އަމީރާ ސުލްޠާނާގެ ނާރެސް - 47

(22 ޖޫން 2022 ގެ ބަޔާ ގުޅޭ)

އެތައް އިރެއްވަންދެން، އަޅުގަނޑުގެ އެ މަސްތީޢާލަމުގައި އެ އަނދިރިކަމުގައި ސިކުނޑި ދައުރުވިއެވެ. ކުރީގެވެސް އަދި މިހާރުގެވެސް އެއްވެސް މަޢުލޫމާތެއް ސިކުނޑީގައި ޙަރަކާތެއް ނުކުރެއެވެ. އަޅުގަނޑުގެ ކަންބޮޑުވުމަކުން އަޅުގަނޑަކަށް މަޢާފެއް ނެތެވެ. އެ ޙާލަތުގައި، އެއްވެސްވިސްނުމެއް ފިކުރެއް އަދި ޚިޔާލެއްނެތި ނދީގެ ޢާލަމުގައި އޮތުމުގެ އުފާ ލިބުނެވެ. އެހުރިހާކަމަކަށް ނިމުންއައީ، އަނެއްދުވަހުގެ ހެނދުނުއެވެ. ގޭތެރޭގައި އެކި ކަންކަމުގައި ހެލިފެލިވެ އުޅޭ މީހުންގެ އަޑުފަށްގަނޑަށެވެ.

އަޅުގަނޑަށް ހޭލެވިގެން ލޯހުޅުވައިލިތަނުން ފުރަތަމަވެސް ފެނުނީ ކަރީމެވެ. ލޯހުޅުވުނީ އޭނާގެ މޫނަށެވެ. އޭނާގެ ހަނދާންތައް އައުވިއެވެ. އަދި އޭނާގެ އަންހެނުން މަސްތުގެ ޙާލަތުގައި އެނބުރި އޭނާގެ ގާތަށް އަތުވެއްޖެކަމުގައި ބެލިއެވެ. ރޭގެ ޙާދިސާއަކީ ހުވަފެނެއްކަމުގައި ބަލައި އަޅުގަނޑުގެ ދެލޯ ރަނގަޅަށް  ތަގުޅިކޮށްލީމެވެ. އަދި ރޭ ހިނގި ކަންތައްތަކަކީ ނުވާކަމެއްގެ ގޮތުގައި ލެއްވުންއެދި ﷲ އަށް ދުޢާކުރެވުނެވެ.

އަޅުގަނޑު، ކަރީމާ ދިމާއަށް ބަލައިލުމުން، ﷲ އަޅުގަނޑުގެ ދުޢާ އިޖާބަނުކުރައްވާކަން އިޙުސާސްވިއެވެ. އަޅުގަނޑު ރޭގައި ސިއްރުން ބުއިބުއިންތައް ސިއްރުކުރެވެންނެތްކަމުގައި، ކަރީމުގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތާމަވެރި އަސަރުތަކުން އެނގުނެވެ. އެއްވެސް އެއްޗެކޭ ނުބުނިނަމަވެސް، އަޅުގަނޑަށް ރޭ އެއުޅެވުނީ މަސްތުގެ ޙާލަތުގައިކަން ސިއްރުނުވާކަން، އަޅުގަނޑުގެ ފިރިމީހާގެ ހަމަހިމޭންކަމުން ކިޔައިދިނެވެ.

"ސުލްޠާނާއެވެ! ޙާލު ކިހިނެއް ހެއްޔެވެ؟" އަޅުގަނޑުގެ ފިރިމީހާގެ އަޑުގައިވަނީ، އާދަޔާޚިލާފު މަޑުމައިތިރި ކަމެކެވެ.

