(5 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)
މުނީރާއަށް ދިމާވެފައިވާފަދަ ހިތްދަތި އެއްވެސް ޙާލަތެއް، އަޅުގަނޑުގެ ދެބެން، މަހާއާއި އަމާނީއަށް ދިމާނުވާނެކަން، އަޅުގަނޑުމެން ދެމަފިރިން ކަށަވަރު ކުރާނަމުއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް، އެބައިމީހުން ބޭނުންނުވާކަންކަން ގަދަބާރުން މަޖުބޫރުކުރުވުން އޮންނަނީ މަނާކުރެވިފައެވެ. އެހެނަސް، އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެތައްކަމެއް ނުބައިގޮތުގައި މާނަކޮށް، އިންސާނުން އަމިއްލަޔަށް އެދަނީ ބަދަލުކުރަމުންނެވެ.
"އެއީ މުނީރާއާ ދެވަން، ދެންކާކު ހެއްޔެވެ؟" ކަރީމް އަޑުގެނެތްތަނަށް ހަޅޭއްލަވައިގަތެވެ.
"ކަރީމަށް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ." އަޅުގަނޑަށް ގިސްލެވެމުންގޮސް ބުނެލެވުނެވެ. ހަމައެއާއެކު ސާރާގެ އަޑު އިވުނެވެ.
"އެއީ ވަރަށްބޮޑު މުޞީބާތެކެވެ." ސާރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކޮނޑަށް އޮހެމުންދިޔައެވެ. ބުނެބަލާށެވެ! އެއީ ކާކު ހެއްޔެވެ؟ އަޅުގަނޑަށް ހިތާމަވެރި ނަޒަރަކުން ކަރީމާދިމާއަށް ބަލައިލަމުން ބުނެލެވުނެވެ.
"ޢަލީ އެއުޅެނީ، އޭނާގެ މުސްކުޅި ރަޙުމަތްތެރިޔާއާ، ޢަލީގެ ދަރިފުޅު ދެވާށެވެ."
"މުސްކުޅިވީ ހަމައެކަނި ޢުމުރުން އެކަނި ހެއްޔެވެ.؟ ދެގޮތަށްވެސް މުސްކުޅިއެވެ. ޢުމުރުން ދުވަސްވީ މީހެކެވެ. ޢަލީއާ އެއް ޢުމުރެއްގެ ދުވަސްވީ ރަޙުމަތްތެރިއެކެވެ." އަޅުގަނޑަށް ބުނެވުނެވެ.
"ސުލްޠާނާއެވެ! އަހަރެން ހާސްކުރަން ނުހަދާށެވެ! ތިދައްކަނީ ކާކުގެ ވާހަކައެއް ހެއްޔެވެ؟" ކަރީމް ރުންކުރުގޮތަކަށް އަހައިފިއެވެ.
ސާރާއަކަށް މަޑެއްކޮށެއް ނުއިނދެވުނެވެ. ހިތްވަރުކޮށްފައި ކޮޅަށް ތެދުވެ، ކަރީމާދިމާއަށް ކުރިމަތިލައި ބުންޏެވެ.
"އެއީ ހާދީއެވެ! ޢަލީގެ ދުވަސްވީ، މުސްކުޅި ރަޙުމަތްތެރިއެކެވެ. އެއްވެސް އުޅުމެއްނެތް ވަޙުޝީ ހާދީއެވެ."
އަޅުގަނޑުގެ ފިރިމީހާ، ކަރީމްގެ މޫނުމަތި ހުދުވެގެންދިޔައެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ކުރަކިއަޑަކުން އަހައިލިއެވެ.
"މިޞްރަށްކުރި ދަތުރުގައި އަހަރެމެންނާއެކު އެއުޅުނު ހާދީ ހެއްޔެވެ؟" އަޅުގަނޑު ބޯ ހޫރުވައިލަމުން އާއެކޭ ބުނީމެވެ.
