ދިރިއުޅުމަކީ ގިނަގުނަ މައްސަލަތަކާއި ހިތްހަމަނުޖެހުންތައް ތަޖުރިބާކުރަން ޖެހިފައިވާ ކަމެކެވެ. ދިމާވާ ކޮންމެ ކަމެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް ހިތްނުތަނަވަސްވެ ނުރުހުންތެރިކަން އިސްކުރުމަކީ، އިންސާނީ ޠަބީޢަތުގައިވާ ސިފައެއް ކަމުގައިވީ ނަމަވެސް އިސްލާމްދީން ގޮވައިލަނީ ޢަފޫކޮށް ހިތްހެޔޮކުރުމަށެވެ. އެއީ اللَّهُގެ ރުއްސެވުމާއި ފާފަ ފުއްސެވުން ލިބުމުގެ ޛަރީޢާއެއްކަމުގައި ލައްވާފައިވެއެވެ.
އެއްވެސް މީހެއް ނުވަތަ ބައެއްގެކިބައިން ތިމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވީ ނަމަވެސް އެ ކަމުގައި ރުޅިވެރިކަމާއި ބަދަލުހިފުން އިސްކުރުމުގެ ބަދަލުގައި ޢަފޫކޮށް ހިތްހެޔޮކުރުމަށް اللَّهُ އަމުރުކުރައްވައި ވަޙީކުރައްވާފައިވެއެވެ.
{وَلَا يَأْتَلِ أُولُو الْفَضْلِ مِنْكُمْ وَالسَّعَةِ أَنْ يُؤْتُوا أُولِي الْقُرْبَى وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ} (النور: 22) މާނައީ: މާނައީ: {ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، اللَّهُގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށްމާފުކުރާހުށިކަމެވެ! اللَّهُ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّهُއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.}
މިފަދަ އެހެން އާޔަތެއްގައި އިރްޝާދުދެއްވާފައިވަނީ މިފަދައިންނެވެ. {خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ} (الأعراف: 199) މާނައީ: {ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ!}
ޝައްކެއްނެތެވެ. އަމާން، ޞުލްޙަވެރި، އަދި ހިތްހަމަޖެހުން ލިބެނިވި ދިރިއުޅުމެއް ބޭނުން ކޮންމެ ބަޔަކުވެސް، މި މަތިވެރި އިލާހީ އިރްޝާދަށް ޢަމަލުކުރުން ހުއްޓެވެ. އެހެން ނޫންނަމަ ދިރިއުޅުމަކީ އަހުވައެއްކަމުގައިވެ، ޙައްލުކުރުން އުނދަގޫ މައްސަލަތައް ފުނިޖެހިފައިވާ ކަމެއްކަމުގައި ވެދާހުއްޓެވެ.
ދިރިއުޅުމުގައި ދިމާވާ ދެބަސްވުންތަކާއި ޚިލާފުތައް ޙައްލުކުރުމުގައި اللَّهُތަޢާލާ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން!