިދޭ މީހާ ފިޔަވައި މާގިނަ ފިރިހެނުންނެއް މިކަހަލަ ރަސްމިއްޔާތަކުން ނުފެންނާނެއެވެ. އަޅުގަނޑުގެ ޤައުމުގައި ކައިވެންޏާގުޅިގެން، ކައިވެނީގެ ޙަފުލާ ބޭއްވެނީ ފިރިހެނުންނާއި އަންހެނުންނަށް ވަކިންނެވެ. ވަކި ދެތަނެއްގައެވެ.  އަޅުގަނޑުމެން ހުރިހައި އަންހެނުން، ކިންގ ފައިޞަލް ހޯލަށް އައިއިރު، ހުރިހައި ފިރިހެންވެރިން ޖަމާވަމުންދިޔައީ، ރިޔާޛުގައި ހުންނަ ޢަލީގެ ގަނޑުވަރަށެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ދެބެން ގޮވައިގެން ހޯލުތެރެޔަށް ވަތްއިރު، ރަތް ހެދުމުގައި ތިބި ޚާދިމުން ފެނުނެވެ. އަޅުގަނޑުމެންގެ އަތްދަބަހާއި ހެދުމާ އެކުދިން ޙަވާލުވިއެވެ. އަޅުގަނޑުމެން ލައިގެންތިބީ، މީގެ އަހަރެއްހައިދުވަސްކުރިން، ޕެރިހަށް ކުރި ދަތުރެއްގައި ގަނެފައިއޮތް، ވަރަށް އަގުބޮޑު ހެދުމެވެ. ތިންމައިންވެސް ލައިގެންތިބީ، ނަން މަޝްހޫރު ޑިޒައިނެއްގެ އަގުބޮޑު ހެދުމެވެ. އަޅުގަނޑުލައިގެންހުރީ، އިޓަލީގެ ލޭސްއެޅި، ކަޅުކުލައިގެ

ހައެއްކަދުވަސްކުރިން، މުނީރާގެ ކަންތަކުގައި އަޅުގަނޑު ވެފައިހުރި ހާސްކަމާއި ހިތަށްލިބިފައިއޮތް އަނިޔާއަށް ކޮންމެވެސް ލުޔެއްހޯދައިދިނުމަށްޓަކައި، ކަރީމް ވަނީ، އަޅުގަނޑުމެން ލުބްނާނުން ގެނެސްގެން ގެންގުޅޭ ޚާދިމުންކުރެ، އިތުބާރުކުރެވޭ ޚާދިމަކު، އަޅުގަނޑުމެންގެ އަމިއްލަ ޕްލޭނެއްގައި ޕެރިހަށް ފޮނުވައިގެން، އަޅުގަނޑަށް ޚާއްޞަ ހަދިޔާއެއް ގެނެސްދީފައެވެ. އެދަތުރުގެ ހަމައެކަނި ބޭނުމަކީ އަޅުގަނޑަށް އެ ޚާއްޞަ ހަދިޔާ ހޯދުމެވެ. ކަރީމަށް އިތުބާރުކުރެވޭ ޚާދިމަކު އަމިއްލަ ބޯޓުގައި ޕެރިހަށް ފޮނުވީވެސް އެހެންވެއެވެ. ކަރީމް އަޅުގަނޑަށް ގެނެސްދިނީ، 10 ބަރިޔަށް ޑައިމަންޑް އަތުރައި ގަތައިލެވިފައިވާ ވަރަށް އަގުބޮޑު އަދި ބަރު، ބޮޑު ހާރެކެވެ. މުނީރާގެ ކައިވެނީގެ ޙަފުލާއަށް އަޅުގަނޑު ދިޔައީ އެހާރު، ކަރުގައި އަޅައިގެންނެވެ.

މަހާ ލައިގެންހުރީ، ވަރަށްލޯބި، ނަންމަޝްހޫރު ޑިޒައިނެއްގެ ސިލްކު ހެދުމެކެވެ. އޭނާގެ ފުޅާ ބައިމަތިން އެހެދުން ވައްޓައިލާފައި އޮންނަ އިރު ބޮޑުމީހެއްގެ ސިފަ ޖަހައެވެ. ކަރުގައި އަޅައިފާ ހުރީ ޑައިމަންޑާ އަދި ޕާރލްއިން ގަތައިލެވިފައިވާ އަގުބޮޑު ހާރެކެވެ. އަމާނީ ލައިގެންހުރީ ގަދަނޫކުލައިގެ ގޯންއެކެވެ. އޭގެމަތިން އަމާނީ ލައިގެންހުރީ އެހެދުމާގުޅޭ ޖެކެޓެކެވެ. އަމާނީގެ ދީނީ ޢަޤީދާއާއެއްގޮތަށް، ކަރާހަމަޔަށްނިވައިވެފައި ހުރި ހެދުމެކެވެ. އެއީވެސް ހަމަ، އަގުބޮޑު ހެދުމެކެވެ.

ސުޢޫދީގައި، ޖަވާހިރާއި ގަހަނާ އެއްކޮށް، އެތަކެއްޗަށް ލޯބިކުރުމަކީ، ކޮންމެ އަންހެނެއްގެވެސް ހުންނަ ޤުދްރަތީ ސިފައެކެވެ. ފިރިހެނުން ހިތްކިޔާވަރަށް ގަހަނާއަޅައިގެން އެ ރަސްމިއްޔާތަށް އައުމަކީ، އަޅުގަނޑުބޭނުންނަމަވެސް، އަމާނީ ހިތްހަމަޖެހޭނެކަމެއްނޫނެވެ. އަޅުގަނޑުގެ ދަރިފުޅު، އަމާނީއަކީ ދީނަށްލޯބިކުރާ ކުއްޖެކެވެ. އޭނާއަށް އެނގެންޖެހޭ ބައެއް މަޢުލޫމާތު އަޅުގަނޑުވާނީ ސާފުކޮށްދީފައެވެ. ހާދީ އާއި އޭނާގެ ނޯކަރުން، ބޮޑުބޭބެ ޢަލީ ފިޔަވައެވެ. މާގިނަ ފިރިހެނުންނެއް މިޙަފުލާޔަކު ނޫޅޭނެއެވެ.

ޢަޅުގަނޑުގެ ދެއަންހެންކުދިންނަކީ، ވަރަށްލޯބި ދެކުދިންނެވެ. ފަޚުރުވެރިކަމާއެކު، ކޮންމެ މުނާސަބަތެއްގައިވެސް، ކޮންމެ ޙަފުލާއަކަށްވެސް އެކުދިން ގެންދެވިދާނެއެވެ. އެކުދިން ޒީނަތްތެރިވެގެން ނުކުމެތިބޭއިރު ފެންނަ، ކޮންމެ ފިރިހެނެއްގެ ހިތް ވެސް ކަތިވެގެންދާނެއެވެ.  މަހާއާއި އަމާނީއާ އެއްފުރައިގެ، ޢާއިލީ ކުދިންތަކެއްގެ ތެރެޔަށް އެދެބެން ދޫކޮށްލާފައި، މައިހޯލުތެރެޔަށް އަޅުގަނޑު ޖެހިލީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.