"ޔާރައްބީއެވެ! ތިކަމެއް ނުކުރެވޭނެއެވެ." ކަރީމް އޭނާގެ ދަރިފުޅު ޢަބްދުﷲ އާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
"ދަރިފުޅާ ޢަބްދުﷲ އެވެ! އަހަރެމެންގެ ބައްދަލުވުން ފަހަށް ބާއްވަމާ ހިނގާށެވެ! ޢަލީއާ ބައްދަލުކޮށް ވާހަކަދައްކަން، ބައްޕައެބަ ދާން ޖެހެއެވެ." ހާސްވެފައިހުރި ޢަބްދުﷲ މަޑުމަޑުން ބޯހަލުވައިލުމާއެކު އާނއެކޭ ބުނެލިއެވެ.
ހާދީއަކީ ޢަލީގެ ރަޙުމަތްތެރިއެއްނަމަވެސް، ޢަލީގެ އެއްވެސް ޅިޔަނަކު، ހާދީއާ ގާތްގުޅުމެއް ނުބާއްވައެވެ. ހާދީގެ އުޅުންގޯސްވެފައި ޢަމަލުތައް ހުންނަގޮތުންނެވެ. ކޮންމެ މީހަކުވެސް ހާދީއާ ދުރުގައި އުޅެވޭތޯ ބަލައެވެ. އޭނާއަކީ އެހައިވެސް އެންމެން ފޫހިވާ އިންސާނެކެވެ. ހާދީގެ ސިފަތައް ކަމުދަނީ ހަމައެކަނި ޢަލީއަށެވެ. އޭނާއަކީ، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންކުރެ އެކަކުވެސް ގާތްކަން ބާއްވާ މީހެއްނޫނެވެ.
ސްކޫލް ދުވަސްވަރު ހާދީއަކީ ދީނަށް ބަލައިގެން އުޅުނު މީހެކެވެ. ދިރިއުޅުމަށްޓަކައި ހާދީއަށް ލިބޭހާވެސް އެއްޗަކީ، ސަރުކާރުގައި ވަޒީފާއަދާކުރާތީ ލިބޭ އެއްޗެކެވެ. ޢަލީފަދަ ޤަދަރުވެރި އިސްމަޤާމެއްގައިހުރި، އަމީރެއްގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ނަންއަރުވައި، ހާދީ ދިރިއުޅެނީ މުއްސަނދި ދިރިއުޅުމެއްލިބިގެންވާ މީހެއްގެ ގޮތުގައި ޖަމާޢަތަކަށް ދައްކައިގެންނެވެ. ޖަމާޢަތުގައި ހާދީއަށް ލިބިގެންވާ މަޤާމަކީ، ޢަލީގެ ނަން ބޭނުންކޮށްގެން ޢަލީގެ މުއްސަނދިކަމުން އަދި ޢަލީދިނީމައި ލިބޭއެއްޗެއް ބޭނުންކޮށްގެން ހޯދާފައިވާ މަޤާމެކެވެ. ހާދީގެ އަޞްލު ނޭނގޭ މީހުންނަށް އެއީ ރަނގަޅު ފިރިއެއްގެގޮތުގައި ސިފަކުރެވިދާނެއެވެ. އެހެނަސް، ޢަލީއަށް ހާދީއަކީ ކިހާވަރެއްގެ ކާކުކަން އެނގިހުރެ، ތިމާގެ އަމިއްލަ އަންހެންދަރިފުޅު ޙަވާލުކުރަން ނިންމުމަކީ އިންޞާފެއްނޫނެވެ.
އަޅުގަނޑުގެ ދެދައްތައެއް، ޢަލީގެ މިހާރުތިބި ތިން އަނބިން ރަނގަޅަށް ދަނެއެވެ. އެތިން މީހުންގެ ފަރާތުންވެސް އެނގޭގޮތުގައި ޢަލީއަކީ ވަރަށް އަނިޔާވެރި ވަޙުޝީ މީހެކެވެ. އަދި އޭނާގެ ވަޙުޝީކަމާއި އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. އޭނާގެ އަނބިންގެ ބަހުންނަމަ ޢަލީއަކީ ޝައިޠާނާގެ އެންމެ މަޤްބޫލު ފިރިހެންދަރިއެވެ.