އަޅުގަނޑުގެ ދުވަސް މިދިޔައީކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. އަދި އަޅުގަނޑުގެ ނިމުމަކަށް ވާނީ، ވަރިކުރެވިފައިވާ އެކަނިވެރި އަންހެނަކަށް ވުމެވެ. އަޅުގަނޑަށް ލިބިފައިވާ ހާސްކަމާއި ބިރުވެރިކަން އިންތިހާއަށްގޮސް، އަނގައިން އެންމެބަހެއްވެސް ބޭރެއް ނުކުރެވުނެވެ. އަނެއްކާވެސް ކަރީމް އަޅުގަނޑަށް ގޮވައިލިއެވެ. އަޅުގަނޑުވެސް އާނއެކޭ ބުނެ، އަޅުގަނޑުގެ ޙާލު އެހާ ރަނގަޅުނޫންކަމަށް ބުނީމެވެ. އަދި އެކަކުއަނެކަކާދިމާއަށް ބަލަހައްޓައިގެން، އަނގައިން ނުބުނެ އެތައް އިރަކު ތިބެވުނެވެ. އަނގައިން ބުނެ ވާހަކައެއް ދައްކަންފެއްޓޭވަރަށްވުރެ ދެމީހުންނަށް ލިބިފައިވާ ހާސްކަން ބޮޑެވެ.

އަނގައިން ނުބުމެ ހަނުހިމޭނުންތިބި އެވަގުތުކޮޅު، އަޅުގަނޑުގެ ހަނދާންތައް އާވަމުން ދިޔައެވެ. މަސްތުގެ ބުއިންތައް ބޭނުންކުރުމުގައި އަޅުގަނޑުގެ ގޯސް އާދަ، ކަރީމަށް އެނގެނީ ކިހާވަރަކަށްކަން، އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ނަފުސަށް ހަނދާން ކޮށްދިނީމެވެ. ޢަރަބިން ބޭނުންކޮށްއުޅޭ ހަރުބަހެއްގެ މާނައަށް، އަޅުގަނޑު ވިސްނައިލުން ރަނގަޅުކަމަށް ބެލީމެވެ. އެއީ، "ތިބާގެ ދުލަކީ ތިބާގެ އަހެވެ. އެ، ގެއްލިދިއުމަށް ފުރުޞަތުދީފިނަމަ، ތިބާއަށް އެ، ކެހިދޭނެއެވެ."

އަޅުގަނޑުގެ މަސްތުގެ ޙާލަތަކީ ޢާންމުކޮށް ދިމާވާކަމެއްނޫންކަމަށް، ކަރީމް ޤަބޫލުކޮށްފާނެކަމުގެ ފަނޑު އުއްމީދެއް އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑުމެންގެ ކައިވެނީގެ ޙަޔާތުގައި، ދެމީހުންއެކުގައި ބޮވިފައިވާ ކިތަންމެފަހަރެއް ހުންނާނެއެވެ. އަދި އެކަމާ ކަރީމް ހިތްނުތަނަވަސްވެފައެއްވެސް ނެތެވެ.

"ސުލްޠާނާއެވެ! އަހަރެމެން ވާހަކަދައްކާލަން އެބަޖެހެއެވެ." ކަރީމް އެންމެފަހުން ބުންޏެވެ. އަޅުގަނޑު އޭރުވެސް ހަނުހިމޭންކަންމަތީ އިނީމެވެ. ކަރީމްގެ ލޯ އުނގުޅައިލުމަށްފަހު، ފުންނޭވާއެއްލިއެވެ.

"އަހަރެން ރޭ ހަތަރުދަމު އޮތީ ނުނިދިއެވެ." އަނެއްކާވެސް ކަރީމް އަޅުގަނޑަދިމާއަށް ބަލަހައްޓައިގެންހުރެ ބުންޏެވެ.

"އަހަރެންނަށް ތި ބުއިމުގެ ކަންތައް ފޮރުވަން ސުލްޠާނާ މަސައްކަތްކުރާނީ ކިހާ ދުވަހަކު ހެއްޔެވެ؟" ކަރީމް ބުންޏެވެ.

"ބުއިމުގެ މައްސަލަ ހެއްޔެވެ؟" ކަރީމް ސުއާލުކުރިގޮތަށް އަޅުގަނޑަށް އަހައިލެވުނެވެ. އަޅުގަނޑުގެ މިސުއާލަށް ޖަވާބުދިނުމުގެ ބަދަލުގައި، ކަރީމް އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަޅުގަނޑު އަޑުއަހަން ބޭނުންނުވާ ވާހަކަ ކަރީމް ބުނާނީ ވަރަށް މަޑުންނެވެ.

"ރަނގަޅަށް ފެނި ސާފުވުމަށްފަހު، އެއާއިދިކޮޅުހަދާ އެއްބަސްނުވުމަށް، އަހަރެމެންގެ ވަގުތު ނަގާނުލާށެވެ. އަހަރެން ސާރާ އާ ވާހަކަ ދައްކައިފީމެވެ. އަހަރެން ރަށުންބޭރަށް ދިޔައިމަ، ސުލްޠާނާ އެއްވެސް ޙައްދެއްނެތި ބޯކަން އަހަރެންނަށް މިހާރު އެނގިއްޖެއެވެ.  އަޅުގަނޑަކަށް އެކަމާ ދެބަސްވެވޭކަށް ނެތެވެ. ކަރީމްގެ މޫނަށް ބަލައިލީމަ ހުރިހާ އެއްޗެއް އޭނާއަށް އެނގިއްޖެކަން ސާފުވެއްޖެއެވެ." އެކަމުގެ ހާސްކަމުގައި އަޅުގަނޑުގެ މޭ ފިތިގެން ދިޔައެވެ. އަދި އަޅުގަނޑަށް ރޯން ފެށުނެވެ.

"އަލުން ހުރިހާކަމެއް އިހުއޮތްގޮތަކަށް ނުއޮންނާނެއެވެ." ރޮމުން ރޮމުން  އަޅުގަނޑަށް ބުނެލެވުނެވެ. މިހާރުވެސް، އަޅުގަނޑު ބޯ ވާހަކަޔަކީ، ޢާންމުކޮށް، މިއޮއްބޮޑު އާލްސަޢުދު ޝާހީ ޢާއިލާގެ ތެރޭގައި އެންމެންވެސް ދައްކާ ވާހަކައެކެވެ. އަޅުގަނޑުގެ ތަޞައްވުރު އެއްކޮށް މިއަވަދިވީއެވެ.

"ސުލްޠާނާ ތިރޮނީ ކުޑަކުއްޖެއްފަދައިންނެވެ. އަންހެނެއްފަދައިން، ތިކުރިކަމެއް ދިފާޢުނުކުރެވޭ ޙާލަތުގައެވެ." ކަރީމްގެ ބަސްތައް އަޅުގަނޑުގެ ހިތް ތޮރުފަމުން ގެންދިޔައެވެ. ތޫނު ޚަންޖަރަކުން ރޮނގަކަށް ތަނެއް ކަފައިގެންދާ މިސާލުގައެވެ. އެކަމަކުވެސް އަޅުގަނޑުގެ ގިސްލުމާއި ރުއިމަށް ހުއްޓުމެއް ނުގެނެވުނެވެ. މިކަން މިއޮތީ އޭގެ އެންމެ މައްޗަށްގޮއްސައެވެ. ބުއިމަށް އަޅުގަނޑު ދެވިހިފާފައި ހުންނަވަރު މިއޮތީ ވަރަށް ސާފުކޮށް ބޭޒާރު ވެފައެވެ. އަޅުގަނޑުގެ ދުވަސް މިދިޔައީއެވެ. ކަރީމް، އަޅުގަނޑު ވަރިވެސް ކުރާނެއެވެ. މިކަމާގުޅިގެން އަޅުގަނޑުގެ ކުދިންގެ މުސްތަޤްބަލް އެއްކޮށް ހަލަކުވެގެންދިޔައީއެވެ. އަޅުގަނޑުގެ ޙަޔާތަށް މިއައި އަނދިރިކަމަށް އަޅުގަނޑުގެ ބޭބެ ޢަލީ، މާލާމާތްކޮށް އުފާކުރާނެއެވެ.