ކަރީމަށް މިވާހަކަ އިވުމުން އެވީގޮތާއި ކަރީމުގެ ނުރުހުން މިކަމަށް ލިބުމުން، އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ޢަލީގެ ދައްތަމެންގެ އެއްވެސް ބާރެއް އަދި ނުފޫޒެއް ޢަލީގެމައްޗަކަށް ނޯންނަކަން އަޅުގަނޑަށް އެނގެއެވެ. އެމީހުންގެ ބަހެއް ޢަލީގެ މައްޗަކަށް ނުވިކެއެވެ. އަޅުގަނޑުމެންގެ ޢާއިލާގެ މަސައްކަތުން، އެނިކަމެތި މުނީރާގެ ނާޒުކް ޙަޔާތް ސަލާމަތްކޮށްދެވިއްޖިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. އަޅުގަނޑުމެންގެ ޢައިލާގެ މީހުންނަށްނޫން އެހެންބަޔަކަށް އެކަމެއް ނުހުއްޓުވޭނެއެވެ. މުނީރާގެ ފުރާނަ ސަލާމަތްކުރެވި މިމުޞީބާތުން ސަލާމަތްވާނެ މަގެއް ދައްކަވައިފިއްޔާ ކަލާކޯއެވެ!
"ޢަލީއާ ބައްދަލުކުރާނީ ކޮންއިރަކުން ހެއްޔެވެ؟"
"މާދަމާއެވެ." ސާރާގެ ސުއާލަށް ކަރީމް ޖަވާބު ދިނެވެ. އަދި އިތުރަށް ބުންޏެވެ.
"އަސަދުވެސް ކަރީމާއެކު ދާނެއެވެ. އަދި އަހަރެން ނޫރާ އާ ފޯނުން ވާހަކަ ދައްކާނަމެވެ. އަޙްމަދުވެސް ފަހަރެއްގައި ކަލޭމެންނާއެކު ދާނެއެވެ. ކޮންމެގޮތެއްހަދާފަވެސް، މިކައިވެނި ހުއްޓުވަން އެބަޖެހެއެވެ."
ރޭވެމުންމިދާ ރޭވުންތަކާއެކު، އަޅުގަނޑަށްވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ކަރީމުވެސް އަދި އަޅުގަނޑުވެސް، މިކުޅިގަނޑާހެދި އެރޭ ނިދީ ހިތްނުތަނަވަސްކަން މަތީގައެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންވެސް އަޅުގަނޑުމެންތިބީ ދުނިޔެދެކެ ފޫހިވެފައެވެ. ޢާންމުގޮތެއްގައި އަޅުގަނޑުމެން ދެމަފިރިން ނަދައިއުޅޭ ލޯބި މާޙައުލެއް އެރެޔަކު ނުލިބުނެވެ. ހެނދުނު ހެނދުނާ އަޅުގަނޑު ނުވެސް ތެދުވަނިސް، ކަރީމް ފެންވަރައި ތައްޔާރުވިއެވެ. ޢަލީއާ ބައްދަލުކޮށް ކުރަންޖެހޭ ހަނގުރާމަޔަށް ތައްޔާރުވުމަށް ސިކުނޑީގައި އެތައްކަމެއް ރާވަމުންނެވެ. އަޅުގަނޑަށްވެސް ހަމަޖެހުމެއް ނުލިބެއެވެ. ފަހަރެއްގައި މުހިންމު ނުކުތާއެއް ކަރީމް ހަނދާން ނައްތައިލަފާނެއެވެ. އެހެންވީމާ، އެމީހުންދައްކާ ވާހަކަ އަޅުގަނޑަށް އިވުންވެސް ވަރަށް މުހިންމެވެ.
ޖެހިގެންހުރި ކޮޓަރިއަށްގޮސް، އަޅުގަނޑުގެ ބޭބެ ޢަލީއަށް، ކަރީމް ފޯނުކުރިއެވެ. އެމީހުން އެދައްކާ ވާހަކަ އަޑުއަހަން، އަޅުގަނޑުގެ ކޮޓަރީގައިހުރި އެކްޓެންޝަންގެ އަތްގަނޑު ނަގައި ކަންފަތުގައި ޖެއްސީމެވެ. ތައްމާމުގެ ގަނޑުވަރުގައި ބައްދަލުކުރުމަށް ދެމީހުން އެއްބަސްވި އަޑު އެހީމެވެ. ޤަބޫލުކުރެވޭގޮތުގައި އެރޭ ޢަލީ ނިދާނީ ދޮށީއަނބީގެ ގަނޑުވަރުގައެވެ. އަޅުގަނޑު އަވަސް އަރުވައިލާފައި މަހާގެ ކޮޓަރިޔަށް ދިޔައިމެވެ.
"އަވަހަށް ހެދުން ލައި ތައްޔާރުވެލާ ދަރިފުޅާ! އަހަރެމެން މިދަނީ ބޮޑުދައިތަ ތައްމާމާ އަދި މުނީރާ ދައްތައާ ބައްދަލުކުރަން އެގެޔަށެވެ. އެމީހުންނަށް މިވަގުތު، އަހަރެމެން ވަރަށްބޮޑަށް ބޭނުންވާނެއެވެ." މަހާ އާއެކޭ ބުނަމުން ރީތިވާން ފެށިއެވެ. އަޅުގަނޑާއި މަހާ މިދަނީ ތައްމާމުގެ ގަނޑުވަރަށޭ ބުނުމުން ކަރީމްގެ ނިތްކުރިޔަށް ރޫއެރި ދެރަވިކަން އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ.
"ސުލްޠާނާ! ތިދެމައިން ތައްމާމުގެ ގަނޑުވަރަށް ދާންބޭނުންނަމަ އެކަން ހުއްޓުވާކަށް އަހަރެންނެއް ނެތީމެވެ. އެކަމަކު ބަލައިގެން އުޅެއްޗެވެ. ކަލާގެ ބޭބެ ޢަލީއާ އަހަރެންގެ ބައްދަލުވުމަށް އެއްވެސް ގޮތަކަށް އަނގަ ނުބާނައްޗެވެ. އެކަމާގުޅިގެން ސުލްޠާނާ ދެރަވާތަނ ދެކޭކަށް އަހަރެން ބޭނުމެއްނޫނެވެ." ޢަލީ ދެރަވެފައިހުރި ރާގަކަށް ބުނެލިއެވެ.
"އެއްވެސް ގޮތަކަށް ނުބެހޭނަމެވެ. އަހަރެމެން މިދަނީ ދައްތައާއި މުނީރާއާ ބައްދަލުކޮށްލާށެވެ. އެމީހުން މިދަނޑިވަޅު އަހަރެމެންނަށް ބޭނުންވާނެނޫން ހެއްޔެވެ؟" އަޅުގަނޑު، ވަޢުދުވީމެވެ. އެކަމަކު އަޅުގަނޑު، އެމީހުންގެ ވާހަކައިގެ އަޑުނާހާނަން ކަމަށް ވަޢުދުވާކަށް ކަރީމެއް ނޭދެއެވެ.
އަޅުގަނޑުމެން އެހައި ކުއްލިގޮތަކަށް އަންނާނެކަމަކަށް ތައްމާމު ހިއެއްނުކުރެއެވެ. އެކަމަކުވެސް އަޅުގަނޑުމެން ދިޔައިމަ ހުރީ ވަރަށް އުފާވެފައެވެ. ދައްތައާ ސަލާމް ކޮށްލުމަށްފަހު، މަހާ ދިޔައީ އޭނާގެ ދައްތަ މުނީރާގެ ކޮޓަރިއަށެވެ. ކަރީމަށްވުރެ ކުރިން އެގެޔަށް ދެވުނީ އަޅުގަނޑުމެންނަށެވެ. އެހެންކަމުން، ކަރީމް އައުމުގެކުރިން، ޢަލީގެ މީޓިންގރޫމާޖެހިގެންހުންނަ ކޮޓަރީގައި މަޑުމަޑުން ވާހަކަ އަޑުއަހަން އިންނާނަންކަމުގައި، ތައްމާމުގާތުގައި އަޅުގަނޑު ވަޢުދުވީމެވެ.
"އަހަރެމެންވެސް ޙާޟިރުކޮށްފާނެއެވެ!" ތައްމާމުގާތު އަޅުގަނޑު ބުނީމެވެ.
(ނުނިމޭ)