މިދުނިޔެ ދޫކޮށްފައިވާ އަޅުގަނޑުގެ ބައްޕަގެ ފުރާނަޔަށް ވޭންލިބޭނެއެވެ. ބައްޕަގެ ދޮށީ އަނބި ފަޟީލާގެ އެންމެ ހަގު އަންހެންދަރި، އަޅުގަނޑުގެ ފުށުން ދުނިޔޭގައި މިދިމާވި ކަންކަމާމެދު ހިތާމަކުރައްވާނެއެވެ. ބައްޕައަކީ ދުނިޔޭގައި ހުންނެވިއިރުވެސް، އަޅުގަނޑަށް އުޅެވޭގޮތުން އަޅުގަނޑުދެކެ ފޫހިވެފަ ހުންނަވައެވެ. އެކަން ޙަޤީޤަތަކަށްވެ ފޫހިވާނެ ސަބަބުތައް މިހާރު މިއޮތީ ފެންނާށެވެ. މިހުރިހާ ޚިޔާލުތަކަކާއެކު އަޅުގަނޑަށް ލިބުނު ހާސްކަމާއި ހިތްދަތިކަން އިތުރު ވެގެން ދިޔައެވެ. އަޅުގަނޑުގެ ރުއިމުން ކަރީމުގެ ހިތަށް ހަމްދަރުދީ އުފެދުނެވެ. އޭނާ ތެދުވެގެން އަޅުގަނޑާދިމާއަށް އައެވެ. އެނދުގެ ކަނުގައި އިށީނދެއިނދެ އަޅުގަނޑުގެ ބޯ އިސްތަށިގަނޑު މޫނުމަތިން ނަގައި ފަހަތަށް އެއްލިއެވެ.

"ސުލްޠާނާއެވެ! އަހަރެން ސުލްޠާނާދެކެ ރުޅިއެއް ނާދެއެވެ. އަހަރެން ރުޅިއައިސްމިހުރީ އަހަރެންގެ އަމިއްލަ ނަފްސު ދެކެއެވެ."

"ކަރީމުގެ އަމިއްލަނަފްސުދެކެ ރުޅިއަންނަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟" ޙައިރާންކަންމަތީ އިނދެ އަޅުގަނޑަށް އަހައި ލެވުނެވެ.

"އަހަރެންގެ ކުރިމަތިން ފެންނަ ކަންކަމަށް އަޅައިނުލެވި އަހަރެން ފެއިލްވީއެވެ." ވަރަށް ފަރުވާތެރިކަމާއި އޯގާތެރިކަމާއެކު އަޅުގަނޑުގެ ލޮލުން ކަރުނަ ފޮހެލަދެމުން ކަރީމް ބުންޏެވެ.

"ވިޔަފާރީގެ ތެރޭގައި އަވަދިނެތި އުޅެންހަދައިގެން އަހަރެންނަށް، ސުލްޠާނާގެ މައްސަލަތައް ވަކިކޮށް ދެނެގަތުމަށް އުނދަގޫވީއެވެ. އެހާބޮޑަށް ވިޔަފާރީގައި މަސްޣޫލުވެ ނޫޅުނުނަމަ އަހަރެންނަށް، ސުލްޠާނާގެ މައްސަލަތައް މާކުރިން އެނގުނީހެވެ. އަހަރެންނަށް މަޢާފު ކުރާށެވެ!" ކަރީމް ދެރަވެފައި އިނދެ ބުންޏެވެ.

އަޅުގަނޑުގެ ލޮލުންފައިބަމުންއައި ކަރުނަތައް ހުއްޓުނެވެ. އަޅުގަނޑުގެ ތަކުލީފުތައް ކަރީމްގެ ކޮނޑުގައި އަމިއްލަޔަށް އުފުއްލުމަށް ތައްޔާރެވެ. އަޅުގަނޑަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ސަބަބަކީ ކަރީމުކަމުގައި އަމިއްލަޔަށް ބަލައިގަތީއެވެ. އެކަމުގައި އަޅުގަނޑުގެ ކުށެއްނެތްކަމަށް، ކަރީމްވެސް އިޢުތިރާފުވީއެވެ. މިފަހަރުވެސް އަޅުގަނޑު ސަލާމަތްވީއެވެ. އިތުރު ފުރުޞަތެއް ލިބުމާއެކު، އަޅުގަނޑުވެސް ކަރީމާ އެއްބަސްވުމަށް ނިންމީމެވެ. ވިޔަފާރީގެ ޙަރަކާތްތަކުގައި ކަރީމް އަވަދިނެތި އުޅެނީ މާބޮޑަށެވެ. އޭނާ އަޅުގަނޑަށް އަޅައިނުލައި ފަރުވާ ކުޑަކޮށްލީއެވެ. ލިބުނުކާމިޔާބީއަށް ފަޚުރުވެރިކަމާއެކު، އަޅުގަނޑުގެ ޚިޔާލު ހުށަހެޅުމަށް އަނގަ ހުޅުވާލަން ތައްޔާރުވި ވަގުތު، އަޅުގަނޑުގެ މަންމަގެ ރޫޙު ކޮޓަރިތެރޭގައިވާ ކަމުގެ އިޙުސާސް ކުރެވިގެން ދިޔައެވެ. އަޅުގަނޑަށް، ކޮޓަރިތެރެޔަށް ވަށައިގެން ބަލައިލެވުނެވެ. މަންމައެއް ނުފެނުނެވެ. އެހެންނަމަވެސް، މަންމަ އަޅުގަނޑުމެންނާއެކު މިވަގުތު އެބަވާކަމުގައި އަޅުގަނޑަށް ބެލުނެވެ. ކަރީމާއި އަޅުގަނޑުގެ ކުރިމަތިލުމާއި އަޅުގަނޑުމެން ދެމަފިރިންގެ މެދުގައި މިހިނގައިދިޔަ ކަންކަމާއި ދެކެވުނު ވާހަކައަށް ހެކިވުމަށްޓަކައެވެ.

"ސުލްޠާނާ! ކިހިނެއްވީ ހެއްޔެވެ؟ އަޅުގަނޑުގެ މޫނުގައި ފިރުމާލަމުން ކަރީމް ބުންޏެވެ. ހަމއެއާއެކު މަންމަގެ ރޫޙު އެތަނުގައި އެބައުޅޭކަމުގެ އިޙުސާސް ބޮޑުވެގެން ދިޔައެވެ. އެހެން އަންހެނުންނަށް ދިމާނުވާނެފަދަ ކަންތައްތަކެއް އަޅުގަނޑަށް ތަޖުރިބާކުރެވެމުންދާކަން ހާމަކުރުމަށް އަޅުގަނޑަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެކަމަށް އިސްނެގޭހާ ހިތްވަރެއް އަޅުގަނޑަކަށް މިހާތަނަކަށް ލިބިފައެއް ނުވެއެވެ." އެވަގުތު ހަމަހިމޭން އަޑަކުން އަޅުގަނޑަށް ދިން ނަޞޭޙަތެއްގެ އަޑު އިވުނެވެ. ހަމަޖެހުމާއި އުފާވެރިކަމުގެ ޙަޤީޤީ ދިރިއުޅުމެއް އަޅުގަނޑު ބޭނުންނަމަ އަޅުގަނޑުގެ ކިބައިގާހުރި ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހެއެވެ.

ވާހަކަ ދައްކަންފަށާނެގޮތެއް ނޭނގި އެތައްއިރެއް، އަޅުގަނޑަށް ހޭދަކުރެވުނެވެ. އެހެންނަމަވެސް، ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފަށަން އެބަޖެހެއެވެ. ލިބުނު ފުރުޞަތުގެ ބޭނުންވެސް ހިފަން އެބަޖެހެއެވެ.

"ކަރީމެވެ! އަހަރެން ދެން މިލަދުވެތި ކާމިޔާބީ ހޯދާކަށް ނޫޅޭނަމެވެ. މިއީ ކަރީމްގެ މައްސަލައެއް ނޫނެވެ. އަހަރެންގެ އަމިއްލަ ކަމެކެވެ. އަހަރެންގައި ހުރި އުނިކަމެކެވެ. ކަރީމުގެ އެއްވެސް ކުށެއްނެތެވެ. ކަރީމުގެ އަމިއްލަ ނަފުސަށް  އެކަމުގެ އިލްޒާމް ނުއަޅުވާށެވެ. މިހުރިހާކަމެއްގެ ޒިންމާ އުފުލަން ޙައްޤުކަންބޮޑީ އަހަރެންނެވެ. ބުއި އެއްޗެއްބުއީ އަހަރެންނެވެ. އެހެންވީމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޚުދު އަހަރެންނެވެ." މިވާހަކަ އަޅުގަނޑަށް ކުރިންވެސް އޮތީ ބުނެވިފައެވެ. އެކަމަކު އެކަމުގެ ނާޒުކުކަމާއި ދިމާވެދާނެ ކަންކަމުގެ މައްޗަށް އެހާބޮޑަށް ވިސްނާލެވިގެން ޢަމަލުކުރެވިފައެއް ނުވެއެވެ. އިންސާނާ އިޞްލާޙުވާނީ، އޭނާއަށް ކުރެވޭ ކުށް ޤަބޫލުކޮށްގެންނެވެ. ކުށް ޤަބޫލުނުކުރެވޭނަމަ، އިޞްލާޙުވާން އޮންނަ ހުރިހާމަގެއް ބަންދުވާނެއެވެ. ކަރީމުހުރީ އަޅުގަނޑުގެ އާ ވިސްނުމުގެ އިޙްސާސްތަކުގައި ޙައިރާންވެފައެވެ.

"އަހަރެން ވަޢުދުވަމެވެ. މިވަގުތުން ފެށިގެން، އަހަރެންގެ ނޭދެވޭ އާދަތަކާ ދުރުވުމަށް ގަދައަޅާ މަސައްކަތް ކުރާނަމެވެ." ކަރީމާ ދިމާއަށް ބަލައިލައި ހީލަމުން އަޅުގަނޑު ބުނީމެވެ.

"ސުކްޠާނާއެވެ! އެކަންޏެއް ނޫނެވެ. އަހަރެމެން ދެމީހުން ގުޅިގެން އެކުގައި މަސައްކަތްކޮށް، ތިކަމާ މަސައްކަތްކުރާނީއެވެ." ކަރީމް އަޅުގަނޑު އޭނާއާ ގާތްކޮށްލައި ބައްދާލަމުން ބުންޏެވެ. ކަރީމުގެ މުށުތެރޭގައި ވުމަކީ އަޅުގަނޑަށް އެހާ އުފަލާއި އަރާމު ލިބޭ ކަމެކެވެ. މަސްތުގެ ޙާލަތުގައި އެކުރެވުނުކަމަކާއި އެކަމުގައި ކުރިން ހެދިފައިވާ ދޮގުތަކުގެ ކައްފާރާއެއްގެ ގޮތުގައި އަޅުގަނޑުގެ ޢަމަލުތައް އިޞްލާޙުކުރަން ކަނޑައެޅުނު ޢަޒުމުން ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. އަދި ހަމައެއާއެކު މޫނުމަތިން ގެއްލިފައިވާ އުފާޥެރިކަން އަނބުރާ އައެވެ.

ކަރީމަށްވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު ކަރީމު ދިޔައީ، އަސަދު ހޯދުމަށެވެ. އަސަދު ހުރީ ޖިއްދާގައިހުންނަ އަޅުގަނޑުމެންގެ ގަނޑުވަރުގައި ސާރާއާ އެކުގައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.